ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އަތުލައިގަނެ، 30 ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އެލީސް މައިކް ބަރަމްހޭން ނަމަކަށް ކިޔާ އިންޑިއާގެ ރައްޔިތެކެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ އިންޑިގޯ އެއާލައިންސް

ގެ ފްލައިޓަކުންނެވެ. އޭނާ ހައްޔަރުކުރީ ރާއްޖެ އެތެރެވާން އުޅުމުގެ ތެރޭގައި، ކަސްޓަމްސް އިން ޝައްކުވެގެން ރަތް ސްޓިކާ ޖަހާފައިވާ އޭނާގެ ލަގެޖް އެކްސްރޭ ކުރުމުން، އޭގެ ތެރޭގައި ހުރި ފުޅިތަކެއް ފެނިގެން ބަލައި ފާސްކުރުމަށްފަހުގައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ލަގެޖުން ފެނުނު ފުޅިތަކުގައި ހުރި ތަކެތި ޓެސްޓްކުރިއިރު، މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ ޓެޓްރާހައިޑްރޯކެނަބިނޯލް (ޓީއެޗްސީ) އަދި ކެނަބިނޯލް ހުރިކަމަށް ވަނީ ކަށަވަރުވެފައެވެ. އެ ފުޅިތަކުގައި ހުރި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2450 ގްރާމް (2.45 ކިލޯ) ހުއްޓެވެ.

މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ ބެއްލެވި ގާޒީ ސޮފްއަތު ހަބީބް ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. ކޯޓުން މި ނިންމުން ނިންމާފައިވަނީ އޭނާ މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީއެވެ.

ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ކަސްޓަމްސް އޮފިސަރުންނާއި ފުލުހުންގެ ބަޔާންތަކުގެ އިތުރުން، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި، ތުހުމަތުކުރެވޭ މީހާގެ މޯބައިލް ފޯނުން ފެނިފައިވާ ޗެޓްލޮގްތައް ހިމެނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު