ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
އެމްޑީޕީގެ ވެރިކަމުގައި ޓެކްސް ނިޒާމު ތައާރަފުކުރުމުން އެއީ ލާދީނީ ކަމެއްގެ ގޮތުގައި ސިފަކުރި ފަރާތްތަކުން، މިއަދު ވެރިކަމަށް އައިސް އިތުރު ޓެކްސްތައް ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް މަޖިލީހުގައި ބަހުސް ކުރައްވަމުން މައުރޫފް ވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މައުރޫފް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވީ އިތުރު އެއްވެސް ޓެކުހެއް ނުނަގާނެ ކަމަށާއި، އޭގެ ބަދަލުގައި ހަމައެކަނި ޓެކްސް ބޭސް ފުޅާކުރާނެ ކަމުގެ ވައުދާއެކުގައެވެ.

ނަމަވެސް، އިގްތިސާދީ ހާލަތު ގޯސްވުމުން މިއަދު ފެންނަނީ އިތުރު ޓެކްސްތައް ނަގަން އުޅޭ މަންޒަރު ކަމަށާއި، ހަގީގަތުގައި ޓެކްސް ބޭސް ފުޅާކުރާނެ ގޮތްވެސް މި ސަރުކާރަށް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެސްއީޒެޑްގެ ދަށުން ޓައުންޝިޕް ހެދުމުގެ ނަމުގައި ރާއްޖޭގެ ބޮޑު ސަރަހައްދެއް ބޭރުގެ ފަރާތްތަކަށް ވިއްކާލައި، އެންމެ އިންސައްތައެއްގެ ޓެކްސް ދައްކައިގެން އުޅެވޭނެ ގޮތް ފަހިކޮށްދިނުމަށްފަހު، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރާ ކަމަށް މައުރޫފް ތުހުމަތުކުރެއްވިއެވެ.

ގައުމުގެ މާލީ ހާލަތު ދަށަށް ގޮސްފައިވާ މިންވަރު ހާމަކުރައްވަމުން، ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ މިލިއަނުން ގިނަ ރުފިޔާ ނުދެވި، އެ ފަރާތްތައް ހާލުގައި ޖެހިގެން ސަރުކާރު ފަހަތުން ދުވަންޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު