ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ރާއްޖޭގެ ބާޒާރުން ޑޮލަރު ހުސްވެ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައީ ސަރުކާރަށް ބޭރުގެ މާލީ ބާޒާރުތަކުން ފައިސާ ހޯދުމުގައި ނުކުޅެދި، ރާއްޖޭގެ އިގްތިސާދުގައި ހުރި ހުރިހާ ފައިސާއަކުން ދަރަނި ދެއްކުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ތާށިކަމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، ސަރުކާރަށް ކެޕިޓަލް މާކެޓުން ފައިސާ ނުލިބުމުގެ ސަބަބުން ދަރަނި އަދާކުރަން ޖެހުނީ "ރަށުތެރޭގައި" ނުވަތަ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ހުރި ހުރިހާ ޑޮލަރެއް ނަގައިގެން ކަމަށެވެ. މީގެ ސަބަބުން އާންމު ވިޔަފާރިތަކަށާއި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ބާޒާރުގައި ޑޮލަރު ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) އާއި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އާންމު އުސޫލުން ދޫކުރާ ލޯނުތައް ރާއްޖެއަށް ލިބުމުގެ ފުރުސަތު އޮތް ނަމަވެސް، މި އަހަރުގެ ތެރޭގައި ސަރުކާރަށް ބޭރުން ހޯދުނީ ވަރަށް މަދު ފައިސާކޮޅެކެވެ. އެގޮތުން އޯޕެކް ފަންޑާއި އައިޑީއޭ މެދުވެރިކޮށް ލިބިފައިވަނީ އެންމެ 40 މިލިއަން ޑޮލަރުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ދަރަނި ދެއްކުމަށްޓަކައި ރާއްޖޭގައި ހުރި ހުރިހާ ޑޮލަރެއް ބޭރުކޮށްލަން ޖެހުމުން ބާޒާރު މިއޮތީ ހުސްވެފައި ކަމަށެވެ.

މި އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ އަހަރަށް ވާއިރު، މިދިޔަ އޭޕްރީލް މަހު އެކަނިވެސް ސަރުކާރުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އެގޮތުން ސުކޫކަށް ދައްކަންޖެހޭ 524 މިލިއަން ޑޮލަރާއި އިންޑިއާގެ މަރުކަޒީ ބޭންކަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރާއެކު، ޖުމްލަ 924 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދަރަނި އަދާކުރުމަށް ހޭދަކޮށްފައެވެ. މި ބޮޑު ހޭދައާ ގުޅިގެން ބޭރު ފައިސާގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ވަނީ 21.35 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައެވެ.

މީގެ އިތުރުން، ދަރަނި ރީސްޓްރަކްޗާ ކުރުމަށް ނުވަތަ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން އެހީތެރިކަން ހުށަހެޅި ނަމަވެސް،

ސަރުކާރުން އެ ފުރުސަތުގެ ބޭނުން ހިފާފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ. ސީވީއެފް އަކީ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކުގެ ދަރަނި އަލުން އެކުލަވާލުމުގައި އެހީތެރިވެދޭ ޖަމިއްޔާއެކެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން އަމިއްލަ ޕްލޭނަކަށް ކުރިއަށް ދާން ނިންމި ނަމަވެސް، ބޭރުން ފައިސާ ނުލިބި ދަރަނި ދައްކަން ޖެހުމުން އިގްތިސާދަށް މިހާރު ވަނީ އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު