ރައީސް ނަޝީދު
ރައީސް ނަޝީދު
އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކަށް އެމްޑީޕީން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބަސްމަގު ހުންނަ ގޮތުން ދިވެހިރާއްޖެއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިސްރާއީލުގެ އަނިޔާވެރިކަން މުޅި ދުނިޔެއަށް ފެންނަމުންދާ މި ދަނޑިވަޅުގައި، އެފަދަ ޢަމަލުތަކަކަށް ތާއީދުކުރާނެ ހަމަބުއްދި ހުރި އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކޮށް، އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދެމިތިބޭނެ ޕާޓީއެއްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވަމުން ނަޝީދު ވަނީ، ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ އިސްލާމީ އަދި ގަލްފުގެ ޤައުމުތަކަށް އަމާޒުކޮށް، އީރާނުން ހަމަލާދިނުމަށް ހިތްވަރު ލިބޭ ފަދަ މޭރުމަކުން ރައީސް ވާހަކަފުޅު ދެއްކެވުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، ޔޫއޭއީ، ކުވެއިތު އަދި ބަޙްރައިން ފަދަ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިންނަށް ގެއްލުންވާ ފަދަ އަމަލުތަކަށް އިޝާރާތް ކުރެއްވުމަކީ ރާއްޖޭގެ މަޞްލަޙަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެއިތުރުން، އެމެރިކާއިން އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބާ ބައްދަލުކުރެއްވުމުގެ ބަދަލުގައި، ރައީސް އޮފީހުގެ ޕޯޑިއަމް ބޭނުންކުރައްވައިގެން ބައިނަލްއަޤްވާމީ މަޞްލަޙަތު ގެއްލޭ ފަދަ ވާހަކަފުޅުތައް ދެއްކެވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން ގަލްފުގެ ޤައުމުތަކުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމަށް ބުރޫއަރައި، އޭގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށް ފޯރާނެކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު