ފުއްޕާމޭގެ ކެންސަރަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން މީހުންގެ ފުރާނަ ގެއްލެމުންދާ އެއް ބައްޔެވެ. ގިނަ ފަހަރަށް މި ބަލި ދެނެގަނެވެނީ ވަރަށް ބޮޑަށް ބަލި ފެތުރި، ފަހު މަރުހަލާއަށް ދާ ފަހުންނެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަކީ އާދައިގެ ކަންކަން ނުވަތަ ދިރިއުޅުމުގެ އާދަކާދައާއި ވަރުބަލިކަމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް މީހުންނަށް ހީކުރެވުމެވެ. މިގޮތުން، ފުއްޕާމޭގެ ޚާއްސަ ޑޮކްޓަރު (ޕަލްމޮނޮލޮޖިސްޓް) ޑރ. ހަރީޝް ވަރްމާ ފާހަގަކުރައްވާ ގޮތުގައި، ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކަމަށް ހީކޮށް ދޫކޮށްލެވޭ ފުއްޕާމޭގެ ކެންސަރުގެ މުހިންމު 5 އަލާމާތެއް ވެއެވެ.

ފުރަތަމަ އަލާމާތަކީ ނުފިލައި ގިނަ ދުވަސްވާ ކެއްސުމެވެ. އާންމުކޮށް އަރިދަފުސް ރޯގާއެއް ޖެހުމުން ނުވަތަ ވައި ތަޣައްޔަރުވުމުގެ ސަބަބުން ކެއްސުމަކީ ވެދާނެ ކަމެކެވެ. އެހެންނަމަވެސް، ތިން ހަފްތާއަށް ވުރެ ގިނަ ދުވަސްވެ، ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކެއްސުމަކީ ސަމާލުވާންޖެހޭ ކަމެކެވެ. ގިނަ މީހުންނަށް ހީވަނީ މިއީ މޫސުމީ ރޯގާއެއް ނުވަތަ އެލާޖީއެއް ކަމަށެވެ. އެހެންނަމަވެސް، އެއްވެސް ބޭހަކުން ރަނގަޅުނުވެ ދިގުލައިގެންދާ ކެއްސުމަކީ ނުވަތަ ކެއްސާއިރު ލޭގެ އަސަރު ފެނުމަކީ ފުއްޕާމޭގެ ކެންސަރުގެ ސީރިއަސް އަލާމާތަކަށް ވެދާނެއެވެ.

ދެވަނަ ކަމަކީ ނޭވާ ކުރުވުމާއި ނޭވާލާން އުނދަގޫވުމެވެ. ހިނގުމުން ނުވަތަ ސިޑިން އެރުން ފަދަ އާދައިގެ ކަންކަން ކުރާއިރު މާބޮޑަށް ނޭވާ ކުރުވުމަކީ ގިނަ މީހުން މުސްކުޅިވުމުގެ އަލާމާތެއް ނުވަތަ ކަސްރަތު ނުކުރުމުގެ ސަބަބުން (އަންފިޓްވުމުން) ދިމާވާ ކަމެއް ކަމަށް ދެކޭ ކަމެކެވެ. ނަމަވެސް، ފުއްޕާމޭގައި ޓިއުމަރެއް އުފެދި، ވައި ދައުރުވާ ހޮޅިތައް ހަނިވުމުން ނުވަތަ ފުއްޕާމޭގެ ވަށައިގެން ފެން ހެދުމުން މިގޮތަށް ނޭވާ ކުރުވުމަށް މެދުވެރިވެއެވެ. ސަބަބެއް ނެތި ކުއްލިއަކަށް ނޭވާލާން އުނދަގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ.

ތިންވަނަ އަލާމާތަކީ ދާއިމީކޮށް މޭގައި ރިއްސުން ނުވަތަ ކޮނޑާއި ބުރަކަށީގައި ރިއްސުމެވެ. ވަޒީފާގައި ގިނަ ވަގުތު އިށީނދެގެން އިނުމުގެ ސަބަބުން ނުވަތަ މަސްތަކަށް ވާންވުމުގެ ސަބަބުން ބުރަކަށީގައި ރިއްސަނީ ކަމަށް ހީކޮށް ގިނަ ފަހަރަށް މިކަމަށް ފަރުވާކުޑަކޮށްލެވެއެވެ. އެހެންނަމަވެސް، ފުންކޮށް ނޭވާލާއިރު، ކެއްސާއިރު ނުވަތަ ހޭން އުޅޭ ވަގުތު މޭގައްޔާއި ބުރަކަށީގައި ރިއްސުން ގަދަވާނަމަ، އެއީ ފުއްޕާމޭގެ އެތެރޭގައި އުފެދޭ ޓިއުމަރުގެ ސަބަބުން ކައިރީގައިވާ ނާރުތަކަށާއި ކަށިތަކަށް ފިއްތާތީ ވާ ތަދަކަށް ވެދާނެއެވެ.

ހަތަރުވަނަ އަލާމާތަކީ އެއްވެސް ސަބަބަކާ ނުލައި ކުއްލިއަކަށް ބަރުދަން ލުއިވުމާއި ކެއުމުގެ ޝައުގު ގެއްލުމެވެ. ބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ނުވަތަ ސްޓްރެސް ވުމުގެ ސަބަބުން ބަރުދަން ލުއިވަނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، އެއްވެސް ޑައެޓެއް ނުހަދައި ނުވަތަ ކަސްރަތު ނުކޮށް ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަނުގެ ބޮޑު ބައެއް ލުއިވެގެން ދިއުމަކީ ކެންސަރު ސެލްތަކުން ހަށިގަނޑުގެ ހަކަތަ ބޭނުންކުރަމުންދާ ކަމުގެ އިޝާރާތެކެވެ. މިއީ ސިއްހީ ގޮތުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ.

ފަސްވަނަ ކަމަކީ އަބަދު ވަރުބަލިވެފައި ހުރުމެވެ. ރޭގަނޑު ހަމަނިދި ލިބުނު ކަމުގައި ވިޔަސް، ނުފިލާ ވަރުބަލިކަމެއް އިހުސާސްވުމަކީ އާންމު ދިރިއުޅުމުގެ ބުރަކަމުގެ ސަބަބުން ވާ ކަމެއް ކަމަށް ދެކި ގިނަ މީހުން އަޅައެއް ނުލައެވެ. ފުއްޕާމޭގެ ކެންސަރު ޖެހުމުން ހަށިގަނޑަށް އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބުމާއި، ހަށިގަނޑުގެ ދިފާއީ ނިޒާމުން ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގެ ސަބަބުން މީހާ މާބޮޑަށް ވަރުބަލިކޮށްލައެވެ.

ހަށިގަނޑަށް އަންނަ ކުދިކުދި ބަދަލުތަކަކީ އާދައިގެ ވަރުބަލިކަމެއް ނުވަތަ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ވާ ކަމެއް ކަމަށް ނިންމައި ދޫކޮށްލުމަކީ ނުރައްކާތެރި ކަމެކެވެ. މިފަދަ އަލާމާތްތައް ދިގުލައިގެންދާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދައި ޓެސްޓުތައް ހެދުމަކީ ބަލި ކުރީކޮޅު ދެނެގަނެ، ފަރުވާ ކާމިޔާބުވުމަށް އޮތް އެންމެ ރަނގަޅު މަގެވެ. އަޅުގަނޑުމެންގެ ސިއްހަތަށް ދޭ އަހައްމިއްޔަތުކަމަކީ އަމިއްލަ ފުރާނަ ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ.



ކިޔުންތެރިންގެ ހިޔާލު