ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ޕީއެންސީގެ އެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ވާދަކުރަން ކެރޭނެ އެއްވެސް ބޭފުޅަކު ނެތް ކަމަށް ވިދާޅުވެ، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ "ހަރުގެ ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ރައްޔިތުން އަޅުވެތިކުރުމަށް ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ވަޒީފާތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ހޯދައިދިނުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެ މަގްސަދަކީ ވަޒީފާގެ މުސާރައަށް ރައްޔިތުން ބަރޯސާކޮށް، އެ މީހުން ސިޔާސީ ގޮތުން އަޅުވެތިކޮށް ބޭތިއްބުން ކަމަށް މާރިޔާ ތުހުމަތުކުރެއްވިއެވެ.

އެމްޑީޕީއާއި ވެރިކަން ކުރާ ޕީއެންސީގެ ޑިމޮކްރަސީގެ ސިފަތައް އަޅާކިޔުއްވަމުން މާރިޔާ ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީއަކީ ޕާޓީގެ އެތެރޭގައި ޚިޔާލު ފާޅުކުރުމާއި ވާދަކުރުމުގެ ފުރިހަމަ ފުރުސަތު އޮތް ޕާޓީއެކެވެ. މިކަމުގެ ހެއްކަކީ މިހާރުވެސް އެމްޑީޕީގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުން އިޢުލާންކުރުމުގެ މޫސުމެއް އައިސްފައިވުން ކަމަށާއި، އެ ޕާޓީގައި ވެރިކަމަށް ކުރިމަތިލާން ކެރޭ ފަދަ ގާބިލު ބޭފުޅުން ތިއްބެވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ޕީއެންސީގެ ހާލަތަކީ މީގެ މުޅިން އިދިކޮޅު ހާލަތެއް ކަމަށް ސިފަކުރައްވަމުން މާރިޔާ ވިދާޅުވީ، އެ ޕާޓީގެ އެއްވެސް ބޭފުޅަކަށް ރައީސް މުއިއްޒާ ވާދަކުރަން ނުކުންނަން ނުކެރޭނެ ކަމަށެވެ. މާރިޔާ ވަނީ ޕީއެންސީގެ ތެރޭގައި އެފަދަ މިނިވަންކަމެއް ނެތްކަން ފާހަގަކުރައްވައި އެ ޕާޓީއަށް ގޮންޖައްސަވާފައެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، އެމްޑީޕީގައި އޮތް މިނިވަންކަމާއި ވާދަވެރިކަމަކީ އެ ޕާޓީގެ މެމްބަރުން ނުހަނު ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި މިފަދަ މިނިވަން މާހައުލެއް އޮތުމުގެ ސަބަބުން، ރިޔާސީ އިންތިޚާބުތަކުގައި ރައްޔިތުންނަށް އެންމެ ރަނގަޅު ޚިޔާރުތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު