އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު
އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު
ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތުން ދިވެހިރާއްޖެ ތަމްސީލުކޮށް، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު 4 ވަނަ ހާޞިލްކޮށްފިއެވެ.

މި ވަނައަށް އިނާމެއްގެ ގޮތުގައި 170،000 (އެއްލައްކަ ހަތްދިހަ ހާސް) ސަޢޫދީ ރިޔާލް ކަނޑައެޅިފައިވެއެވެ.

133 ޤައުމަކުން ބައިވެރިވި މި މުބާރާތަކީ 46 އަހަރުވަންދެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ އެންމެ ޝަރަފުވެރި ޤުރުއާން މުބާރާތެވެ.

އަދި މިއީ މި މުބާރާތުގެ 46 ވަނަ ދައުރު ކަމަށްވާއިރު، މުބާރާތުގެ ތާރީޚުގައި އަންހެން ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު ދީ، އަންހެން ކުދިންގެ ގޮފެއް ހުޅުވާލި ފުރަތަމަ ފަހަރުވެސް މެއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށްޓަކައި މިރޭ މައްކާގެ ޙަރަމްފުޅުގައި ޚާއްޞަ ޙަފްލާއެއް ބާއްވާފައިވެއެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒެވެ.

މީގެއިތުރުން، ސަޢޫދީ އިސްލާމިކް މިނިސްޓަރާއި ޙަރަމްފުޅުގެ އިމާމު ޝައިޚު ޑރ. ޢަބްދުއްރަޙްމާނުއް ސުދައިސްވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތުން ދިވެހިރާއްޖެ ތަމްސީލުކުރި ބައިވެރިއަކު މިފަދަ ބޮޑު ވަނައެއް ހާޞިލްކުރުމަކީ މުޅި ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެކެވެ.

މުބާރާތުގެ ތެރެއިން ސަޢޫދީ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ އަރިހަށް ވަޑައިގެން، އެ ކާމިޔާބީއަށް ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު