ރާއްޖޭގައި ކުށްވެރިން ބެއިތިއްބުމަށް ބޭނުންކުރާ މައި ޖަލަކީ މާފުށީގައި ހުންނަ ޖަލު
ރާއްޖޭގައި ކުށްވެރިން ބެއިތިއްބުމަށް ބޭނުންކުރާ މައި ޖަލަކީ މާފުށީގައި ހުންނަ ޖަލު
ދިވެހިރާއްޖޭގެ ޖަލުތަކަށް ގަވާއިދާ ޚިލާފަށް ވައްދާ މޯބައިލް ސިމް ކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނީ އަދި އިދާރީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ، ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، ޖަލުތަކުގެ ތެރޭގައި ތިބެގެން ފޯނު ބޭނުންކޮށްގެން ހިންގާ އެކި ބާވަތުގެ ޖިނާއީ ކުށްތަކާއި މާލީ މަކަރާއި ހީލަތް (ސްކޭމް) ތައް ހުއްޓުވުމުގެ މަގުސަދުގައެވެ.

މި ނިންމުމާއެކު، ޖަލުތަކަށް ޣައިރުގާނޫނީ ގޮތުގައި ވައްދާ ފޯނުތަކުގައި ބޭނުންކުރާ ސިމް ކާޑުތަކުގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައި، އެ ސިމްތައް ނަގާފައިވާ އަސްލު ވެރިފަރާތްތައް ޒިންމާދާރުކުރުވައި، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ޚާއްސަ ނިޒާމެއް ގާއިމުކުރެވިގެންދާނެއެވެ.

ޖަލުތަކަށް މަނާތަކެތި ވެއްދުމުގެ މައްސަލަ ބޮޑުވެފައިވާއިރު، ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި މޯބައިލް ފޯނު ވައްދައިދިނުމުގައި ޝާމިލުވި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބައެއް އޮފިސަރުން ވަނީ އެ ކުށަށް އިއުތިރާފުވެސް ވެފައެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލައިގައި ކަރެކްޝަންސްގެ 18 އޮފިސަރަކު ވަނީ ބައިވެރިވެފައެވެ. އަދި 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އޮޕަރޭޝަން ހިންގުމާ ހަމައަށް، އެ އޮފިސަރުންގެ ބޭންކު އެކައުންޓުތަކަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. މީގެ ތެރެއިން އެންމެ އޮފިސަރެއްގެ އެކައުންޓަށް ވެސް 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޖަލަށް ވަގަށް ވައްދާ ފޯނުތައް ބޭނުންކުރުން ހުއްޓުވުމަށްޓަކައި ޖަލު ސަރަހައްދުގައި ނެޓްވޯކް ޖޭމަރު ހަރުކުރުމުގެ މަސައްކަތް ވޭތުވެދިޔަ ސަރުކާރުން ފެށި ނަމަވެސް، އެކަން މިހާތަނަށް ކާމިޔާބު ނުވެ އޮތީ އެކަމަށް ބޭނުންވާ އެކަށީގެންވާ ބަޖެޓު ނެތުމުގެ ސަބަބުންނެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފިޔަވަޅުތައް އަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް