އިމިގްރޭޝަނުން މިއަދު ހިންގި ރެއިޑު އޮޕަރޭޝަން، ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން މިއަދު ހިންގި ރެއިޑު އޮޕަރޭޝަން، ފޮޓޯ: އިމިގްރޭޝަން
މާލޭގައި ހިންގާ ކެފޭތަކާއި ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ފިޔަވަޅު އެޅުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ "ޓާސްކް ފޯސް" އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިއަދުގެ ރެއިޑް އޮޕަރޭޝަން އަމާޒުކޮށްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން އިސްވެ ތިބެ ހިންގާ އަދި މަސައްކަތްކުރާ ކާބޯތަކެތި ވިއްކާ ތަންތަނަށް އަމާޒުކޮށެވެ.

މިއަދުގެ އޮޕަރޭޝަނުގައި މާލޭގެ ޖުމްލަ 6 ސަރަހައްދެއް ބަލައި ފާސްކޮށްފައިވެއެވެ. މި ސަރަހައްދުތަކުގައި ހުރި ކެފޭތަކާއި ސައި ހޮޓާތަކުގެ އިތުރުން، އާންމުކޮށް ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރާ ޓޭކްއަވޭ ޕޮއިންޓްތައް ބަލައި، އެ ތަންތަނުގައި ތިބި 28 ބިދޭސީއެއްގެ ލިޔެކިޔުންތައް އިމިގްރޭޝަންގެ އޮފިސަރުން ވަނީ ޗެކްކޮށްފައެވެ.

މިގޮތުން ބެލި ބެލުމުން، ވިސާގެ މުއްދަތު ހަމަވެފައިވާ އަދި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 8 ބިދޭސީއަކު ފާހަގަކުރެވިގެން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މީހުންނާ މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ރާއްޖޭން ފޮނުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މި ހާއްސަ މަސައްކަތުގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް 8,600 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައެވެ. މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ރެކޯޑް އަދަދެކެވެ.

މީގެ އިތުރުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން، ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަތުމަށް ކުރާ މަސައްކަތުން މިހާތަނަށް އެއްލައްކައަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް މައުލޫމާތު ވަނީ ސަރުކާރުގެ ޑޭޓާބޭސްގައި ރައްކާކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު