އީދާން އާއި ޒިޔާން އަކީ ޑޭ-ކެއާއެއްގައި ޑައިނަސޯވާހަކަ ކިޔަނީ
އީދާން އާއި ޒިޔާން އަކީ ޑޭ-ކެއާއެއްގައި ޑައިނަސޯވާހަކަ ކިޔަނީ
ދަރިފުޅަށް ދިމާވާ މައްސަލަތަކާއި ދެބަސްވުންތައް، ދުޅަހެޔޮ އަދި ހަރުދަނާ އުސޫލުތަކުގެ މަތިން ހައްލުކުރަން ދަސްކޮށްދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.

އީދާން އާއި ޒިޔާން އަކީ ޑޭ-ކެއާގެ ފޮތް ކިޔާ ކަންނަށް ވަރަށް ލޯބިކުރާ، އުމުރުން ދެ އަހަރުގެ ދެ ކުދިންނެވެ. އެއްދުވަހަކު އީދާން ޑައިނަސޯއާ ބެހޭ ބޮޑު ފޮތެއް ބަލަން އިނދެނިކޮށް، ޒިޔާންއަށް މި ފޮތް ފެނި، ކެތްތެރިކަން ކޮޅުންލައިގެން އެ ފޮތް އަތުލައިގަތެވެ. އެއާއެކު "މީ މަގޭ އެއްޗެއް!"، "ނޫން! މީ މަގޭ އެއްޗެއް!" ކަމަށް ބުނެ ދެކުދިންގެ މެދުގައި ބޮޑު ޒުވާބެއް ހިނގައި، ރޮއިގަތެވެ. މި ދަނޑިވަޅުގައި މިސް ފާތިމާ އެކުދިންގެ ކައިރިއަށް އައިސް އޯގާތެރިކަމާއެކު ބުންޏެވެ؛ "ޒިޔާން ތި ފޮތް ބަލާހިތްވާ މިންވަރު މިސްއަށް އިހުސާސްވޭ، އަދި ފޮތް ނުލިބުމުން ދެރަވާނެކަންވެސް އެނގޭ. އެކަމަކު އެ ފޮތް ކުރިން ބަލަން އިނީ އީދާން. އެހެންވީމާ އަތުން ފޮތް ޖަހައިގަނެ، އޭނާ ރޮއްވާލުމަކީ ރަނގަޅު ގޮތެއް ނޫން ދޯ! އަހަރެމެން އެންމެން އެކުގައި މި ފޮތް ބަލައިލިއްޔާ ކިހިނެއް ވާނެ؟ މިސް ފޮތް ހިފަހައްޓާނީ، އީދާން ގަނޑުތައް އުކާލާނީ، އަދި ފޮތުގައިވާ ބޮޑު ޑައިނަސޯ ފެންނަ ގަނޑަށް ދިޔުމުން ޒިޔާން ޖެހޭނީ ޑައިނަސޯ އަޑުލައްވާ ގޮތަށް 'ރޯރ' އޭ ކިޔާފައި ހަޅޭއްލަވަން. އޭރުން ވަރަށް މަޖާވާނެ ދޯ!"

މި އުމުރުގެ ކުދިންނަކީ އަމިއްލަ ނަފްސަށް ހޭލުންތެރިވާން ފަށާ އުމުރުގެ ކުދިން ކަމުން، އެހެން ކުދިންނާ ތަކެތި ހިއްސާކުރުމަކީ އެކުދިންނަށް ނުހަނު އުނދަގޫ ކަމެކެވެ. އެކުދިން ބޭނުންވާ އެއްޗެއް ދެނެގަނެވުނު ނަމަވެސް، އެހެން މީހުންގެ އިހުސާސްތަކާއި ވިސްނުން ދެނެގަތުމުގެ ގާބިލުކަން އެކުދިންގެ ސިކުނޑީގައި އަދި ފުރިހަމައަށް އުފެދިފައެއް ނުވެއެވެ. މީގެ އިތުރުން، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ހުނަރަކީވެސް އަދި ކިރިޔާ އަށަގަންނަމުންދާ ކަމެކެވެ. އެހެން ކުދިންގެ އަތުން އެއްޗެހި އަތުލައިނުގަތުމަށް ބުނުމުން އެކަން ފަހުމްވި ނަމަވެސް، އެވަގުތު އަންނަ ޖަޒުބާތުތައް ކޮންޓްރޯލްކޮށް، އަމިއްލަ އެދުން ހިފެހެއްޓުމަކީ އެކުދިންނަށް ބޮޑު ގޮންޖެހުމެކެވެ. މިސާލަކަށް، ޑައިޓް ކުރަން އުޅޭ ބޮޑު މީހަކަށް، އޭނާ އެންމެ ކާހިތްވާ ކުކީއެއް ފެނުމުން، އެ ނުކައި ހިފެހެއްޓުމަކީ ކިހާ އުނދަގޫ ކަމެއްތޯ ވިސްނާލާށެވެ.

ބޮޑެތި މީހުންގެ ކެތްތެރިކަން އިމްތިހާނު ކުރެވެނީ މަދު ފަހަރަކު ނަމަވެސް، ތުއްތު ކުދިންނަށް ކޮންމެ ދުވަހަކުވެސް މިފަދަ އިމްތިހާނުތަކާ އެތައް ފަހަރަކު ކުރިމަތިލާން ޖެހެއެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ތަރައްގީވަނީ ވަގުތާއެކު، ސިކުނޑި ހެދިބޮޑުވެ، އެކަށީގެންވާ ތަމްރީނާއި ބޮޑެތި މީހުންގެ އެހީތެރިކަމާ އެކުގައެވެ. ތުއްތު ކުދިންނަށް އެކުދިންގެ އިހުސާސްތައް ދެނެގަންނަން ދަސްކޮށްދީ (މިސާލަކަށް: ދެރަވުން، ރުޅިއައުން)، ކަންކަމުގައި ކެތްތެރިވާނެ ގޮތް އަމަލީ ގޮތުން ދައްކުވައިދިނުމުން، ދުވަސްވަމުންދާ ވަރަކަށް އަމިއްލައަށް ކަންކަން ހައްލުކުރުމުގެ ހުނަރު އެކުދިންގެ ކިބައިގައި ހަރުލާނެއެވެ.

އޯގާތެރި ގުޅުންތަކަކީ ތުއްތު ކުދިން ދުނިޔެ ދެނެގަތުމަށާއި، މުޖުތަމައުގައި އެކުދިންގެ ދައުރު ދެނެގަތުމަށް މަގުފަހިކޮށްދޭ މައިގަނޑު ވަސީލަތެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ކުދިންނަށް ލޯތްބާއި، ރައްކާތެރިކަމާއި، ހިތްވަރު ލިބި، ނުތަނަވަސްވާ ދަނޑިވަޅުތަކުގައި ނަފްސާނީ ހަމަޖެހުން ކަށަވަރުވެއެވެ. ކުޑަކުދިންގެ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ބިނާވަނީ މިފަދަ ގާތް ގުޅުންތަކުގެ ތެރެއިންނެވެ. މީގެ ސަބަބުން އެހެން މީހުންނާ ގުޅުން ބަދަހިކުރުމާއި، މުއާމަލާތް ކުރުމާއި، އުނގެނުމުގެ އިތުރުން ދިމާވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލުމުގެ ހިތްވަރު ލިބެއެވެ. ހަމައެއާއެކު، މިއީ އިތުބާރާއި، ހަމްދަރުދީ، އަދި ރިވެތި އަހުލާގީ ސިފަތައް ކުއްޖާގެ ކިބައިގައި އަށަގެންނެވުމަށް އެޅޭ އެންމެ މުހިންމު ބިންގަލެވެ.



ކިޔުންތެރިންގެ ހިޔާލު