މާލެ ސަރަހައްދުގައި މަދިރި މަދުކުރުމަށްޓަކައި ހާއްސަ ފޮގް ކުރުމުގެ ހަރަކާތްތަކެއް ވަގުތުން ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ. ޒަހިއްޔާ ހުށަހެޅުއްވީ ހުޅުމާލޭގައި މަދިރި ނައްތާލުމަށްޓަކައި ފޮގްކުރުމުގެ މަސައްކަތް، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ވަގުތުން ފެށުމަށެވެ.

ޒަހިއްޔާ ވިދާޅުވީ ހުޅުމާލޭގައި މަދިރި ގިނަވަމުންދާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އަދި މީގެ ކުރިން އެޗްޑީސީން ކުރި މަސައްކަތްތަކަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވުނު ކަމެއް ނޫން ކަމަށާއި، އެޗްޑީސީން ކުރިން ފޮގް ކުރިއިރު އެންމެ މުހިންމު ހިސާބުތަކަށް ފޮގް ކޮށްފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމަށްވާތީ، މި ހަރަކާތް ހުޅުމާލޭގެ އިތުރުން މާލެ އަދި ވިލިމާލޭގައި ވެސް ކުރިއަށް ގެންދިއުމަށް ޒަހިއްޔާ ވަނީ ހުށަހަޅުއްވާފައެވެ. ހާއްސަކޮށް ހުޅުމާލެ ފޭސް ދޭއްގައި އުސް އިމާރާތްތައް ގިނަވުމާއެކު، އެ ތަންތަނުން މަދިރި ނައްތާލެވޭނެ ގޮތަކަށް ފޮގް ކުރުން ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ނިންމާފައިވަނީ، މި ހަރަކާތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފޭސް ހިމެނޭ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.



ކިޔުންތެރިންގެ ހިޔާލު