ހިތުގެ ބައިޕާސް ސާޖަރީއަކީ ހިތުގެ ލޭހިނގުން ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް، ސާޖަރީއަށްފަހު ދިގުމުއްދަތަކަށް ދުޅަހެޔޮކަންމަތީ ދެމިހުރުމަށްޓަކައި ދިރިއުޅުމުގެ އާދަކާދަތަކާއި ކެއިންބުއިމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެއެވެ.

ސާޖަރީގެ ސަބަބުން ބެދިފައިވާ ހިތުގެ ނާރުތަކަށް ހައްލެއް ލިބުނުކަމުގައިވިޔަސް، ކެއިންބުއިމުގެ ނުރަނގަޅު އާދަތައް ކުރިއަށްގެންދާނަމަ އަލުން ނާރުތައް ބެދުމުގެ ފުރުސަތު އޮވެއެވެ.

ބައިޕާސް ސާޖަރީ ހަދާފައިވާ މީހުން، ސެޗުރޭޓެޑް ފެޓް، ޓްރާންސް ފެޓް، ސޯޑިއަމް (ލޮނު) އަދި ހަކުރު ގިނަ ކާނާ ބޭނުންކުރުމާ ދުރުހެލިވުމަށް ޑޮކްޓަރުން ލަފާދެއްވައެވެ. މިއީ ކޮލެސްޓްރޯލް މަތިވުމާއި، ލޭގެ ފިއްތުން އިތުރުވުމުގެ އިތުރުން ހިތަށް ބާރުބޮޑުވާ ކަންކަމެވެ.



ހާޓް ބައިޕާސް ސާޖަރީއަށްފަހު ސަމާލުކަންދޭންޖެހޭ ކާނާގެ ބާވަތްތައް


މިގޮތުން މަދުކުރަންޖެހޭ ނުވަތަ ދުރުހެލިވާންޖެހޭ ކާނާގެ ތެރޭގައި ސޮސެޖް، ބޭކަން އަދި ސަލާމީ ފަދަ ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކާއި، ތެލުލި ކުކުޅާއި ފްރެންޗް ފްރައިޒް ފަދަ ތެޔޮ ގިނަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން، ސަރުބީ ގިނަ ރަތް މަހާއި، ފޮނިކާތަކެއްޗާއި، ޑޯނަޓް ފަދަ ތަކެއްޗަކީ ލޭހިނގާ ނާރުތަކުގައި ސަރުބީ ގަނޑުވުމަށް މަގުފަހިކޮށްދޭ ތަކެއްޗެވެ.

ލޮނު ގިނަ ކާނާ، މިސާލަކަށް އިންސްޓަންޓް ނޫޑްލްސް، ޕެކެޓްކޮށްފައި ހުންނަ ލުއިކާނާ އަދި ދަޅުގައި ބަންދުކުރި ސޫޕް ފަދަ ތަކެއްޗަކީ ލޭގެ ފިއްތުން މަތިކޮށް، ހަށިގަނޑުގައި ފެން ހަރުލުމަށް މެދުވެރިވާ ތަކެއްޗެވެ. އަދި ހަކުރު ގިނަ ބުއިންތަކާއި ފޮނިކާތަކެތީގެ ސަބަބުން ހަކުރުބައްޔާއި، ފަލަވުމުގެ އިތުރުން ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރުވެއެވެ.

މީގެ ބަދަލުގައި، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އިރުޝާދުދެއްވަނީ މޭވާއާއި، ތަރުކާރީއާއި، ގްރެއިންސް، ތޮޅީގެ ބާވަތްތަކާއި، ކަނޑުމަހުގެ އިތުރުން އޮލިވް އޮއިލް ފަދަ ސިއްހަތަށް ފައިދާހުރި ތެޔޮ ބޭނުންކުރުމަށެވެ. މީގެ އިތުރުން ގިނައިން ފެންބުއިމާއި، ޑޮކްޓަރުންގެ އިރުޝާދާއެކު ކަސްރަތުކުރުމަކީ ބަލިން އަވަހަށް ފަސޭހަވުމަށް ވަރަށް މުހިންމު ކަންކަމެވެ.

ބައިޕާސް ސާޖަރީއަކީ ދިިރިއުޅުމަށް ލިބޭ ދެވަނަ ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ކޮންމެ ދުވަހަކުވެސް ސިއްހަތަށް ފައިދާހުރި ގޮތްތައް އިހުތިޔާރުކުރަންޖެހެއެވެ. ހަމަހަމަ ކެއުމަކާއި، ގަވާއިދުން ކަސްރަތުކުރުމާއި، ބޭސް ބޭނުންކުރުމުގެ އިތުރުން ގަވާއިދުން ޑޮކްޓަރަށް ދެއްކުމަކީ ހިތުގެ ދުޅަހެޔޮކަން ދަމަހައްޓައި، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކެވެ.



ކިޔުންތެރިންގެ ހިޔާލު