އަލްއުސްތާޛު އިބްރާހިމް މާހިރު
އަލްއުސްތާޛު އިބްރާހިމް މާހިރު
ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛު އިބްރާހިމް މާހިރު، ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.

ފަނޑިޔާރު މާހިރު މަގާމުން ރިޓަޔާކުރެއްވުމަށް އެދިވަޑައިގެން ހުށަހެޅުއްވި ހުށަހެޅުއްވުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ވަނީ ބަލައިގަނެ، އެކަން ފާސްކޮށްފައެވެ. ޖޭއެސްސީގެ މި ނިންމުމާ ގުޅިގެން، އަންނަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ރަސްމީކޮށް ވަކިވެވަޑައިގަންނަވާނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި މާހިރު، މަގާމާ ހަވާލުވެވަޑައިގެންނެވިތާ ގާތްގަނޑަކަށް 11 މަސް ދުވަހުގެ ތެރޭގައި ކުއްލި ގޮތަކަށް ރިޓަޔާކުރައްވަން ނިންމެވި މައިގަނޑު ސަބަބެއް އަދި މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ފަނޑިޔާރު އިބްރާހިމް މާހިރަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން، ހައި ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ ގާޒީކަމުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައެވެ.

މީގެއިތުރުން، ފެމިލީ ކޯޓު ހިންގެވުމާ އިސްކޮށް ހަވާލުވެވަޑައިގެން، އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ވެސް މާހިރު ވަނީ ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް