އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން، ފޮޓޯ: އެމްއެންޑީއެފް
އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން، ފޮޓޯ: އެމްއެންޑީއެފް
މާލޭގެ ހެންވޭރުގައި ހުރި ގެއެއްގެ އެޕާޓްމަންޓެއްގައި ރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަމަޖައްސައިދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހ. ފަހިވަހި ނަމަކަށް ކިޔާ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. ރޭ ހިނގި މި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓް އެއްކޮށް އަނދައި، ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ނަމަވެސް، އަލިފާންގަނޑު ކޮންޓްރޯލްކޮށް އެ ސަރަހައްދު ރައްކާތެރިކުރުމަށް ސަލާމަތީ ޚިދުމަތްތަކުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ.

މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ބުނީ އަލިފާން ރޯވި އެޕާޓްމަންޓުގައި ދިރިއުޅެމުން ދިޔަ ތިން އަންހެނުންނާއި ފިރިހެނަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީ، ކުރިއަށް އޮތް ފަސް ދުވަހަށް ބޭނުންވާނެ ކެއިންބުއިމުގެ އިންތިޒާމުތައް އެ އޮތޯރިޓީން ފުރިހަމަކޮށްދީފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެ ގޭގައި ދިރިއުޅޭ އެއްވެސް އާންމު ރައްޔިތަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެންޑީއެމްއޭއިން ކަށަވަރުކޮށްދެއެވެ.

ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސް އަނިޔާވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ. އެހެންނަމަވެސް، އެ ފުލުސް މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނެފައިވަނީ، މި އަލިފާނުގެ ސަބަބުން އިމާރާތުގެ ބައެއް އެހެން ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، އެ ތަންތަނުގައި މީހުންނަށް ދިރިނޫޅެވޭ ވަރުގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިހާރު އެ ފަންގިފިލާތަކުން ދުމުގެ އަސަރު އެއްކޮށް ފިލައި، ހާލަތު އާންމުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު