އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނަތަންޔާހޫ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނަތަންޔާހޫ
އަންގާރަ ދުވަހުގެ ހެނދުނު 'ފޮކްސް އެންޑް ފްރެންޑްސް' އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު އައުކުރައްވައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޯވަލް އޮފީހުގައި ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށް ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަދެއްކެވީ، އިރާނުގެ ނަތަންޒް ނިއުކްލިއާ މަރުކަޒާ ކައިރީގައިވާ "ޕިކްއެކްސް މައުންޓެން" ގައި އިރާނުން ސިއްރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނާ އިންޓެލިޖެންސް މައުލޫމާތުތަކެއް ނަތަންޔާހޫ އާންމުކުރައްވަން އުޅުއްވާތީއެވެ.

"އެކަމާ މަޝްވަރާކުރަން ބީބީ (ނަތަންޔާހޫ) އަހަރެންގެ ގާތަށް އަންނާކަށް ނުޖެހޭނެ. އޭނާ އެ ވާހަކަ ދައްކަނީ އަހަރެން މިކަމުގެ ތެރެއަށް ވައްދަން ބޭނުންވާތީ،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެފަދަ މައުލޫމާތެއް މުޅި ދުނިޔެއަށް އިއުލާން ކުރުމުގެ ބަދަލުގައި ސިއްރުން އޭނާއާ ހިއްސާކުރިނަމަ މާ ބޮޑަށްވެސް ރަނގަޅުވީހެވެ. އަދި އިރާނުގެ ނިއުކްލިއާ މަރުކަޒުތައް ނައްތާލާފައިވާ ކަމަށާއި، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ޕިކްއެކްސް މައުންޓެންވެސް ފުނޑުފުނޑު ކޮށްލަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މީގެއިތުރުން، އިރާނާއެކު ސިއްރު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިރާނުން ވަނީ އެކަން ދޮގުކޮށްފައެވެ. އެމެރިކާގެ ސަރުކާރުން މަޝްވަރާ ކުރަނީ ކޮން ބަޔަކާކަން ހާމަކުރަން ޓްރަމްޕް އިންކާރު ކުރެއްވިއެވެ. އޭނާ ވިދާޅުވީ އިރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އިރާނުގެ އިގްތިސާދީ މުހިންމު ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރީ ބާރު ބޭނުންކޮށްގެން މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިރާނުގެ ބޮޑެތި ފާލަންތަކާއި އިންޖީނުގެތައް ސުންނާފަތި ކޮށްލެވިދާނެ ކަމަށެވެ. ނަމަވެސް، އާންމު ރައްޔިތުންނަށް ދަތިވާނެތީ ފެން އުފައްދާ ކާރުޚާނާތަކަށް ހަމަލާދޭން ގަސްދު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އިރާނުގެ މައްސަލައިގައި ރިޕަބްލިކަން ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް ހުރިކަން ޓްރަމްޕް ގަބޫލުކުރައްވައެވެ. ބައެއް ބޭފުޅުން ހަރުކަށި ފިޔަވަޅު އަޅަން ބޭނުންވާއިރު، އަނެއްބައި ބޭފުޅުން ބޭނުންވަނީ މި ދަނޑިވަޅުގައި ސުލްހަވެރި އެއްބަސްވުމަކަށް ދިއުމަށެވެ. ޓްރަމްޕް ސިފަކުރެއްވި ގޮތުގައި މި ހުރިހާ ހަމަނުޖެހުމަކީ "ކުޑަކުޑަ ކަމެއް" ކަމަށާއި، ވަރަށް އަވަހަށް ހުރިހާ ކަމެއް ހަމައަކަށް އެޅިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު