ޒަކާތް ދެއްކުން
ޒަކާތް ދެއްކުން
މޯލްޑިވްސް ޒަކާތު ހައުސްއިން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސް، އެ އަދަދު 19،266.10 އަށް އިއްޔެ ހެޔޮކޮށްފިއެވެ.

މިދިޔަ އޭޕްރިލް 21 ވަނަ ދުވަހު ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކުރި ނިސާބުގެ މިންވަރަކީ 21،836.50 ރ.އެވެ. އެހެންނަމަވެސް، އިއްޔެ އާންމުކުރި މުދަލު ޒަކާތް ވާޖިބުވާ ނިސްބަތަކީ 19،266.10 ރުފިޔާ އެވެ. އެހެންކަމުން، މިއީ ކުރިއާ އަޅާބަލާއިރު ގާތްގަނޑަކަށް 2570 ރުފިޔާ މަދު އަދަކެކެވެ.

ޒަކާތު ހައުސްއިން ބުނީ، މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ 595 ގްރާމް ރިހީގެ އަގަށް ބަލައިގެން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، މިއީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނައި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އެންމެ ފަހުން ނިޞާބަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ފަރުޟުތަކުގެ ތެރެއިން ހިމެނޭ މުހިންމު އަޅުކަމެކެވެ. ތިމާގެ އަތުގައި ހުރި މުދަލުގެ އަގު ނިޞާބުގެ މިންވަރަށް އަރައި، އެ މުދަލެއްގެ މައްޗަށް ހިޖުރީ ގޮތުން އެއް އަހަރު ފާއިތުވުމުން، އޭގެ ސާޅީސްބައިކުޅަ އެއްބައިން ޒަކާތް ނެރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ.

ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ޒަކާތު ހައުސްއިން މިހާރު ވަނީ އޮންލައިންކޮށް ފަސޭހަކަމާއެކު ދެއްކޭނެ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން ބަނޑޭރި ޕޭ މެދުވެރިކޮށްނާއި، ބައެއް ބޭންކުތަކުގެ އެޕްލިކޭޝަންތައް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި 79.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުަގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 61.6 މިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު