ހައިކޯޓުގެ ވީޑިއޯއިން ކެޕްޗަރ ކޮށްފައި-
ހައިކޯޓުގެ ވީޑިއޯއިން ކެޕްޗަރ ކޮށްފައި-
ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް މަރާލުމުގައި ބައިވެރިވިކަމަށް ސާބިތުވެ ދަށުކޯޓުން މަރުގެ ޙުކުމް އިއްވާފައިވާ މުހައްމަދު ޝަނޫންގެ ހުކުމް ހައިކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

އުމުރުން 29 އަހަރުގެ ޒިޔަދަމް މަރުވެފައިވަނީ، 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ވަޅިއަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުންނެވެ.

ޒިޔަދަމް މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން 24 އާއި ހަމައެރަށު ބީޗުވިލާ އަލީ ސިފާމް 29 ގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުށްސާބިތުވާކަމަށް ކޯޓުން ކަނޑައެޅީ، މައްސަލަ ކޯޓުގައި ކުރިއަށްދާތާ 7 އަހަރަށްފަހުއެވެ.

މި މައްސަލާގައި ޤަސްދުމަރު ސާބިތުވެފައިވަނީ ހަމައެކަނި ޝަނޫންގެ މައްޗަށެވެ. ސިފާމްގެ މައްޗަށް ސާބިތުވެފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށެވެ.

ހައިކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އިއްވި ހުކުމުގައިވަނީ، ގަސްދުގައި ޒިޔަދަމަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަން ޝަނޫންގެ މައްޗަށް ސާބިތުވާ ހެކި ހުރި ކަމަށެވެ. އަދި ޒިޔަދަމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައި ވާއިރު، ޝަނޫންގެ ކިބައިން މަރަށް މަރު ނުހިފޭނެ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ، ޝަނޫން މަރަން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ފަނޑިޔާރު ހުޒައިފާ މުހައްމަދު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އިބްރާހިމް މާހިރެވެ. މި މައްސަލާގައި ސިފާމް އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ކުރިން އޮތީ ދަމަހައްޓައިފައެވެ.

ޒިޔަދަމްގެ މަރާ ގުޅިގެން ބޭއްވި ފުރަތަމަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ބުނެފައި ވަނީ 2015 މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް 8 އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އަދި އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު