މިނިސްޓަރު މުޙައްމަދު ސަޢީދާއި ކުރީގެ މިނިސްޓަރު އިބްރާހީމް އަމީރު
މިނިސްޓަރު މުޙައްމަދު ސަޢީދާއި ކުރީގެ މިނިސްޓަރު އިބްރާހީމް އަމީރު
މިނިސްޓަރު މުޙައްމަދު ސަޢީދާއި ކުރީގެ މިނިސްޓަރު އިބްރާހީމް އަމީރާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރައްވައި، ރާއްޖޭގެ އިގުތިޞާދީ ހާލަތާ ގުޅިގެން ދެ ބޭފުޅުން ވެސް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދު މިހާރު އޮތް ފުން ވަޅުގަނޑަށް ވައްޓާލުމުގެ މޭސްތިރިއަކީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކަމަށެވެ.

އެމްޑީޕީން ދާދި ފަހުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި އަމީރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ސަޢީދު ވިދާޅުވީ، ދަރަންޏާއި އިގުތިޞާދީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވުމުގެ އެއްވެސް ހައިސިއްޔަތެއް އަމީރުގެ ނެތް ކަމަށެވެ. އަދި އޭރުގެ ސަރުކާރުން ބޭނުންހާ ގޮތަކަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވެއްޓި، އިގުތިޞާދަށް ދާއިމީ ގެއްލުންތަކެއް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަޢީދުގެ މި ތުހުމަތުތަކަށް ރައްދު ދެއްވައި އަމީރު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރުވާން ކައިރިވެފައިވާއިރު، އިގުތިޞާދު އޮތީ މުޅިން ހަލާކުވެފައި ކަމަށެވެ.



ޚާއްސަކޮށް، ޑޮލަރުގެ އަގު 21 ރުފިޔާއަށް މައްޗަށް ގޮސްފައިވުމާއި، އިންވެސްޓަރުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަމީރު ވިދާޅުވި ގޮތުގައި، މި ސަރުކާރަށް މާލީ ސިޔާސަތުތައް ހިންގަން ނޭނގުމުގެ ސަބަބުން ދައުލަތުގެ ޚަޒާނާ ހުސްވެ، ގައުމީ ބޭންކު (ބީއެމްއެލް) ވެސް ވަނީ ފުނޑާލާފައެވެ.

އެހެންކަމުން، ދަރަނީގެ ވާހަކަ ދެއްކުމުގެ ކުފޫ ހަމަނުވާ ފަރާތަކީ ސަޢީދު ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ހަވާލުވީ ވަރަށް ނުރައްކާތެރި އަދި ބަނަ ދަރަންޏެއް އޮތް އިގުތިޞާދަކާ ކަމަށެވެ.

ނަމަވެސް، މިހާރުގެ ސަރުކާރުން އިގުތިޞާދު އަލުން ކޮޅަށް ޖެހުމަށްޓަކައި ފޮރެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުމާއި އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަޢީދު ޔަގީންކަން ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު