މޫސުން
މޫސުން
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ.

މެޓް އޮފީހުން މިއަދުގެ މޫސުން ލަފާކުރާ ގޮތް ހާމަކުރަމުން ބުނީ، މިއަދު މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި މި ސަރަހައްދުތަކުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވި ނަމަވެސް، މިއަދު ހަވީރު 6:00 އާ ހަމައަށް އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

މި ދުވަސްވަރު ރާއްޖެއަށް ވައިޖެހޭނެ ކަމަށް ލަފާކުރާ މިސްރާބަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުންނެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. މުޅި ރާއްޖެއަށްވެސް އާންމު

ގޮތެއްގައި ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި ކަނޑުތަކުގައި ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.

މޫސުން ގޯސްވުމާ ގުޅިގެން، ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު