އެމްއެފްޑީއޭ-
އެމްއެފްޑީއޭ-
ރާއްޖޭގެ ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ހުއްދަ ނެތް ސަޕްލިމަންޓްތައް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެމްއެފްޑީއޭގެ ފުޑް ކޮލިޓީ އެޝުއަރަންސްގެ ކޯޑިނޭޓަރު އާމިނަތު ޝަބާނާ އަލީ ވިދާޅުވީ، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ރަޖިސްޓްރީ ކުރުމަކާ ނުލައި ގިނަ އަދަދެއްގެ ސަޕްލިމަންޓްތައް އިޝްތިހާރުކޮށް ވިއްކަމުންދާ ކަމަށެވެ. އަދި ބައެއް ފިހާރަތަކުން ފާޅުގައި އިޝްތިހާރު ނުކުރި ނަމަވެސް، ހުއްދަ ނެތް މިފަދަ އުފެއްދުންތައް ލިބެން ހުންނަކަން އޮތޯރިޓީގެ ތަހުގީގުތަކުން އެނގިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަބާނާ ވިދާޅުވި ގޮތުގައި، ރާއްޖެއަށް އެއްވެސް ބާވަތެއްގެ ސަޕްލިމަންޓެއް އެތެރެކުރުމުގެ ކުރިން އެމްއެފްޑީއޭގެ ހުއްދަ ހޯދުމަކީ ލާޒިމު ކަމެކެވެ. މިގޮތުން މިފަދަ ތަކެތި ރާއްޖޭގައި ގެންގުޅެވޭނީ ރަޖިސްޓަރީ ކޮށްގެން ނުވަތަ އެ އޮތޯރިޓީ

ގެ "ލިސްޓު" ގައި ހިމަނައިގެންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 8،000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ރާއްޖޭގައި ވަނީ ލިސްޓުކޮށްފައެވެ. މިއީ ދިވެހިންގެ މެދުގައި މިފަދަ ތަކެއްޗަށް އޮތް ޑިމާންޑް ބޮޑުވަމުންދާކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޕްލިމަންޓްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ބައެއް އުފެއްދުންތަކުގެ ލޭބަލްގައި 'ޕީސިކްސްޓީ ވޯނިން' އަދި 'ރިޕްރޮޑަކްޓިވް ހާމް' ފަދަ ސިއްހީ ބޮޑެތި ގެއްލުންތަކަށް އިޝާރާތްކުރާ އިންޒާރުތައް ހުންނަކަން ޝަބާނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބާޒާރަށް ނެރޭ ކޮންމެ އުފެއްދުމެއްގައި އެކުލެވޭ މާއްދާތައް ސާފުކޮށް އެނގޭނޭހެން ލޭބަލްކުރުމަކީ މަޖުބޫރު ކަމެކެވެ.

ލޭބަލްކުރުމާ ގުޅޭ އާ ގަވާއިދު މިއަހަރުގެ ޖޫން މަހު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ. ވިޔަފާރިވެރިން މި ގަވާއިދަށް އަހުލުވެރިވުމަށްޓަކައި ހަ މަސްދުވަހުގެ މުހުލަތެއް ދީފައިވާއިރު، އަންނަ ޑިސެންބަރު މަހުން ފެށިގެން އުސޫލާ ޚިލާފަށް ތަކެތި ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން އިލްތިމާސްކުރަނީ، ސަޕްލިމަންޓެއް ބޭނުންކުރުމުގެ ކުރިން އެއީ ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި އެއްޗެއްތޯ ކަށަވަރު ކުރުމަށާއި، އެއްވެސް އެއްޗެއް އިޝްތިހާރުކޮށް ވިއްކުމުގެ ކުރިން ރަސްމީ ހުއްދަ ހޯދުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް