މި ފަހަކަށް އައިސް ޓިކްޓޮކް އާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި "އާލީ ބާޑް ޑިނާ" ނުވަތަ ރޭގަނޑުގެ ކެއުން އަވަސްކުރުމުގެ ފޯރި ވަނީ ގަދަވެފައެވެ. ގިނަ ބަޔަކު ދައުވާކުރާ ގޮތުގައި، ނިދުމުގެ އެތައް ގަޑިއިރެއް ކުރިން ކެއުމަކީ ނިދީގެ ފެންވަރު ރަނގަޅުވެ، ހަށިގަނޑުގެ މެޓަބޮލިޒަމް ދުޅަހެޔޮކޮށްދޭ ކަމެކެވެ.

މި ޓްރެންޑްގައި ބުނާ ގޮތުން ރޭގަނޑު އިރުއޮއްސި 5:00 ހާއިރު، ނުވަތަ ނިދުމުގެ 4 ނުވަތަ 5 ގަޑިއިރު ކުރިން ކެއުމުން ގަދަ ނިދި ލިބުމަށް އެހީތެރިވެދެއެވެ. އަދި މިގޮތަށް އަމަލުކުރުމުން ދެބަދަމު ހަށިގަނޑުގެ ކޯޓިޒޯލް ލެވެލް މަތިވުން ކުޑަކޮށްދީ، ހެނދުނު ހުންނަ މޭ އެންދުމުގެ މައްސަލަތަކުން ސަލާމަތްކޮށްދޭ ކަމަށް މިކަން ތަރުހީބުކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިއީ މުޅިން އާ ކޮންސެޕްޓެއް ނޫނެވެ. "އާލީ ބާޑް ސްޕެޝަލް" ގެ ނަމުގައި އާންމު ވަގުތަށްވުރެ ކުރިން ރެސްޓޯރެންޓްތަކުން ކެއުމަކީ އެތައް އަހަރެއް ކުރީއްސުރެ އޮންނަ އާދައެކެވެ.

މިކަމާ ގުޅޭގޮތުން ސިއްހީ މާހިރުން ވިދާޅުވަނީ މިއީ ސައިންޓިފިކް ގޮތުން ބަލާއިރު ބުއްދިވެރި ކަމެއް ކަމަށެވެ. ނިދިިބަލީގެ މާހިރު ޑރ. އެލެކްސް ޑިމިޓްރިއު ވިދާޅުވި ގޮތުގައި، މިއީ ޓިކްޓޮކް ޓްރެންޑަކާއި އިންސާނާގެ ބަޔޮލޮޖީއާ ދިމާވާ މަދު ފަހަރުތަކުން ކުރެ ފަހަރެކެވެ. އަވަހަށް ކެއުމުން ނިދިފައި އޮންނަ ވަގުތު ހަށިގަނޑުން ކާތަކެތި ހަޖަމުކުރަން ކުރަންޖެހޭ މަސައްކަތް މަދުވެ، ނިދިން ހޭލެވުމަށް މެދުވެރިވާ މޭ އެންދުމުގެ މައްސަލަތައް ކުޑަވެގެންދެއެވެ. މީގެ އިތުރުން، ނިދުމުގެ 3 ގަޑިއިރު ކުރިން ކެފެއިން އާއި އަލްކޮހޯލް ބޭނުންކުރުމުން ދުރުހެލިވުމަށް މާހިރުން ލަފާދެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ރޭގަނޑު 9:00 ގައި ކެއުމުގެ ބަދަލުގައި 6:00 ގައި ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރަން ފަސޭހަވެއެވެ. 2023 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރޭގަނޑު 9:00 ގެ ފަހުން ކާ މީހުންނަށް، 8:00 ގެ ކުރިން ކާ މީހުންނާ އަޅާބަލާއިރު ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު 28 އިންސައްތަ އިތުރެވެ. މީގެ ސަބަބަކީ ލަހުން ކެއުމުން ހަށިގަނޑުގެ ބްލަޑް ޝުގަރު މަތިވެފައި ހުރުމާއި، އޭގެ ސަބަބުން ހެނދުނުގެ ނާސްތާ ދޫކޮށްލެވޭތީ ކަމަށްވެސް ބެލެވެއެވެ.

ނަމަވެސް، މި ބަދަލު ގެނައުމުގައި ސަމާލުވާންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ. ހަކުރު ބަލި ހުންނަ މީހުން ނުވަތަ ލޭގައި ހަކުރު ދަށްވާ މައްސަލަ ހުންނަ މީހުން ކެއުމުގެ ވަގުތުތަކަށް ބަދަލު ގެނައުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދަންޖެހެއެވެ. އަދި ނިދުމުގެ ކުރިން ގިނަ އަދަދަކަށް ޕްރޮޓީން ހުންނަ ކާތަކެތި ކެއުމަކީ ހަށިގަނޑަށް ބުރަވެ، ނިދީގެ ފެންވަރު ދަށްކުރާ ކަމެކެވެ.

ނިދި ރަނގަޅު ކުރުމަށްޓަކައި ހަމައެކަނި ކެއުން އަވަސްކުރުމުގެ ބަދަލުގައި، އެހެން ކަންކަމަށްވެސް ސަމާލުކަން ދޭންޖެހެއެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކުވެސް އެއް ގަޑިއެއްގައި ނިދަން އާދަކުރުމާއި، ނިދާ ކޮޓަރިއަކީ އަނދިރި، ފިނި އަދި ހިމޭން ތަނަކަށް ހެދުން ހިމެނެއެވެ. އަދި ނިދުމުގެ 30 މިނެޓް ކުރިން ފޯނާއި ޓީވީ ފަދަ އިލެކްޓްރޯނިކް ވަސީލަތްތަކާ ދުރުވުމާއި، ގަވާއިދުން ކަސްރަތު ކުރުމަކީވެސް އަރާމު ނިންޖަކަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު