ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
ސަރުކާރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި، ރައްޔިތުންނަށް ވެފައިވާ 2،000 އަށްވުރެ ގިނަ ވައުދު ފުއްދޭނެ އެއްވެސް މަގެއް ފެންނަން ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދީދީ ފާހަގަކުރެއްވި ގޮތުގައި، މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ދެއްކެވި ވާހަކަފުޅުތަކުގެ ތަކުރާރުވުމެކެވެ. ޚާއްޞަކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމާއި، ބޭރުގެ އެހީއާއި ފައިނޭންސް ހޯދުމާ ގުޅޭގޮތުން ރައީސް ދައްކަވަނީ އައު ވާހަކަފުޅުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ދީދީ ވިދާޅުވީ، ރައްޔިތުން މި ސަރުކާރަށް ވެރިކަން ހަވާލުކުރީ ވީ ވައުދުތަކަށް އިތުބާރުކޮށްގެން ކަމަށްވީ ނަމަވެސް، ވެރިކަމަށް ދެ އަހަރު ދުވަސް ވެގެންދާއިރު ރާއްޖޭގެ އެއްވެސް ރަށެއްގައި އަމަލީ ގޮތުން މަޝްރޫޢެއް ހިނގަމުންދާތަން ނުފެންނަ ކަމަށެވެ. އަދި އިންތިޚާބު ދުވަސްވަރު ފޮތެއްގެ ސިފައިގައި ރައްޔިތުންނަށް ހުށަހެޅި 2،029 ވައުދާއި، މިހާރު ސަރުކާރުން އަމަލުކުރަމުންދާ ގޮތާ އެއްވެސް ދެކޮޅެއް ނުޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަދިވެސް އެމަނިކުފާނު ހުންނެވީ ފެންޓަސީ ވޯލްޑެއްގައި. އެމަނިކުފާނު ވިދާޅުވާ ކޮންމެ ބަހަކީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމެއްގެ ގޮތުގައި ވިސްނައިގެން ކަންނޭނގެ. ކިހިނެއްތޯ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި އެކަންކަން ކުރެވޭނީ؟" ދީދީ ސުވާލު އުފެއްދެވިއެވެ.

މީގެއިތުރުން، ވަޒީރުންނާ މަޖިލީހުގައި ކުރެވުނު ސުވާލުތަކަށް އަލިއަޅުއްވާލައްވަމުން ދީދީ ވިދާޅުވީ، މިއަހަރު ހިންގަން ރޭވި މަޝްރޫޢުތައް ނުފެށި ލަސްވަނީ ފައިސާ ނެތުމުން ކަމަށް ސަރުކާރުން އިއުތިރާފުވެފައިވާ ކަމަށެވެ. އެހެންކަމުން، ފައިސާ ހޯދާނެ ސީދާ ގޮތެއް ބުނެދިނުމުގެ ބަދަލުގައި "ފައިސާ ލިބުނުހާ އަވަހަކަށް ކުރާނެ" ކަމަށް ބުނުމަކީ ރައްޔިތުންނަށް ދެވޭ އުންމީދެއް ނޫން ކަމަށާއި، ރައީސް ވިދާޅުވާ މިސްރާބަށް ގައުމު ގެންދެވޭނެ އެއްވެސް މަގެއް ފެންނަން ނެތް ކަމަށް ވިދާޅުވެ އޭނާ ވާހަކަ ނިންމާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު