ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެކި ފެންވަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ހަވާލުވެތިބި މީހުންނަކީ، ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުކުރެވޭނެ ބައެއްކަން ހަނދާންކޮށްދީ، މިއަދުގެ ހުކުރު ޚުތުބާގައި މުހިންމު ނަސޭހަތްތަކެއް ދީފިއެވެ.

ރާއްޖޭގެ އެކިކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ބިނާކޮށްފައިވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށެވެ. ޚުތުބާ ފަށްޓަމުން ވަނީ މާތް اللهއަށް ތަޤުވާވެރިވުމަށް އެންމެހައި މުސްލިމުންނަށް ވަޞިއްޔަތްކޮށްފައެވެ. އަދި މުސްލިމުންގެ ގޮތުގައި މެނުވީ މަރުނުވުމަށް ކީރިތި ޤުރްއާނުގެ އާޔަތްތަކުން ހަނދާންކޮށްދީފައިވެއެވެ.

މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއްކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، ކޮންމެ މީހަކީވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ބަޔަކާ މެދު ސުވާލުކުރެވޭނެ ބެލެހެއްޓުންތެރިއެއް ކަމަށެވެ. މީގެ ތެރޭގައި ވެރިންނާއި، މައިންބަފައިންނާއި، ވަޒީފާ އަދާކުރާ މީހުންނާއި ޚާދިމުންވެސް ހިމެނޭކަން ރަސޫލާގެ ޙަދީޘްފުޅުތަކުން މިސާލު ދައްކާފައިވެއެވެ.

"ވަކީން ޚާއްޞަ ގޮތެއްގައި، އެކި ފެންވަރުގެ ޒިންމާތަކާ ޙަވާލުވެތިބި މީހުންނަކީ، ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއްކަން ދަންނާށެވެ!" ޚުތުބާގައި ބުންޏެވެ. އަދި އެ ދުވަހުން މީހާގެ ޢުމުރާއި، ޢިލްމާއި، މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އިސްލާމީ މުޖުތަމަޢެއްގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށެވެ. މިގޮތުން ޝަރަފުވެރި އާއިލާއެއްގެ މީހަކު ވައްކަން ކުރި ނަމަވެސް، ޤާނޫނާއި ޝަރީޢަތް ހަމަހަމައަށް ހިނގަންވާނެކަން ރަސޫލާގެ ސީރަތުން ވަނީ ދައްކުވައިދީފައެވެ. ރަސޫލާ ޙަދީޘްކުރައްވާފައިވަނީ އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވި ކަމުގައި ވިޔަސް އަތްޕުޅު ކަނޑުއްވާނެ ކަމަށެވެ.

ޚުތުބާ ނިންމާލަމުން ވަނީ ކޮންމެ މީހަކަށްމެ ޙަވާލުވެފައިވާ މަސްއޫލިއްޔަތަކީ އަމާނާތެއް ކަމުގައި ދެކި، އަމިއްލަ އެދުމަށްވުރެ މުޖުތަމަޢުގެ މަޞްލަޙަތު އިސްކުރުމަށް ގޮވާލާފައެވެ. އަދި ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ބިނާވެގެންވަނީ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ޒިންމާ ތެދުވެރިކަމާއެކު އަދާކޮށްގެން ކަމަށް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު