މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.

އެމް.ޕީ.އެލް ގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤު ކަމަށްވާއިރު، ސީ.އެޗް.އީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިއްމު ރިޔާސީ ވަޢުދުފުޅެއްކަމަށްވާ މި މަޝްރޫޢުގެ ދަށުން، ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަ 14.6 މީޓަރު ފުން މިނުގެ 375 މީޓަރު ދިގު ކީ-ވޯލްއަކާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކަށް ބޭނުންކުރާ އުޅަނދުފަހަރަށް ޚާއްސަ 5 މީޓަރުގެ ފުން 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނެއެވެ.

ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، 11 ނޮވެމްބަރު 2027 ގެ ނިޔަލަށް މި މަޝްރޫޢު ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫޢުގެ ދަށުން ތިލަފުށީ ބަނދަރުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ފަސޭހަނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ބައެއް މަސައްކަތްތައް 01 ޖޫން 2026 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފައިވާއިރު، މުޅި މަޝްރޫޢު ނިމިގެންދާއިރު ތިލަފުށީގައި 1،000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ ކީ-ވޯލްއަކާއި، މާލޭގެ ހާބަރުތައް ބޭނުންކުރާ އުޅަނދުފަހަރަށް ޚާއްސަ 2،000 މީޓަރަށްވުރެ ދިގު ކީ-ވޯލް ހިމެނޭ ޑޮމެސްޓިކް ޓަރމިނަލެއް ތަރައްޤީކުރެވޭނެއެވެ.

މާލޭ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަކީ މާލޭ ވިޔަފާރި ބަނދަރުގެ ބިމުގެ ޖާގައަށްވުރެ 10 ގުނަ ބޮޑު ސަރަހައްދެކެވެ.

އަދި އައު ބަނދަރުގައި ގެންޓްރީ ކެރޭނާއި މޯބައިލް ހާބަރ ކެރޭން ފަދަ ޒަމާނީ އިކުއިޕްމަންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ބަދަލާއެކު ބޯޓުފަހަރުން މުދާ ބޭލުމަށް މިހާރު ނަގާ 7 ދުވަހުގެ މުއްދަތު ގާތްގަނޑަކަށް 2 ދުވަހަށް ކުޑަވެގެންދާނެއެވެ.

މިކަމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކާއި ޝިޕިންގ ލައިންތަކަށް ބޮޑެތި ލުއިތަކެއް ލިބި، މުދަލުގެ ފްރައިޓް ކުޑަވެގެންގޮސް އާންމު ރައްޔިތުންނަށް މުދާ ލިބޭ އަގު ހެޔޮވުމަށް މަގުފަހިވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު