ސަރުކާރުގެ ވުޒާރާތަކުގެ އިސް އިދާރީ މަގާމުތަކުގައި ތިއްބަވާ ޕާމަނަންޓް ސެކްރެޓަރީންނާއި، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރައާއި އިނާޔަތްތަކަށް އަންނަ މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.

މި ނިންމުމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށް ސާކިއުލާއެއް ފޮނުވާފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން ފޮނުވި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލަކީ ޕާމަނަންޓް ސެކްރެޓަރީންނާއި، ސެކްރެޓަރީ ޖެނެރަލުންގެ އިތުރުން އައިޓީ ދާއިރާގެ ތިން ޖޮބް މެޓްރިކްސްއެއްގެ މުސާރައާއި އިނާޔަތްތަކަށް ގެނައި ބަދަލެކެވެ. މި އާ އޮނިގަނޑުގެ ދަށުން، މި މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ކުރިން ލިބެމުންދިޔަ އުޖޫރައަށް ވުރެ މިހާރު ކަނޑައަޅާފައިވާ މިންވަރު ވަނީ ކޮންމެވެސް ވަރަކަށް ކުޑަވެފައެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި އާ މުސާރައިގެ އޮނިގަނޑަށް ބަލާއިރު، ޕާމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ހިމެނޭ ރޭންކް 17 ގެ މަގާމުތަކަށް އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 23,935 ރުފިޔާއެވެ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 23,065 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުރިން މި މަގާމުތަކަށް ލިބެމުންދިޔަ ގާތްގަނޑަކަށް 53,000 ރުފިޔާއާ އަޅާބަލާއިރު ކުޑަވުމެކެވެ.

މީގެ އިތުރުން ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ ތެރެއިން ރޭންކް 16 ގައި ހިމެނޭ ފަރާތްތަކުގެ އަސާސީ މުސާރައަކީ 18,000 ރުފިޔާއެވެ. އެ މަގާމުގެ އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 6,620 ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ ކުރިން މި ފެންވަރުގެ މުވައްޒަފުންނަށް ލިބުނު 35,000 ރުފިޔާއަށްވުރެ މަދު އަދަދެކެވެ. ހަމައެއާއެކު، ޑިޕްލޮމާއާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ރޭންކް 16 ގެ މަގާމުތަކަށް ކަނޑައަޅާފައިވަނީ 10,000 ރުފިޔާގެ އަސާސީ މުސާރައަކާއި 7,000 ރުފިޔާގެ އެލަވަންސެކެވެ. މި ގިންތީގެ މުވައްޒަފުންނަށް މީގެ ކުރިން މުސާރައިގެ ގޮތުގައި 32,000 ރުފިޔާ ލިބެމުން ދިޔައެވެ،

މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ޕޭ ކޮމިޝަނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު