ބޮޑުކަންނެލި މަސްވެރިން-
ބޮޑުކަންނެލި މަސްވެރިން-
ރާއްޖޭގެ ބާޒާރުގައި ބޮޑު ކަންނެލި ގަންނަ އަގު އިންތިހާއަށް ދަށްވެ، މަސްވެރިންނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ކުރާ މަސައްކަތާ އެކަށޭނަ އާމްދަނީއެއް ނުލިބުމުގެ އިތުރުން، ބާނާ މަސްކޮޅު ކިރުވުމަށް ހުރި ހުރަސްތަކެވެ.

ބީކޭއެމްޔޫއިން ފާހަގަކުރި ގޮތުގައި މިހާރު ކަންނެލި ކިލޯއެއްގެ އެވްރެޖު އަގު 35 ރުފިޔާއަށް ވެއްޓިފައިވާއިރު، މިއީ މަސްވެރިން ކުރާ ހޭދައަށް ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ. މީގެ އިތުރުން، މަސް ކިރުވުމަށްޓަކައި ބޯޓުފަހަރު ގިނަ ދުވަސްތަކެއް ވަންދެން ކިޔޫގައި ތިބެންޖެހުމަކީ މަސްވެރިންނަށް ކުރިމަތިވެފައިވާ އިތުރު ތަކުލީފެކެވެ. މިގޮތަށް ގިނަ ވަގުތު ކިޔޫގައި ހޭދަކުރަން ޖެހުމުގެ ސަބަބުން މަހުގެ ތާޒާކަން ގެއްލި، ކުންފުނިތަކުން މަސް ބަލައިނުގަނެ ރިޖެކްޓް ކުރާ މިންވަރު އިތުރުވަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މަސްވެރިން ބުނާ ގޮތުގައި ކަނޑުމަތީގައި މަސް ބޭނުމަށް ހޭދަކުރާ ވަގުތަށްވުރެ، ބާނާފައި ހުރި މަސްކޮޅު ކިރުވުމަށާއި އައިސް ހޯދުމަށް ފަޅުތެރޭގައި ތިބެންޖެހޭ ވަގުތު މިހާރު ވަނީ މާ އިތުރުވެފައެވެ. މިއީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމެއްގެ ގޮތުގައި މަސްވެރިން ސިފަކުރެއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަހަރުގެ ކުރީކޮޅުން ފެށިގެން ކަންނެލި ގަންނަން ފެށި ނަމަވެސް، އެ ކުންފުނިން ކަނޑައަޅާފައިވާ އަގުތަކަކީވެސް މަސްވެރިން އެދޭ ފަދަ އަގުތަކެއް ނޫނެވެ. މިފްކޯއިން ކުދި ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، ބޮޑެތި ކަންނެލި ގަންނަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ.

މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކަންނެލި ކިލޯއެއްގެ އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި ހިފަހައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ ވައުދާ ގުޅިގެންނެވެ. ނަމަވެސް، މިހާރު ލިބެމުންދާ އަގުތަކަކީ ވައުދުވި މިންވަރާ ގާތްކުރާ އަގުތަކެއް ނޫން ކަމަށް ބުނެ މަސްވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކަންނެލީގެ އަގު ދަށްވުމާއި މިފްކޯއިން މަސް ނުގަންނަ މައްސަލައިގައި މީގެ ކުރިންވެސް ބީކޭއެމްޔޫއިން ވަނީ މުޒާހަރާކޮށް، މަސްވެރިންގެ އަޑު އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު