ފާތިމަތުއްޒަހުރާ (ރ.ޢ.) ގެ ހެދުންކޮޅެއް ކަމަށް ބުނާ ހެދުންކޮޅެއް | ފޮޓޯ: މީސް މީޑިއާ
ފާތިމަތުއްޒަހުރާ (ރ.ޢ.) ގެ ހެދުންކޮޅެއް ކަމަށް ބުނާ ހެދުންކޮޅެއް | ފޮޓޯ: މީސް މީޑިއާ
ފާތިމަތު ބިންތި މުޙައްމަދު (ރ.ޢ.)، ނުވަތަ މަޝްހޫރު ނަމުން ނަމަ ފާތިމަތުއްޒަހުރާ (ރ.ޢ.) އަކީ ﷲ ގެ ރަސޫލާ (ޞ.ޢ.ވ.) ގެ ހަތަރުވަނަ އަދި އެކަލޭގެފާނުގެ އެންމެ ލޯބިފުޅުވާ ދަރިކަނބަލުންނެވެ. އެކަމަނާ އުފަންވެވަޑައިގަތީ ކީރިތި ރަސޫލާ (ޞ.ޢ.ވ.) ރަސޫލުކަމައިގެން ފޮނުއްވުމުގެ ފަސް އަހަރު ކުރިން (މީލާދީން ގާތްގަނޑަކަށް 615 ވަނަ އަހަރު) މައްކާގައެވެ. އެކަމަނާގެ މަންމާފުޅަކީ ރަސޫލާ (ޞ.ޢ.ވ.) ގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖާ ބިންތި ޚުވައިލިދު (ރ.ޢ.) އެވެ. މަރްޔަމްގެފާނާއި، ޚަދީޖަތުގެފާނާއި، ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނާ އެކު، ފާތިމަތުގެފާނަކީ މުޅި އިންސާނިއްޔަތުގެ އަންހެނުންގެ ތެރެއިން އެންމެ ތާހިރު އަދި އެންމެ މާތް އަންހެން ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. (މަޞްދަރު: ތިރްމިޛީ: 3878)

ފާތިމަތުއްޒަހުރާ (ރ.ޢ.) ގެ ތިން އަންހެން ބޭފުޅުން ތިއްބެވިއެވެ. އެއީ ޒައިނަބު (ރ.ޢ.) އާއި، އުއްމު ކުލްޘޫމް (ރ.ޢ.) އަދި ރުޤައްޔާ (ރ.ޢ.) އެވެ. އަދި އެކަމަނާގެ ތިން ފިރިހެން ބޭފުޅުން ތިއްބެވިއެވެ. އެއީ ޤާސިމް (ރ.ޢ.) އާއި، ޢަބްދުﷲ (ރ.ޢ.) އަދި އިބްރާހީމް (ރ.ޢ.) އެވެ. ނަމަވެސް މި ހުރިހާ ފިރިހެން ބޭފުޅުންވެސް އަވަހާރަވީ ކުޑަކުދިންގެ ގޮތުގައި ތިއްބަވަނިކޮށެވެ.

އެ ޒަމާނުގައި މައްކާގެ މީހުންގެ އާދަކާދަ ހުންނަ ގޮތާ ޚިލާފަށް، ފާތިމަތުގެފާނު ބޮޑުފުޅުވީ ރަސޫލާ (ޞ.ޢ.ވ.) ގެ އަރިހުގައި އެކަލޭގެފާނުގެ ގޭގައެވެ. އޭރުގެ އާދަކާދައަކީ ކުޑަކުދިން ރަށްފުށުގެ ކިރުމައިންގެ ގާތަށް ފޮނުވުމެވެ. އެކަމަނާގެ ޅަފަތުގެ ދުވަސްތައް ހޭދަކުރެއްވީ މައިންބަފައިންގެ އޯގާތެރިކަމުގެ ދަށުން މައްކާގައެވެ. އެކަމަނާގެ އުމުރުފުޅުން ފަސް އަހަރުގައި، އެކަމަނާގެ ބައްޕާފުޅު މުޅި އިންސާނިއްޔަތަށް ރަސޫލަކު ކަމުގައި ފޮނުއްވުމުން އެކަލޭގެފާނުގެ ދިރިއުޅުއްވުމަށް ބޮޑު ބަދަލެއް އައެވެ. ރަސޫލާ (ޞ.ޢ.ވ.) ނަބީކަން އިޢުލާން ކުރެއްވުމަށްފަހު، ފާތިމަތުގެފާނު ގިނަގުނަ ތަދާއި ދަތިތަކާ ކުރިމަތިލެއްވިއެވެ. އޭގެ ތެރޭގައި އަބޫ ޠާލިބުގެ ވާދީގައި މުސްލިމުން ހިސާރުކުރި ދުވަސްވަރު، ބައްޕާފުޅާއި އެހެނިހެން މުސްލިމުންނާ އެކު ބަނޑުހައިހޫނުކަމާއި ކެކުޅުމުގައި ހޭދަކުރެއްވި ދުވަސްތައް ހިމެނެއެވެ.

އަބޫ ޠާލިބުގެ ވާދީގެ ހިސާރު ނިމުނުތަނާހެން، މަންމާފުޅު ޚަދީޖަތުގެފާނު އަވަހާރަވުމުގެ ހިތާމަ ފާތިމަތުގެފާނަށް ކުރިމަތިވިއެވެ. މަންމާފުޅު ވަކިވެދިއުމަކީ އެކަމަނާއަށް ކެތްކުރަން ދަތިވި ވަރަށް ބޮޑު ހިތާމައެކެވެ. އެކަމަނާއަށް ތަސައްލީއެއް ދެއްވުމުގެ ގޮތުން، ﷲ ތަޢާލާ ސުވަރުގޭގައި އެކަމަނާގެ މަންމާފުޅަށްޓަކައި ގަނޑުވަރެއް ބިނާކުރައްވާފައިވާ ކަމުގެ އުފާވެރި ޚަބަރު ޖިބްރީލްގެފާނުގެ މެދުވެރިކޮށް ރަސޫލާ (ޞ.ޢ.ވ.) އެކަމަނާއަށް ދެއްވިއެވެ.

މުސްލިމުން މަދީނާއަށް ހިޖުރަކުރި އިރު ފާތިމަތުގެފާނާއި އުއްމު ކުލްޘޫމްގެފާނު ތިއްބެވީ މައްކާގައެވެ. އެއަށްފަހު ރަސޫލާ (ޞ.ޢ.ވ.) އެ ބޭކަނބަލުން ބަލައި ބޭކަލަކު ފޮނުއްވިއެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 18 އަހަރެވެ.

ބަދުރު ހަނގުރާމައަށްފަހު، އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ފަދަ ބޮޑެތި ޞަޙާބީން ފާތިމަތުގެފާނުގެ ކައިވެންޏަށް އެދިވަޑައިގަތެވެ. ނަމަވެސް ރަސޫލާ (ޞ.ޢ.ވ.) ﷲ ގެ އަމުރުފުޅަކަށް އިންތިޒާރު ކުރައްވާ ކަމަށް ވިދާޅުވެ ވަރަށް އޯގާތެރިކަމާ އެކު އެކަމަށް އުޒުރުވެރިވެވަޑައިގަތެވެ. އޭގެ ފަހުން ޢަލީ ބިން އަބީ ޠާލިބު (ރ.ޢ.) ވަޑައިގެން ކައިވެންޏަށް އެދިވަޑައިގަތުމުން، ރަސޫލާ (ޞ.ޢ.ވ.) އެކަމަނާ ޢަލީގެފާނާ ކައިވެނި ކޮށްދެއްވިއެވެ. ރަން ކިޔުމަށް ޢަލީގެފާނުގެ އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތެވެ. އޮތީ ހަމައެކަނި ރަސޫލާ (ޞ.ޢ.ވ.) އެކަލޭގެފާނަށް ހަދިޔާކުރެއްވި އައްޑަނައެކެވެ.

ޢަލީގެފާނު އެ އައްޑަނަ އުޘްމާންގެފާނަށް 470 ދިރުހަމަށް ވިއްކަވާލެއްވުމަށްފަހު، އެ ފައިސާ ރަސޫލާ (ޞ.ޢ.ވ.) އަށް ރަނުގެ ގޮތުގައި އެރުވިއެވެ. ރަސޫލާ (ޞ.ޢ.ވ.) އޭގެ ތެރެއިން ބައެއް ފައިސާ ބިލާލްގެފާނަށް ދެއްވައި ސެންޓު ގަތުމަށް އެންގެވިއެވެ. އަދި ބާކީ ފައިސާ އުއްމު ސަލަމާގެފާނަށް ދެއްވީ ކައިވެނީގެ ތަކެތި ތައްޔާރު ކުރެއްވުމަށެވެ.

ކައިވެނީގެ ވަލީމާއަށްފަހު، ޢިޝާ ނަމާދުން އަވަދިވެވަޑައިގެން ރަސޫލާ (ޞ.ޢ.ވ.) އެ ދެކަނބަލުންގެ ގާތަށް ވަޑައިގަތެވެ. އަދި ވުޟޫކުރާ ފެން ގެންނަވައި، އެ ދެކަނބަލުންގެ ގަޔަށް އެ ފެން ބުރުއްސަވައި ދުޢާކުރެއްވިއެވެ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮށްޓޭ! އެ ދެބޭފުޅުންނަށް ބަރަކާތް ލައްވާށިއެވެ. އެ ދެބޭފުޅުންގެ މައްޗަށް ބަރަކާތް އޮއްސަވާށިއެވެ. އަދި އެ ދެބޭފުޅުންގެ ދަރިފަސްކޮޅުގައި ބަރަކާތް ލައްވާށިއެވެ."

ކައިވެންޏަށް އަހަރެއްވީތަނާ، ހިޖުރައިން ތިންވަނަ އަހަރު ރަސޫލާ (ޞ.ޢ.ވ.) ގެ ފުރަތަމަ ކާފަދަރިކަލުން އަލްޙަސަން ބިން ޢަލީ (ރ.ޢ.) އުފަންވެވަޑައިގަތެވެ. ރަސޫލާ (ޞ.ޢ.ވ.) ނުހަނު އުފާފުޅުވެ، އެކަލޭގެފާނުގެ ކަންފަތްޕުޅަށް ބަންގި ގޮވައި، ކުދުކުރި ކުދުރެއްލައި ތަޙްނީީކު ކުރެއްވިއެވެ. އަދި ހަތްވަނަ ދުވަހު ބޯބާލައި، އެ އިސްތަށިފުޅުގެ ބަރުދަނަށް ރިހިން ޞަދަޤާތް ކުރެއްވިއެވެ.

ޖެހިގެން އައި އަހަރު (ހިޖުރައިން 4 ވަނަ އަހަރު) ޝަޢުބާން މަހު، ދެވަނަ ދަރިކަލުން ޙުސައިން ބިން ޢަލީ (ރ.ޢ.) އުފަންވެވަޑައިގަތެވެ. ރަސޫލާ (ޞ.ޢ.ވ.) އެ ދެ ކާފަދަރިކަލުންދެކެ ނުހަނު ލޯބިފުޅުވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ އެ ދެބޭފުޅުންނަކީ ދުނިޔޭގެ މޭވާތަކެއް ފަދަ ބޭފުޅުން ކަމަށާއި، އެއީ ސުވަރުގޭގެ ޒުވާނުންގެ ސައްޔިދުން ކަމަށެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން މުޙްސިން ކިޔާ ތިންވަނަ ފިރިހެން ދަރިކަލަކު އުފަންވި ނަމަވެސް، އެކަލޭގެފާނު އަވަހާރަވީ ތުއްޕުޅުއިރުގައެވެ.

އަޙްޒާބު ސޫރަތުގެ 33 ވަނަ އާޔަތް (ﷲ އިރާދަކުރައްވަނީ ތިޔަ އަހުލުބައިތުންގެ ކިބައިން ނުތާހިރުކަން ދުރުކުރަށްވައި، ފުރިހަމަވެގެންވާ ތާހިރުކުރެއްވުމަކުން ތިޔަބައިމީހުން ތާހިރުކުރެއްވުމަށެވެ) ބާވައިލެއްވުމުން، ރަސޫލާ (ޞ.ޢ.ވ.) ޢަލީގެފާނާއި، ފާތިމަތުގެފާނާއި، ޙަސަންގެފާނާއި ޙުސައިންގެފާނު ފޮތިގަނޑެއްގެ ދަށަށް ގެންނަވައި، އެބޭފުޅުންނަކީ އެކަލޭގެފާނުގެ އަހުލުބައިތުން ކަމުގައި ދުޢާކުރެއްވިއެވެ.

ހިޖުރައިން ފަސްވަނަ އަހަރު އަންހެން ބޭފުޅަކު އުފަންވިއެވެ. ރަސޫލާ (ޞ.ޢ.ވ.) އެކަމަނާއަށް ޒައިނަބުގެ ނަމުން ނަންދެއްވިއެވެ. އޭގެ ދެއަހަރު ފަހުން އުފަންވި އަނެއް އަންހެން ބޭފުޅާއަށް ނަންދެއްވީ އުއްމު ކުލްޘޫމެވެ.

މުއްސަނދި ބޭފުޅުންނާ ކައިވެނި ބެއްލެވި އެކަމަނާގެ އެހެން އުޚުތުންނާ ޚިލާފަށް، ފާތިމަތުގެފާނު ޢަލީގެފާނާއެކު ވޭތުކުރެއްވީ ނުހަނު އާދައިގެ ސާދާ ދިރިއުޅުއްވުމެކެވެ. މަދީނާގައި ރަސޫލާ (ޞ.ޢ.ވ.) ގެ ގެކޮޅާ އަރިހުގައި ޢަލީގެފާނު ބިނާކުރެއްވި ގޭގައި އުޅުއްވިއިރު، ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރެއްވީ ފާތިމަތުގެފާނު އަމިއްލަފުޅަށެވެ. ވަޅުން ފެންދަމައިގެން އުފުއްލެވުމާއި، އަތްމުހުން ގޮދަން މުގުރައި ފުށް މޮޑުމާއި، ރޮށި ފިހުމާއި، ގޭތެރެ ކުނިކަހައި ސާފުކުރުމުގެ ބުރަ މަސައްކަތްތައް އެކަމަނާ ކުރެއްވިއެވެ. އެބޭފުޅުންގެ އިޤްތިޞާދީ ޙާލަތަށް ބަދަލެއް އައީ ޚައިބަރު ހަނގުރާމައަށްފަހު ޣަނީމާ މުދާ ބެހުމުންނެވެ. އޭގެ ފަހުން އެހީތެރިވާނެ ޚާދިމުން ލިބިވަޑައިގަތް ނަމަވެސް، އެކަމަނާ އެބޭފުޅުންނާމެދު ކަންތައް ކުރެއްވީ އާއިލާގެ މެންބަރުން ފަދައިންނެވެ.

ﷲ ތަޢާލާ ރަސޫލާ (ޞ.ޢ.ވ.) ގެ ދަރިފަސްކޮޅު ދެމިއޮތުމުގެ ބަރަކާތް ލެއްވީ ފާތިމަތުގެފާނުގެ މެދުވެރިކޮށެވެ. ރަސޫލާ (ޞ.ޢ.ވ.) ދަތުރުފުޅަކުން ވަޑައިގަންނަވާ ކޮންމެ ފަހަރަކު، މިސްކިތްޕުޅުގައި ދެ ރަކުޢަތް ކުރެއްވުމަށްފަހު، އަނބިއަނބިކަނބަލުންގެ ގާތަށް ވަޑައިގަތުމުގެ ކުރިން ފުރަތަމަ ޒިޔާރަތް ކުރައްވަނީ ފާތިމަތުގެފާނުގެ ގެކޮޅަށެވެ. މުއުމިނުންގެ މަންމަ ޢާއިޝަތުގެފާނު (ރ.ޢ.) ވިދާޅުވެފައިވެއެވެ: "ވާހަކަ ދެއްކުމުގައާއި، އުޅުމާއި ގުޅުމުގައި ރަސޫލާ (ޞ.ޢ.ވ.) އާ ފާތިމަތުގެފާނަށްވުރެ ވައްތަރު އެހެން އެކަކުވެސް ތިމަންކަމަނާ ދެކެވަޑައެއް ނުގަންނަވަމެވެ. އެކަމަނާ ވަޑައިގަތުމުން ރަސޫލާ (ޞ.ޢ.ވ.) އެކަމަނާއަށް ބޮސްދެއްވައެވެ. އަދި ރަސޫލާ (ޞ.ޢ.ވ.) ވަޑައިގަތުމުން އެކަމަނާވެސް އެފަދައިން ކަންތައް ކުރައްވައެވެ." (އަލް-އަދަބުލް މުފްރަދު: 947)

ރަސޫލާ (ޞ.ޢ.ވ.) ޙަދީޘްކުރައްވާފައިވެއެވެ: "ފާތިމަތަކީ ތިމަންކަލޭގެފާނުގެ ހަށިކޮޅުގެ ބައެކެވެ. އެކަމަނާ ކޯފާ އިސްކުރުވި ކޮންމެ ކަމަކީ ތިމަންކަލޭގެފާނު ކޯފާ އިސްކުރުވާނެ ކަމެކެވެ." (ޞަޙީޙް ބުޚާރީ: 3767)

ނަމަވެސް، ރަސޫލާ (ޞ.ޢ.ވ.) އެކަމަނާއަށް އަބަދުވެސް ހަނދުމަފުޅުކޮށްދެއްވަނީ ހެޔޮ އަމަލުތައް ކުރުމުގެ މުހިންމުކަމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އޭ ފާތިމަތު ބިންތި މުޙައްމަދެވެ! ﷲ ގެ ޙަޟްރަތުގައި ތިމަންކަލޭގެފާނަށް ކަމަނާއަށްޓަކައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. ތިމަންކަލޭގެފާނުގެ މުދަލުން ބޭނުން ކޮންމެ އެއްޗަކަށް އެދިވަޑައިގަންނަވާށެވެ. (ނަމަވެސް އާޚިރަތް ބިނާކުރަންޖެހޭނީ އަމިއްލަ ޢަމަލުންނެވެ.)"

ގޭތެރޭގެ މަސައްކަތްތައް ބުރަވެ ފާތިމަތުގެފާނު ވަރުބަލިފުޅުވާތީ، އެހީތެރިވާނެ ޚާދިމަކަށް އެދިވަޑައިގަތުމަށް ޢަލީގެފާނު ލަފާދެއްވިއެވެ. ފާތިމަތުގެފާނު ރަސޫލާ (ޞ.ޢ.ވ.) ގެ އަރިހަށް ވަޑައިގަތުމުން، ލަދުފުޅުން އެވާހަކަ ދަންނަވާކަށް ކެރިވަޑައެއް ނުގަތެވެ. ފަހުން ޢަލީގެފާނާއެކު ވަޑައިގެން އެކަމަށް އެދުމުން، ރަސޫލާ (ޞ.ޢ.ވ.) އެކަމަށް އިންކާރު ކުރެއްވިއެވެ. އެއަށްފަހު އެއްދުވަހަކު އެބޭފުޅުންގެ ގެއަށް ވަޑައިގެން ޙަދީޘްކުރެއްވިއެވެ: "ތިޔަ އެދިވަޑައިގަތް ކަންތަކަށްވުރެ މާ ހެޔޮވެގެންވާ ކަމެއް އުނގަންނައިދެން ހެއްޔެވެ؟ ނިދިކުރައްވަން އޮށޯންނަވާއިރު 33 ފަހަރު 'ސުބްޙާނަﷲ'، 33 ފަހަރު 'އަލްޙަމްދުލިﷲ'، އަދި 34 ފަހަރު 'ﷲ އަކުބަރު' ކިޔަވާށެވެ. މިއީ ޚާދިމަކަށްވުރެ ތިޔަބޭފުޅުންނަށް މާ ހެޔޮވެގެންވާ ކަމެކެވެ." ޢަލީގެފާނު ވިދާޅުވިއެވެ: "ﷲ ގަންދީ ބުނަމެވެ. ރަސޫލާ (ޞ.ޢ.ވ.) އެކަން އުނގަންނައިދެއްވި ފަހުން، ސިއްފީން ހަނގުރާމައިގެ ރޭގައިވެސް ތިމަންކަލޭގެފާނު އެ ޒިކުރުތައް ކިޔެވުން ދޫކޮށްނުލަމެވެ."

ރަސޫލާ (ޞ.ޢ.ވ.) ވަދާޢުގެ ޙައްޖަށްފަހު ބަލިވެއުޅުއްވި ދުވަސްވަރު، ފާތިމަތުގެފާނު އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވިއެވެ. ރަސޫލާ (ޞ.ޢ.ވ.) އެކަމަނާގެ ކަންފަތްޕުޅުދަށުގައި ސިއްރުން އެއްޗެއް ވިދާޅުވުމުން އެކަމަނާ ވަރަށް ބޮޑަށް ކީރިތިކުރެއްވިއެވެ. އަދި އަނެއްކާވެސް އެއްޗެއް ވިދާޅުވުމުން ހިނިތުންވެވަޑައިގަތެވެ. ފަހުން އެކަމާ ބެހޭގޮތުން ޢާއިޝަތުގެފާނު ސުވާލުކުރެއްވުމުން ފާތިމަތުގެފާނު ވިދާޅުވިއެވެ: "ފުރަތަމަ ރަސޫލާ (ޞ.ޢ.ވ.) ވިދާޅުވީ އެކަލޭގެފާނު އަވަހާރަވާން ގާތްވެއްޖެ ކަމަށެވެ. އެހެންވެ ތިމަންކަމަނާ ރޮއިގަތީއެވެ. ދެވަނަ ފަހަރަށް ވިދާޅުވީ އެކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިން އެންމެ ފުރަތަމަ އެކަލޭގެފާނާ ބައްދަލުވާނީ (އަވަހާރަވާނީ) ތިމަންކަމަނާ ކަމަށާއި، ތިމަންކަމަނާއަކީ ސުވަރުގޭގެ އަންހެނުންގެ ސައްޔިދާ ކަމަށެވެ. އެހެންވެ އުފަލުން ހިނިތުންވީއެވެ."

ރަސޫލާ (ޞ.ޢ.ވ.) އަވަހާރަވުމުން ފާތިމަތުގެފާނު ނުހަނު ހިތާމަކުރެއްވިއެވެ. އެކަލޭގެފާނު ފަސްދާނުލެވުމަށްފަހު އަނަސްގެފާނަށް ވިދާޅުވިއެވެ: "އޭ އަނަސްއެވެ! ﷲ ގެ ރަސޫލާގެ ހަށިކޮޅުގެ މައްޗަށް ފަސްއަޅަން ތިޔަބައިމީހުންގެ ހިތްތަކަށް ކެތްވީ ކިހިނެއް ހެއްޔެވެ؟"

ރަސޫލާ (ޞ.ޢ.ވ.) އަވަހާރަވިތާ މާގިނަ ދުވަސްތަކެއް ނުވެ ފާތިމަތުގެފާނު ބަލިވެވަޑައިގަތެވެ. އެކަމަނާ އަވަހާރަވީ ހިޖުރައިން 11 ވަނަ އަހަރުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 27 އަހަރެވެ.

މާތްﷲ ފާތިމަތު ބިންތި މުޙައްމަދަށް ރަޙްމަތް ލައްވާށިއެވެ. އާމީން.



ކިޔުންތެރިންގެ ހިޔާލު