ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކެއްގެ ތަހުގީގު ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ގާނޫނީ ވަކީލު އަލީ ހުސައިން ފާޑުވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ނިންމުމަށް އަދިވެސް އިތުރު ދެ އަހަރު ދުވަސް ނަގާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އަދުލު އިންސާފު ހޯދައިދިނުމުގައި މި ސަރުކާރުވެސް ބޮޑުތަނުން ފޭލިވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ނުކުރެވޭނެ ކަންކަމުގެ ވާހަކަ ނުދެއްކުމަކީ މާ ބުއްދިވެރި ގޮތެއް ކަމަށް ފާހަގަކުރައްވަމުން، އަދުލު އިންސާފު ގާއިމުކުރުމަށް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.





މާލިއްޔަތު ކޮމިޓީން މި މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމީ، ފެނަކައިން އައްޑޫ ސިޓީގައި ހިންގި ބައެއް މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެންނެވެ. މި ނިންމުން ނިންމާފައިވަނީ ފެނަކައިގެ އައްޑޫ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.

އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، އައްޑޫގައި ހިންގި ޕްރޮޖެކްޓުތައް އިން-ހައުސްކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން ކުންފުންޏަށް ވަނީ މާލީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ކަރަންޓާއި ފެން ބިލުތަކުގެ ގޮތުގައި ފެނަކައަށް ލިބެންޖެހޭ 77 މިލިއަން ރުފިޔާ ނުލިބިވާކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް