އުމުރުން ދުވަސްވީ މީހަކު މޯބައިލް ފޯނެއް ނެތުމުން ހިދުމަތުން މަހުރޫމް ކުރެވިފަ
އުމުރުން ދުވަސްވީ މީހަކު މޯބައިލް ފޯނެއް ނެތުމުން ހިދުމަތުން މަހުރޫމް ކުރެވިފަ
ސަރުކާރުތަކާއި ވިޔަފާރިތަކުން ހަލުވިކަމާއެކު ޑިޖިޓަލް ޓެކްނޮލޮޖީއަށް ހިޖުރަކުރަމުންދާއިރު، މުހިންމު ސުވާލެއް ކުރިމަތިވެއެވެ. އެއީ އަސާސީ ޚިދުމަތްތައް ހޯދުމަށްޓަކައި ސްމާޓްފޯނެއް އޮތުމަކީ މަޖުބޫރު ކަމަކަށް ވާންޖެހޭނެތޯއެވެ؟

ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ލިބިގެންދެއެވެ. ނަމަވެސް، އަމިއްލަ އިޚުތިޔާރުގައި ނުވަތަ އުމުރުގެ ގޮތުންނާއި، މާލީ ހާލަތުގެ ސަބަބުން ނުވަތަ ޑިޖިޓަލް ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން މުޅިން ސްމާޓްފޯނަށް ބަރޯސާވާން ޖެހުމަކީ، ބައެއް މީހުންނަށް ކުރިއެރުމުގެ ބަދަލުގައި ކުރިމަތިވާ ބޮޑު ހުރަހެކެވެ. އޮފްލައިންކޮށް ޚިދުމަތް ހޯދަން ބޭނުންވާ ނުވަތަ އެ ނޫން ގޮތެއް ނެތް މީހުންގެ ޙައްޤުތަކާ މެދު މިހާރު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ޑިޖިޓަލް ވަސީލަތްތައް ހުރަހަކަށްވުން

ސްރީލަންކާގައި ދާދިފަހުން ހިނގި ހާދިސާއަކުން، ޑިޖިޓަލް ފަސޭހަކަމާއި ހަމަހަމަ ފުރުޞަތުތަކާ ދެމެދު އޮތް ފަރަގު ވަނީ ހާމަވެފައެވެ. ސަރުކާރުގެ އިދާރާއަކުން ޚިދުމަތް ހޯދަން ދިޔަ މީހަކަށް، އޭނާގެ އަތުގައި މޮބައިލް ފޯނު ނަންބަރެއް ނެތުމުން ޚިދުމަތް ދިނުމަށް ވަނީ އިންކާރުކޮށްފައެވެ. އޭނާގެ އަތުގައި ފޯނެއް ނޯންނަކަން ބަޔާންކޮށްދިނުމުންވެސް ޚިދުމަތް ލިބުނީ އިސް އޮފިޝަލަކު އެކަމުގެ ތެރެއަށް ވަންނެވުމުންނެވެ.

މިފަދަ ހާދިސާތައް ރާއްޖޭގައިވެސް މަދުން ނަމަވެސް ހިނގައެވެ. ޚާއްޞަކޮށް ދޮށީ އުމުރުގެ މީހުން ޚިދުމަތް ހޯދަން ދާއިރު، ވަކި އެޕްލިކޭޝަނެއް ނެތުމުން ނުވަތަ ސްމާޓްފޯނެއް ބޭނުންކުރަން ނޭނގުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވެއެވެ. އަދި ބައެއް ބޭންކުތަކުން ކަރުދާސް ޑިޕޮސިޓް ސްލިޕް ދޫކުރުން ހުއްޓާލައި، މެޝިން ނުވަތަ މޮބައިލް އެޕް ބޭނުންކުރުމަށް ބާރުއެޅުމަކީ، އާދަކާދައިގެ މަތިން ޚިދުމަތް ލިބޭނެ މަގުތައް މާ އަވަހަށް ބަންދުވަމުންދާ ކަމުގެ ނިޝާނެކެވެ. މީގެ ސަބަބުން ޓެކްނޮލޮޖީއަށް އަހުލުވެރިނޫން މީހުން މުޖުތަމަޢުން ބާކީވުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ޑިޖިޓަލް ޚިދުމަތަކީ މަޖުބޫރު ކަމަކަށް ވެގެން ނުވާނެ

ޓެކްނޮލޮޖީގެ ސަބަބުން ސަރުކާރުތަކާއި ވިޔަފާރިތައް ހިންގާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. އޮންލައިން އެޕޮއިންޓްމަންޓްތަކާއި، މޮބައިލް ބޭންކިންގ އަދި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމުތަކުގެ ސަބަބުން ޚިދުމަތްތައް އަވަސްވެފައިވެއެވެ.

ޓެކްނޮލޮޖީއަކީ ޚިދުމަތް ހޯދުމުގެ ފުރުޞަތުތައް ފުޅާކޮށްދޭންޖެހޭ ވަސީލަތެކެވެ. އެއީ ޚިދުމަތަށް އޮތް ހުރަހަކަށް ވެގެންނުވާނެއެވެ. ޢާންމު ޚިދުމަތްތަކަކީ، އެންމެ ފަހުގެ ފޯނެއް އޮތަސް ނުވަތަ ނެތަސް، ކޮންމެ ރައްޔިތަކަށްމެ ހަމަހަމަކަމާއެކު ލިބެންޖެހޭނެ ޙައްޤެކެވެ. ޚިދުމަތް ލިބޭނެ ހަމައެކަނި ގޮތަކީ ޑިޖިޓަލް ވަސީލަތް ކަމަށް ހަދައިފިނަމަ، ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން މާލީ ގޮތުން ދަތި މީހުން އެ ޚިދުމަތްތަކުން މަޙުރޫމްވާނެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތައް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "އޮފްލައިންކޮށް ދިރިއުޅުމުގެ ޙައްޤަށް ދަނީ ބޮޑު ސަމާލުކަމެއް ދެމުންނެވެ. ފްރާންސް، ސްޕެއިން އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތަކުގައި މިކަމަށް ޤާނޫނީ ރައްކާތެރިކަން ވަނީ ދީފައެވެ. 2023 ވަނަ އަހަރު ސްވިޒަލޭންޑްގެ ޖެނީވާގައި، ޑިޖިޓަލް ނިޒާމަކަށް މަޖުބޫރުނުވެ ދިރިއުޅުމުގެ ޙައްޤަށް ރައްޔިތުން ވަނީ ވޯޓު ދީފައެވެ. އަދި އިންޑިއާގެ ސުޕްރީމް ކޯޓުންވެސް ވަނީ ޑިޖިޓަލް ވަސީލަތްތައް ނެތުމުގެ ސަބަބުން އަސާސީ ޚިދުމަތްތަކުން ރައްޔިތުން މަޙުރޫމް ނުކުރެވޭނެ ކަމަށް ނިންމާފައެވެ.

ފަސޭހަކަމަކީ އިޚުތިޔާރު އުނިވާންޖެހޭ ސަބަބެއް ނޫން

ޑިޖިޓަލް ޚިދުމަތްތަކުން ލިބޭ ފަސޭހަތަކާ މެދު ޝައްކެއް ނެތެވެ. ނަމަވެސް، މި ފަސޭހަކަމުގެ ސަބަބުން މީހުންނަށް އޮންނަ އިޚުތިޔާރު ގެއްލިގެން ނުވާނެއެވެ. ކޮންމެ އަސާސީ ޚިދުމަތަކީވެސް އޮފްލައިންކޮށް، ސީދާ ބައްދަލުކޮށްގެން ނުވަތަ ކަރުދާސް ފޯމު މެދުވެރިކޮށް ލިބެންޖެހޭނެ ޚިދުމަތަކަށް ވާންޖެހެއެވެ. އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި އަގުބޮޑު ފޯނު ގަތުމާއި އިންޓަނެޓަށް ޚަރަދުކުރުން ރައްޔިތުންގެ މައްޗަށް މަޖުބޫރުވެގެން ނުވާނެއެވެ.

ޑިޖިޓަލް ޒަމާނުގައި އެންމެން ބައިވެރިކުރުން

ޙަޤީޤީ ޑިޖިޓަލް މުޖުތަމަޢަކީ އެންމެން މަޖުބޫރުން އޮންލައިންކުރާ މުޖުތަމަޢެއް ނޫނެވެ. އެއީ ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުން ފަސޭހަކޮށްދޭއިރު، އޮފްލައިންކޮށް ތިބޭ މީހުންގެ ފުރުޞަތުތައްވެސް ރައްކާތެރިކޮށްދޭ މުޖުތަމަޢެކެވެ. އޮފްލައިންކޮށް ހުރުމުގެ ޙައްޤަކީ ޓެކްނޮލޮޖީއަށް އިންކާރު ކުރުމެއް ނޫނެވެ. އެއީ ޓެކްނޮލޮޖީއަކީ އިންސާނުންނަށް ޚިދުމަތްކުރަން އޮތް ވަސީލަތެއްކަން ހަނދާންކޮށްދޭ ކަމެކެވެ.

ޑިޖިޓަލް ދުނިޔޭގައި ކުރިއަރަމުންދާއިރު، އެއްވެސް ރައްޔިތަކު ސްމާޓްފޯނެއް ނެތުމުގެ ސަބަބުން އަސާސީ ޚިދުމަތަކުން މަޙުރޫމްވެގެން ނުވާނެއެވެ. އެންމެންނަށް ހަމަހަމަކަމާއި ކަރާމާތްތެރިކަމާއެކު ޚިދުމަތް ލިބުން ކަށަވަރުކުރުމަކީ ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބެވެ. ސުވާލަކީ، ޓެކްނޮލޮޖީގެ މި ބާރު ދުވެލީގައި، އެންމެ ނިކަމެތި މީހުން ބާކީނުކޮށް ޝާމިލުކުރެވޭނެ އިންސާފުވެރި ނިޒާމެއް އަޅުގަނޑުމެންނަށް ބިނާކުރެވޭނެބާވައެވެ؟



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް