ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ހައުސިންގ މަޝްރޫޢުތަކަކަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ބިޑުތަކެއް ނެޝަނަލް ޓެންޑަރ ބޯޑުން ބާތިލުކުރީ ޤާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މި މައްސަލައަކީ އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަން ގުޅިގެން ހދ. ހަނިމާދޫގައި 100 ހައުސިންގ ޔުނިޓް، ހދ. ނޮޅިވަރަންފަރުގައި 100 ހައުސިންގ ޔުނިޓް އަދި ތ. ވިލުފުށީގައި 64 ޔުނިޓް ފުރިހަމަކުރުމަށާއި އަލަށް 36 ޔުނިޓް އެޅުމަށް ހުށަހެޅި ބިޑުތަކަކާ ގުޅޭ މައްސަލައެކެވެ.

ޓެންޑަރ ބޯޑުން އެ ކުންފުނީގެ ބިޑުތައް ބާތިލުކުރީ "އެމްޕްލޯޔަރސް ރިކުއަރމަންޓްސް" އަދި "ފައިނޭންޝަލް ރިސޯސަސް ރިކުއަރމަންޓްސް" ފުރިހަމަނުވާ ކަމަށް ބުނެއެވެ. އަދި އެ ކުންފުނިން ހުށަހެޅި ލެޓަރ އޮފް ކްރެޑިޓަކީ ސައްޙަ މާލީ ވަސީލަތެއް ނޫން ކަމަށްވެސް ޓެންޑަރ ބޯޑުން އެއިރު ނިންމިއެވެ.

ޓެންޑަރ ބޯޑުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން އެސްޖޭ ކޮންސްޓްރަކްޝަނުން މައްސަލަ އިންޑިޕެންޑެންޓް ރިވިއު ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީން ނިންމީ އެ ކުންފުނީގެ ބިޑުތަކަކީ ޝަރުތު ހަމަވާ، ސައްޙަ ބިޑުތަކެއް ކަމަށެވެ. އަދި ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ ލިޔުމަކީ ކުންފުނީގެ ނަން ބަދަލުވުމުގެ ކުރިން ދޫކޮށްފައިވާ ލިޔުމެއް ނަމަވެސް، އެއީ ޤާނޫނީ ގޮތުން ސައްޙަ ލިޔުމެއް ކަމަށް ކަނޑައަޅައި، އެސްޖޭ ހިމަނައިގެން އަލުން ބިޑުތައް އިވެލުއޭޓް ކުރުމަށް ޓެންޑަރ ބޯޑަށް އެންގިއެވެ. ނަމަވެސް ޓެންޑަރ ބޯޑުން އެ ނިންމުމަށް އަމަލުނުކޮށް، އެހެން ފަރާތްތަކަކާ މަޝްރޫޢުތައް ހަވާލުކުރަން ނިންމިއެވެ.

މި މައްސަލާގައި ސިވިލް ކޯޓުން 2022 އަދި 2023 ވަނަ އަހަރު ނިންމީ، ޓެންޑަރ ބޯޑުގެ އަމަލުތަކަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ބިޑުތައް ބާތިލުކުރުމަށްފަހު އެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވާތީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްޤު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ކަނޑައެޅިއެވެ.

ސިވިލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ އިއްތިފާޤުން ކުރެއްވި ހުކުމުގައި ވަނީ ދަށު ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުގެ ދަށުން އުފައްދާފައިވާ އިންޑިޕެންޑެންޓް ރިވިއު ކޮމިޓީގެ ނިންމުންތައް ބާތިލުކުރުމުގެ ޤާނޫނީ ބާރު ނެޝަނަލް ޓެންޑަރ ބޯޑަށް ލިބިގެން ނުވާ ކަމަށެވެ. އަދި އެހެން ފަރާތަކާ މަޝްރޫޢު ހަވާލުކޮށްފައި އޮތުމަކީ ޝަރުޢީ ކޯޓަކުން ކަނޑައަޅާ ފަރުވާއަކުން ދައުލަތް ބަރީއަތްވާން އޮތް އުޒުރެއް ނޫން ކަމަށާއި، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްޤު ލިބިދިނުމަކީ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

ހައިކޯޓުން މި މައްސަލަ އެސްޖޭ ކޮންސްޓްރަކްޝަނާ އެއްކޮޅަށް ނިންމުމާ ގުޅިގެން، ދައުލަތުގެ ފަރާތުން މިހާރު ވަނީ މި މައްސަލަ އެންމެ މަތީ މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އެ މައްސަލަތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް މިހާތަނަކަށް ނުނިންމަ އެވެ.



ކިޔުންތެރިންގެ ހިޔާލު