ފިރި މީހާ ގާތުން ވަރިބުމަށް ފަހު އަނބި މީހާ ދަނީ
ފިރި މީހާ ގާތުން ވަރިބުމަށް ފަހު އަނބި މީހާ ދަނީ
ދުނިޔޭގެ ނިސްބަތުން ވަރި އެންމެ ގިނަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ އަދިވެސް ހިމެނެމުންދިއުމަކީ، އާއިލީ ބަދަހިކަމާއި މުޖުތަމައުގެ މުސްތަގުބަލާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަންބޮޑުވުން އޮތް ކަމެކެވެ. ތަރައްޤީގެ އެކި ދާއިރާތަކުން ރާއްޖެ ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދަމުން ދިޔަ ނަމަވެސް، ރޫޅޭ ކައިވެނިތަކުގެ އަދަދު އިތުރުވަމުންދިއުމަކީ ވަގުތުން ހައްލުކުރަން ޖެހިފައިވާ ބޮޑު އިޖުތިމާއީ މައްސަލައެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2002 އިން 2024 އަށް ރާއްޖޭގައި 120,393 ކައިވެނި ކުރެވުނުއިރު، 64,821 ވަރި ވަނީ ރެކޯޑު ކުރެވިފައެވެ. މިއީ ކުރެވުނު ކައިވެނިތަކުގެ 53.84 އިންސައްތައެވެ. މި ހާލަތު ފަހަކަށް އައިސް ވަނީ އިތުރަށް ގޯސްވެފައެވެ. އެގޮތުން 2014 އިން 2024 އަށް ވަރީގެ ނިސްބަތް ވަނީ 63.39 އިންސައްތައަށް އުފުލިފައެވެ. ފެމިލީ ކޯޓުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުގެ ޖެނުއަރީން އޮކްޓޫބަރުގެ ނިޔަލަށް 1,936 ކައިވެނި ކުރެވުނުއިރު، 1,154 ވަރި ވަނީ ހިނގާފައެވެ.

އިސްލާމްދީނުގައި ވަރިއަކީ ކައިވެންޏެއް ކުރިއަށް ނުގެންދެވޭނެ ފަދަ މަޖުބޫރު ހާލަތެއްގައި ހުއްދަ ކަމެއް ނަމަވެސް، އެއީ ދެމަފިރިންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއް ނާކާމިޔާބުވުމުން ނޫނީ އިހުތިޔާރުކުރަންޖެހޭ ފަހު މަރުހަލާއެއް ނޫނެވެ. ކައިވެނީގެ ބިންގަލަކީ ލޯތްބާއި، އިތުބާރާއި، ކެތްތެރިކަމާއި، އޯގާތެރިކަމުގެ އިތުރުން އެކަކު އަނެކަކަށް ކުރާ އިހުތިރާމެވެ. ކޮންމެ ގުޅުމެއްގައިވެސް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ކައިވެނި ދެމެހެއްޓުމުގެ އަސްލަކީ ފުރިހަމަ މުއާމަލާތް ކުރުމާއި، އެކަކު އަނެކަކަށް ދޫދިނުމެވެ.

ވަރީގެ ހިތްދަތިކަން ހަމައެކަނި ދެމަފިރިންނަށް އެކަނި އަމާޒެއް ނުވެއެވެ. މީގެ އެންމެ ބޮޑު ނަފްސާނީ އަސަރެއް ކުރަނީ މައުސޫމް ދަރިންނަށެވެ. މީގެ އިތުރުން މައިންބަފައިންނާއި، ތިމާގެ މީހުންނާއި، މުޅި މުޖުތަމައަށްވެސް މީގެ ނޭދެވޭ އަސަރު ފޯރައެވެ. އެހެންކަމުން، އާއިލީ ގުޅުންތައް ބަދަހިކުރުމަކީ ހަމައެކަނި ފަރުދީ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ގައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ މުހިންމު މަސައްކަތެކެވެ.

މީގެ މާނައަކީ އަނިޔާވެރި ނުވަތަ ނުރައްކާތެރި ގުޅުންތަކެއްގައި ގަދަކަމުން ދެމިތިބުމެއް ނޫނެވެ. އެފަދަ ހާލަތްތަކުގައި ވަރިއަކީ އެންމެ ރައްކާތެރި ހައްލެވެ. ނަމަވެސް، އާންމުކޮށް ދިމާވާ ގިނަ މައްސަލަތަކަކީ ކައުންސިލިންގާއި، އާއިލީ އެހީތެރިކަމާއި، ދެމަފިރިންގެ މެދުގައި އޮންނަ ދޭދޭ ދޫދިނުމުގެ ތެރެއިން ހައްލުކުރެވޭނެ ކަންކަމެވެ.

ރާއްޖޭގައި ވަރި ގިނަވުމަކީ އާއިލާތަކާއި، ދީނީ އިލްމުވެރިންނާއި، ތައުލީމީ ދާއިރާގެ ބޭފުޅުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެކެވެ. ކައިވެންޏަށް ތައްޔާރުވުމަށް ބޭނުންވާ ތަމްރީނާއި، ކައުންސިލިންގް ހިދުމަތްތައް ފުޅާކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެކެވެ. ވަރުގަދަ ޤައުމެއް ބިނާވަނީ ބަދަހި އާއިލާތަކެއްގެ މައްޗަށެވެ. ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަން އޮތީ އާއިލީ ގުޅުންތައް ވަރުގަދަކޮށްގެންނެވެ.

މަސްދަރުތައް (References):

ފެމިލީ ކޯޓުގެ އަހަރީ ރިޕޯޓުތަކާއި ތަފާސްހިސާބުތައް (2002 - 2024).

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާސްހިސާބުތައް.

ޔުނައިޓެޑް ނޭޝަންސް ޑިމޮގްރަފިކް އިޔަރބުކް (World Divorce Rates Statistics).



ކިޔުންތެރިންގެ ހިޔާލު