ރޯޝަނީ ބިލްޑިންގ-
ރޯޝަނީ ބިލްޑިންގ-
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ މަޝްހޫރު ބޭހެއް ކަމަށްވާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއް، އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ރާއްޖެ އެތެރެކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން މިއަދު އާންމުކުރި ބަޔާނެއްގައިވާ ގޮތުން، މިގޮތަށް ނަކަލުކޮށްގެން (ފޭކުކޮށް) ރާއްޖެ އެތެރެކޮށްފައިވަނީ އަޔަލޭންޑުގެ ކުންފުންޏެއް ކަމަށްވާ ސްވޯޑްސް ލެބޯރެޓޮރީސް އަންލިމިޓެޑުން އުފައްދާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެކެވެ. މީގެ ތެރެއިން ވަގުކޮށް އުފައްދާފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ ބެޗު ނަންބަރު 8081399 ޖަހާފައިވާ އިންޖެކްޝަންތަކެވެ.

މި މައްސަލައާ ގުޅިގެން އެމްއެފްޑީއޭއިން ވަނީ އެ ބެޗުގެ އިންޖެކްޝަން ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް އަންގައި މަނާކޮށްފައެވެ. މި ބޭހަކީ އާންމުކޮށް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި ބޭނުންކުރާ ބޭހަކަށްވާތީ، ސިއްހީ ހިދުމަތްދޭ ތަންތަނުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

"އޮޕްޑިވޯ" އަކީ މައިގަނޑު ގޮތެއްގައި މެލަނޯމާ (ހަމުގެ ކެންސަރު)، ފުއްޕާމޭގެ ކެންސަރު އަދި ކިޑްނީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މުހިންމު އިންޖެކްޝަނެކެވެ. މި ބޭހުން މަސައްކަތް ކުރަނީ އިންސާނާގެ ދިފާއީ ނިޒާމުގައި ހުންނަ ޓީ-ސެލްތަކުގެ ޕީޑީ-1 ޕްރޮޓީން ބްލޮކްކޮށް، ކެންސަރު ސެލްތައް ނައްތާލުމަށް ދިފާއީ ނިޒާމަށް އެހީތެރިވެދީގެންނެވެ.

މިފަދަ ނަކަލުކޮށްފައިވާ ބޭސްތައް ބޭނުންކުރުމަކީ ބަލިމީހާގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށްވާތީ، ބޭސް ގަންނައިރު ބެޗު ނަންބަރާއި އުފެއްދި ކުންފުންޏަށް ބެލުމަކީ މުހިންމު ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު