ކައުންސިލްގެ އިންސްޕެކްޝަންގެ ތެރެއިން
ކައުންސިލްގެ އިންސްޕެކްޝަންގެ ތެރެއިން
މާލޭގައި ހިންގަމުންދާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި މާލެ ސިޓީ ކައުންސިލުން ދޫކުރާ ”އިމާރާތް ވަކިކަމަކަށް ބޭނުންކުރުމުގެ ހުއްދަ“ އޮތްތޯ ބެލުމަށްޓަކައި ޚާއްޞަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި އިންސްޕެކްޝަނަކީ މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ފަރާތުން އިސްނަގައިގެން، ޢާންމު ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި މާލޭ ސަރަޙައްދުގައި ހިންގަމުންދާ ހަރަކާތެއް ކަމަށެވެ.

މި އިންސްޕެކްޝަންގެ ދަށުން މާލޭގެ ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގެ އިތުރުން ކުދި ޓޭކްއަވޭ ޕޮއިންޓްތައް ވެސް ދަނީ ބަލައި ފާސްކުރަމުންނެވެ. އެގޮތުން، މިހާތަނަށް ކާބޯތަކެތި ވިއްކާ 20 އައުޓްލެޓެއް ބަލައި ޗެކްކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.

މި އިންސްޕެކްޝަންގެ ތެރެއިން ވިޔަފާރިކުރާ ތަންތަނުގެ ހުއްދަތައް ޗެކްކުރުމުގެ އިތުރުން، އެ ތަންތަނުގެ ދުންހޮޅިތަކުގެ މައްސަލަތަކާއި ތަނުގެ ޢާންމު ސާފުތާހިރުކަން ހުރި މިންވަރު ވެސް ވަނީ ވަރަށް ގާތުން ބަލާފައެވެ. އަދި އެ ތަންތަނުން ކުނި މެނޭޖްކުރާ ގޮތްތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާ ސުވާލުކޮށް، ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ ގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަން ވީއެންމެ އަވަހަކަށް އިޞްލާޙު ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ހަމައެއާއެކު އިމާރާތް ވަކިކަމަކަށް ބޭނުންކުރުމުގެ ހުއްދަ ނުނަގައި މާލެ އަދި ވިލިމާލޭގެ އެއްވެސް އިމާރާތެއްގައި ވިޔަފާރި ކުރުމަކީ ޤަވާޢިދާ ޚިލާފު ކަމެކެވެ. އެހެންކަމުން، ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ޤަވާޢިދާ އެއްގޮތަށް ނަގަންޖެހޭ އެންމެހާ ހުއްދަތައް ފުރިހަމަކޮށްގެން، ޢާންމު ޞިއްޙަތަށް ގެއްލުން ނުވާނޭހެން ވިޔަފާރި ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު