ގަތަރު އެއަރޕޯޓު.
ގަތަރު އެއަރޕޯޓު.
އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ގަތަރު އެއަރޕޯޓަށް ދޫކޮށްލާފައި ދިޔަ ތުއްތު ކުއްޖެއްގެ ބެލެނިވެރިޔާ ހޯދުމަށްޓަކާ ގަތަރު އެއަރޕޯޓަށް މިހާތަނަށް ޖެއްސި 10 ފްލައިޓަކުން ދަތުރުކުރި ހުރިހާ އަންހެނުން ބަލާފާސްކޮށްފިއެވެ.

ގަތަރު ސަރުކާރުން ހާމަކޮށްފައިވާގޮތުން، މިތުއްތުކުއްޖާ ފެނިފައިވަނީ ވިހެއުމަށްފަހު ޕްލާސްޓިކް ކޮތަޅަކަށްލައި އެއަރޕޯޓުގެ ކުނިވަށިގަނޑެއްގެ ތެރެއަށްލާފައި އޮއްވައެވެ. މިއީ މިތުއްތުކުއްޖާ މަރާލުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަަށްވާތީ މިއީ ގަތަރުގެ ގާނޫނާ ހިލާފުކަމެކެވެ. މިހާދިސާ އާއި ގުޅިގެން ގަތަރުގެ ބޮޑުވަޒީރު ވަނީ މިމައްސަލަ ތަހުގީގު ކުރުމަށް ގަތަރުގެ ސަރުކާރުގެ އިދާރާތަކުގައި އެދިވަޑައިގެންފައެވެ.

މިހާދިސާ އާއި ގުޅިގެން ގަތަރު އެއަރޕޯޓައް ޖައްސާ ފްލައިޓްތަކުން ދަތުރުކުރާ ހުރިހާ އަންހެނުން ބަލާފާސްކުރަމުން ދާތީ އޭގެ ސަބަބުން ކުރިމަތިވެދާނެ އުނދަގޫތަކަށް ގަތަރުގެ ސަރުކާރުން ވަނީ މައާފަށްވެސްއެދިފައެވެ. އަދި މީހުން ބަލާފާސްކުރުމަށް ހާއްސަ އެމްބިއުލަންސްތަކެއް އެއަރޕޯޓުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިކަމުގެ ތެރޭގައި އަންހެނުންގެ ހަށިގަނޑު އެކި ގޮތްގޮތައްބަލައި ފާސް ކުރަމުން ދާއިރު، މައިގަނޑު ގޮތެއްގައި ބެލެވޭނީ މިފަހަކުން ދަރިއަކު ވިހެއިކަމުގެ ނިޝާންތައް ހުރިތޯއެވެ.

ނަމަވެސް މިހާތަނަށް މިހަރަކާތުގައި ބަލާ ފާސްކުރީ ކިތައް މީހުންނަށްކަމެއް،އަދި ބަލާފާސްކުރީ ކޮންކޮން ފްލައިޓް ތަކަކުން ދަތުރުކޮށްފައިވާ މީހުން ކަމެއް، ގަތަރު ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ.

އަންހެނުންގެ ހަށިގަނޑު ބަލާފާސްކުރާ މައްސަލައިގައި އެކި ގައުމުތަކުގެ ހިޔާލު މިކަމުގައި ވަނީ ތަފާތުވެފައެވެ. މިކަމާ ގުޅިގެން ގަތަރު ސަރުކާރުން ބުނީ މިހާދިސާގެ ތަހުގީގު ރިޕޯޓު ބައިނަލްއަޤްވާމީ ބައިވެރިންނާ ހިއްސާ ކުރާނެކަމަށެވެ.

ގަތަރު ސަރުކާރުން ހާމަކޮށްފައިވާގޮތުން، އެއަރޕޯޓަށް އެއްލާލައިފައި އޮއްވާ ފެނުނު ތުއްތުކުއްޖާގެ ހާލު ރަނގަޅެވެ. އަދި މި ތުއްތުކުއްޖާއަށް ރައްކާތެރިކަމާއި ބޭސްފަރުވާ ފޯރުކޮށްދެމުންދާކަމަށްވެސް ގަތަރުގެ ސަރުކާރުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން