އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައަށް މިހާތަނަށް 37.5 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ އީރާން ހަނގުރާމައަށް އެމެރިކާގެ ޕެންޓަގަންއިން މިހާތަނަށް ކުރި ހަރަދު ގާތްގަނޑަކަށް 37.5 ބިލިއަން ޑޮލަރަށް (28 ބިލިއަން ޕައުންޑަށް) އަރާކަމަށް އެންމެ ފަހުގެ އަންދާޒާތަކުން ދައްކާ ކަމަށެވެ. ހެގްސެތު ވިދާޅުވި ގޮތުގައި، މޭ މަހުގެ ކުރީކޮޅު ހަނގުރާމައަށް 29 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް، އެންމެ ފަހުގެ އަންދާޒާތަކުން ދައްކަނީ މިހާރު އެ އަދަދު 37.5 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަމުން ހެގްސެތު ވަނީ، ދިފާއީ ކަންކަމަށް އިތުރު 87.6 ބިލިއަން ޑޮލަރުގެ ފަންޑިން ހޯދުމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ހުށަހަޅާފައިވާ ހުށަހެޅުމާ ބެހޭ ތަފްސީލު މެންބަރުންނާ ހިއްސާކުރައްވާފައެވެ.

މި ހުށަހެޅުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ހެގްސެތު ވިދާޅުވީ، އިތުރަށް އެދިފައިވާ މި ފައިސާ ބޭނުންކުރެވޭނީ "ބާރުގެ ޒަރީއާއިން ސުލްހަ ވަރުގަދަކުރުމުގެ" ސިޔާސަތު ތަންފީޒުކުރުމަށް ކަމަށެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ډެން ކޭން، ސެނެޓުގެ އެޕްރޯޕްރިއޭޝަންސް ކޮމިޓީގެ ކުރިމައްޗަށް ހާޒިރުވެވަޑައިގެންނެވީ އީރާން ހަނގުރާމައަށް ހަރަދުކުރުމަށާއި، މަދުވެފައިވާ ހަތިޔާރުގެ ރައްކާތައް އިތުރުކުރުމަށްޓަކައި އިތުރު 70 ބިލިއަން ޑޮލަރުގެ ފަންޑިން ހޯދުމަށެވެ.

ނަމަވެސް، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް މެންބަރު ވަނީ މި ހުށަހެޅުމާމެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، ދިފާއީ ވުޒާރާއިން އެދިފައިވާ އިތުރު ފަންޑިންއަކީ "އެހާ ބުއްދިއަށް ގަބޫލުކުރެވޭ" ނުވަތަ ސަބަބުވެރި ހުށަހެޅުމެއް ނޫން ކަމަށެވެ.

މިހާރު ހިނގަމުންދާ ހަނގުރާމަ ފެށިގެން ދިޔައީ މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކާއެކުއެވެ. އީރާނުގެ އެންމެ އިސް ރޫހީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަވި މި ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށާފައެވެ.

އޭޕްރީލް މަހުގެ ތެރޭގައި ޕާކިސްތާނު މެދުވެރިވެގެން ދެ ހަފުތާގެ ވަގުތީ ހަމަލާބަދަލުކުރުން ހުއްޓާލައި، އިސްލާމްއާބާދުގައި މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، އެ މަޝްވަރާތައް ވަނީ ނާކާމިޔާބުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި އީރާނުން ވަނީ، މީގެ މަހެއްހާ ދުވަސް ކުރިން ސޮއިކުރި ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ، އަލުން ހަމަލާތައް ބަދަލުކުރަން ފަށާފައެވެ. އަދި ދުނިޔޭގެ ހަކަތަ އުފުލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ދެ ގައުމުން ވެސް އަންނަނީ ވަރުގަދައަށް މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު