ކުޑަކުއްޖަކު އައިޕެޑުން ގޭމްކުޅެނީ: ގިނަވަގުތު އައިޕެޑް، ފޯނު ނޫނީ ކޮމްޕިއުޓަރުގެ ސްކްރީނަށް ގިނަވަގުތު ހޭދަކުރުން އަޅުގަނޑުމެންގެ ދަރީންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އާދޭ
ކުޑަކުއްޖަކު އައިޕެޑުން ގޭމްކުޅެނީ: ގިނަވަގުތު އައިޕެޑް، ފޯނު ނޫނީ ކޮމްޕިއުޓަރުގެ ސްކްރީނަށް ގިނަވަގުތު ހޭދަކުރުން އަޅުގަނޑުމެންގެ ދަރީންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އާދޭ
ޒަމާނީ ޓެކްނޮލޮޖީއަކީ މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައިވެރިއެކެވެ. މުވާސަލާތީ ގުޅުންތަކާއި އޭގެ ފަސޭހަތައް އިންތިހާއަށް އިތުރުވެފައިވީ ނަމަވެސް، މި ވަސީލަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑަށާއި ނަފްސަށް ނޭނގި ނަމަވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. އަޅުގަނޑުމެން ޓެކްނޮލޮޖީއާ މެދު ކަންބޮޑުވާއިރު އާންމުކޮށް ވިސްނަނީ ނަފްސާނީ ދުޅަހެޔޮކަމަށެވެ. ނަމަވެސް، ފަހުގެ ހޯދުންތަކުން ހާމަވާގޮތުގައި، އަޅުގަނޑުމެން ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން އަހަރެމެންގެ ހަށިގަނޑުގެ ބައްޓަމަށާއި ޖިސްމާނީ ސިއްހަތަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ.

ބީބީސީގެ ސީނިއާ ޓެކްނޮލޮޖީ ޖާނަލިސްޓް ތޯމަސް ޖާމެއިންގެ ދިރާސާތަކާއި، ސިއްހީ މާހިރުންގެ ހޯދުންތަކަށް ބަލާއިރު، މިއީ މިއަދު ކޮންމެ ބެލެނިވެރިއަކުވެސް ފުންކޮށް ވިސްނާލަންޖެހިފައިވާ ސީރިއަސް މައުޟޫއެކެވެ. ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، މީގެ ނޭދެވޭ އަސަރުތަކާއި، އޭގެ ނުބައި ބޭނުން ހިފުމުން ލިބޭ ގެއްލުންތަކުގެ ހެކިތައް ދަނީ ފެންނަމުންނެވެ. މި ރިޕޯޓުގައި އަލިއަޅުވާލާނީ ޓެކްނޮލޮޖީގެ ސަބަބުން ހަށިގަނޑުގެ ބައްޓަމަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކުގެ މައްޗަށެވެ.

ކަރުގެ ބައްޓަމަށާއި ހަށިގަނޑަށް އަންނަ ބަދަލު

ޓެކްނޮލޮޖީގެ ސަބަބުން ހަށިގަނޑަށް އަންނަ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ "ޓެކް ނެކް" ނުވަތަ ފޯނު ބޭނުންކުރުމުގެ ސަބަބުން ކަރުގެ ބައްޓަމަށް އަންނަ ބަދަލެވެ. ތޯމަސް ޖާމެއިން ފާހަގަކުރައްވާ ގޮތުގައި، ފޯނު ބޭނުންކުރާއިރު އިސްޖަހައިގެން ހުންނަ އިރު ކަރުގެ މައިބަދައަށް ގާތްގަނޑަކަށް 27 ކިލޯގެ ބަރުދަން އުފުލަން ޖެހެއެވެ. މިގޮތަށް ގިނަ ވަގުތު ހުރުމުގެ ސަބަބުން މައިބަދައިގެ ޑިސްކުތަކަށް ގެއްލުންވެ، މަސްތަކާއި ހުޅުތައް ބަލިކަށިވެ، ހަށިގަނޑުގެ ބައްޓަމަށް ދާއިމީ ބަދަލުތަކެއް އާދެއެވެ. މީގެ އިތުރުން މޫނުމަތީގެ މަސްތަކަށް ބާރުބޮޑުވެ، ކަރުގެ ހަންގަނޑު ރުލިވުމަށް މަގުފަހިވެއެވެ.

އަތުގެ ބާރު ދެރަވުމާއި ފަންނީ ހުނަރު

ތޯމަސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ އަތުގެ ބާރު ދަށްވަމުން ދިއުމެވެ. އޮފީސް މަސައްކަތްތަކާއި ސްކްރީންތަކަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ސަބަބުން، ޒުވާނުންގެ އަތުގެ ބާރު ކުރިއަށްވުރެ ދަށްވަމުންދާކަން އޭނާގެ ދިރާސާއިން ދައްކައެވެ. އަދި ސްކްރީންތަކުގައި ފިރުކުމަށް އާދަވުމުގެ ސަބަބުން، އަތުގެ އިނގިލިތަކުން ކުރާ ފަންނީ މަސައްކަތްތަކަށް ބޭނުންވާ ހުނަރުތައް ބަލިކަށިވަމުންދާކަންވެސް އޭނާ ފާހަގަކުރެއެވެ. މީގެ އިތުރުން، ފޯނު ހިފަހައްޓާ ގޮތުގެ ސަބަބުން އަތުގެ ކުޑަ އިނގިލީގެ ބައްޓަމަށް ބަދަލު އައުން ފަދަ ކަންކަން މާހިރުން ފާހަގަކުރެއެވެ.

ލޮލުގެ ފެނުމާއި ނިދުމަށް ކުރާ އަސަރު

ސްކްރީންތަކަށް މާ ގިނައިރު ބަލަހައްޓައިގެން ހުރުމަކީ ލޯ ހިކުމާއި، ލޯ ވަރުބަލިވުމުގެ އިތުރުން ކައިރި ނުފެންނަ ބަލި އިތުރުވާ ކަމެކެވެ. ތޯމަސްގެ ރިސާޗުން ދައްކާގޮތުގައި، ޓެކްނޮލޮޖީއަށް ހުސްވެގެން ގޭތެރޭގައި ގިނަވަގުތު ހޭދަކުރުމުން ލޮލަށް ބޭނުންވާ ގުދުރަތީ އަލި ނުލިބުމަކީ ފެނުން ބަލިކަށިވާ މައިގަނޑު ސަބަބެވެ. ހަމައެއާއެކު، ނިދަން އޮށޯންނަ ގަޑީގައި ޓެކްނޮލޮޖީ ބޭނުންކުރުމަކީ ނިދުމަށް ހުރަސްއެޅޭ ކަމެކެވެ. ޚާއްޞަކޮށް ފޯނުން ބަލާ އެއްޗެއްގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރާނަމަ، ނިދަން އުނދަގޫވެ، މުޅި ދުވަހުގެ ހަކަތަ ދަށްވެއެވެ.

ނަފްސާނީ ދުޅަހެޔޮކަމާއި އަމިއްލަ ސިފަ

ސޯޝަލް މީޑިއާގެ ސަބަބުން އިންސާނާގެ އަމިއްލަ ސިފައާ މެދު ނުވަތަ ފެންނަ ފެނުމާ މެދު ހިތްހަމަނުޖެހުން އުފެދޭކަން ދިރާސާތަކުން ދައްކައެވެ. ލިޔުމަށްވުރެ ބޮޑަށް ފޮޓޯ އާއި ވީޑިއޯ ފެންނަ ވަސީލަތްތަކުގެ ސަބަބުން އަމިއްލަ ސިފައާ މެދު ދެކޭގޮތް ނޭދެވޭ ގޮތަކަށް ބަދަލުވެއެވެ. މިސާލަކަށް، ސެލްފީ ނެގުމަށްފަހު އެޑިޓްކުރުމާއި، ހަށިގަނޑު ހުންނަންޖެހޭ ވަކި ގޮތްތަކެއް ދައްކުވައިދޭ ފޮޓޯތަކާ އަމިއްލަ ނަފްސު އަޅާކިޔުމަކީ މީހާ ނަފްސާނީ ބަލިމަޑުކަމަކަށް ހުށަހެޅޭ ކަމެކެވެ. އެހެންކަމުން މިއީ އެމީހަކު ޓެކްނޮލޮޖީ ބޭނުންކުރާ މަގުސަދާއި ގޮތުގެ މައްޗަށް ބިނާވާ ކަމެކެވެ.

ކުޑަކުދިންނަށް ކުރާ އަސަރު

ކުޑަކުދިންގެ ސިކުނޑި ތަރައްގީވަމުން އަންނަ ދުވަސްވަރު ކަމަށްވުމުން، ޓެކްނޮލޮޖީގެ ސަބަބުން އެކުދިންނަށް ޚާއްޞަ އަސަރުތަކެއް ކުރެއެވެ. 9 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިން ގިނަ ވަގުތު ސްކްރީން ބޭނުންކުރުމުން އުޅުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި 5 އަހަރުން ދަށުގެ ކުދިން ދުވާލަކު 2 ގަޑިއިރަށްވުރެ ގިނައިން ސްކްރީން ބޭނުންކުރާނަމަ، ސަމާލުކަން ދިނުމަށް ދަތިވާ ބަލިތަކުގެ އަލާމާތްތައް ފެނުމުގެ ފުރުސަތު ބޮޑުވާކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ.

ޓެކްނޮލޮޖީގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ސީރިއަސް ކަންތައްތަކެއް ކަމުގައި ވިޔަސް، މީގެ މާނައަކީ ޓެކްނޮލޮޖީއާ މުޅިން ދުރުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، ފޯނު ގެންގުޅޭއިރު ލޮލާ އެއްވަރަށް އުފުލައިގެން ގެންގުޅުމާއި، ކޮންމެ 20 މިނެޓަކުން 20 ފޫޓު ދުރަށް 20 ސިކުންތު ވަންދެން ބަލާލުމުގެ އާދަ ހަރުކުރުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، އަދި ދޭތެރެއަކުން ސްކްރީނާ ދުރުގައި ވަގުތު ހޭދަކުރުމުން މި ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކުން ސަލާމަތްވެވިދާނެއެވެ. މިއީ މިއަދު ކޮންމެ ބެލެނިވެރިއަކުވެސް އަމިއްލަ ދަރިންގެ ސިއްހަތަށްޓަކައި ސަމާލުކަން ދޭންޖެހިފައިވާ މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު