މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުން، ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުން، ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް ހިލޭ ޖާގަ ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައެވެ. މި ހުށަހެޅުން ކައުންސިލަށް ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު މާލޭގައި ދިރިއުޅެމުންދާއިރު، އެ މީހުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެފަދަ ބައްދަލުވުންތައް ބޭއްވުމަށް އެކަށީގެންވާ މާލަންތަކާއި ޖާގަ ހޯދުމުގައި އެ ކައުންސިލްތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަން މިފަދަ ބައްދަލުވުންތަކަށް ހިލޭ ދޫކުރުމަކީ ރަށްރަށުގެ ކައުންސިލްތަކާއި މާލެ ސިޓީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި ހަމައެކަނި ޖާގަ ދިނުމުގެ އިތުރުން، ބައްދަލުވުންތަކަށް އަންނަ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ވެސް ކައުންސިލްގެ އަމާޒެއް ކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ މާލެއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މި ހުށަހެޅުމަށް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުން ވަނީ ތާއިދުކުރައްވާފައެވެ. އަދި އެއްވެސް އިއުތިރާޒެއް ނެތި އިއްތިފާގުން މި ނިންމުން ވަނީ ފާސްކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ނިންމުމުގެ ސަބަބުން، މާލޭގައި ވަޒަންވެރިވެގެން އުޅޭ ރައްޔިތުންނާ ގާތުން މުއާމަލާތްކޮށް، އެ ރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ފަހިވެގެންދާނެއެވެ. މީގެ އިތުރުން މިއީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ މެދުގައި އޮންނަންޖެހޭ އެއްބާރުލުން އިތުރުކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށްވެސް އެ ކައުންސިލުން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު