ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އާއިލާތަކަށް ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސްލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ، ފަސް މީހުންގެ މައްޗަށް އެކުލެވޭ އާއިލާއަކުން މަހެއްގެ މައްޗަށް ކުރަންޖެހޭ އަސާސީ ޚަރަދުތަކުގެ ތަފްސީލީ ހިސާބުތަކެއް ހާމަކުރައްވާފައެވެ. އެމަނިކުފާނު ހިއްސާކުރެއްވި މަޢުލޫމާތަށް ބަލާއިރު، މިހާރުގެ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކުރާއިރު، އެފަދަ އާއިލާއަކަށް މަހަކު އެވްރެޖްކޮށް 33،525 ރުފިޔާ ހޭދަވެއެވެ.

މި ޚަރަދުތަކުގެ ތެރޭގައި ކަރަންޓާއި ފެނުގެ ބިލުތަކާއި، މުއާސަލާތީ ޚިދުމަތްތަކުގެ ބިލުތަކުގެ އިތުރުން، ދަތުރުފަތުރަށް ބޭނުންވާ ތެލާއި، އަސާސީ ކާބޯތަކެއްޗާއި ގޭތެރެއަށް ބޭނުންވާ ޒަރޫރީ ސާމާނުގެ ޚަރަދުތައް ހިމެނެއެވެ.





ރައީސް ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހިސާބުތަކަކީ ހަމައެކަނި ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަމަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހިސާބުތަކެކެވެ. މީގެ ތެރޭގައި ބޭންކު ލޯނުތަކަށް ދައްކަންޖެހޭ ފައިސާއާއި، ސިއްހީ ފަރުވާއާއި، ގޭތެރޭގެ މަރާމާތާއި އާލާތްތައް ހޯދުމުގެ ޚަރަދުގެ އިތުރުން، ހެދުންބެދުމާއި ކުއްލި ހާލަތްތަކުގައި ކުރަންޖެހޭ އެއްވެސް ޚަރަދެއް ހިމަނާފައެއް ނުވެއެވެ.

ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވަމުންދާއިރު، މި މައްސަލައިގައި އިހުތިޖާޖު ކުރުމަށްޓަކައި އޮގަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު