"ދަތިވެއްޖެ" ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާ
"ދަތިވެއްޖެ" ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާ
ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން "ދަތިވެއްޖެ" މި ނަމުގައި މަޖީދީމަގުގައި ބޭއްވުމަށް ރޭވި މުޒާހަރާ ފުލުހުން ނުކުމެ ހުއްޓުވައިފިއެވެ.

މި ހަރަކާތް ފުލުހުން ހުއްޓުވާފައިވަނީ މުޒާހަރާ ފެށުމަށް ހަމަޖެހިފައި އޮތް މަޖީދީމަގު ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދުންނެވެ. މި މުޒާހަރާގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި، ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާއި، ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީން ހާމަކުރި ގޮތުގައި މަޖީދީމަގުގައި މި ހަރަކާތް ކުރިއަށްގެންދަން ނިންމީ، އެއީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ސަރަހައްދަކަށް ވުމުން، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. އަދި މަޖީދީމަގު ނޫން އެހެން ސަރަހައްދެއްގައި މުޒާހަރާ ކުރިއަށްގެންދިއުމުގެ ވިސްނުމެއް ނެތްކަންވެސް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

މަޖީދީމަގަކީ އާންމުކޮށް ބާރުބޮޑު މަގަކަށް ވާތީ، އެމްޑީޕީން އެދުނު ގަޑީގައި އެ ސަރަހައްދުގައި މުޒާހަރާ ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މަޖީދީމަގުގައި ހަރަކާތް ކުރިއަށްގެންދިއުމުގެ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ފުލުހުން ކުރިން ދީފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

"ދަތިވެއްޖެ" މި ޝިއާރުގެ ދަށުން އެމްޑީޕީން މިފަދަ ހަރަކާތެއް އިންތިޒާމުކުރީ، ތަކެތީގެ އަގުތައް އަތްނުފޯރާ މިންވަރަށް އުފުލެމުންދާތީއެވެ. ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައިވެސް، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ.



ކިޔުންތެރިންގެ ހިޔާލު