މިނިސްޓަރު އަހުމަދު ޝިޔާމް: މަޖިލީހުގެ މިއަދުގެ ޖަލްސާގައި - ފޮޓޯ: މަޖިލިސް
މިނިސްޓަރު އަހުމަދު ޝިޔާމް: މަޖިލީހުގެ މިއަދުގެ ޖަލްސާގައި - ފޮޓޯ: މަޖިލިސް
މިފްކޯއިން ހިންގާ އައިސްޕްލާންޓްތަކަކީ އެކަށީގެންވާ ނަތީޖާއެއް ނެރެވޭ ތަންތަން ނޫންކަމަށް އެއްބަސްވެ، މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކުގެ ހުރިހާ އިލްޒާމެއް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކުރީ ސަރުކާރުގެ ބޮލަށް އަޅުއްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވަނީ، ދައުލަތުން ބޮޑެތި ހޭދަތަކެއް ކޮށްގެން ހިންގާ އައިސްޕްލާންޓްތަކުގެ ކެޕޭސިޓީގެ ތެރެއިން ބޭނުންކުރެވެނީ އެންމެ 10 އާއި 12 ޕަސެންޓާ ދެމެދުގެ މިންވަރެއްކަން ހާމަކުރައްވާފައެވެ. ނަމަވެސް، މި ހަގީގަތް ގަބޫލުކުރެއްވުމުގެ ބަދަލުގައި މިނިސްޓަރު ބޮޑަށް މަސައްކަތް ކުރެއްވީ ވޭތުވެދިޔަ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، މިހާރު ދިމާވެފައިވާ މައްސަލަތަކުން ރެކިވަޑައިގަތުމަށެވެ.

ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން ބައެއް އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުގެ ސަބަބުން އެތަންތަން ހުއްޓި، މަސްވެރިންނަށް ބޮޑު "މުސީބާތަކާ" ކުރިމަތިވި ކަމަށެވެ.

ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުގެ ދަށުން މަސްދޯނިފަހަރުގައި އައިސްޕްލާންޓް ހަރުކުރަން ފެށުމާއެކު، މިފްކޯގެ ޕްލާންޓުތަކުން އައިސް ބޭނުންކުރާ މިންވަރު ދަނީ އިތުރަށް ދަށްވަމުންނެވެ. އެހެންނަމަވެސް، މިހާރު ހުރި ޕްލާންޓުތަކުގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފޭކަން ހާމަވެފައިވާއިރުވެސް، ރަށްރަށުގައި އައިސްޕްލާންޓު އެޅުން ހުއްޓާލެވެން ނެތީ ފަރުމަސްވެރިންނަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފަރުމަސްވެރިން ބޭނުންކުރާ އުޅަނދުތަކަކީ ކުދި އުޅަނދުތަކަށް ވާތީ، އެ ތަންތަނުގައި އައިސްޕްލާންޓު ބެހެއްޓޭކަށް ނެތެވެ. އެހެންކަމުން، ބ. ކުޑަރިކިލު ފަދަ ފަރުމަސްވެރިކަން ކުރާ ރަށްރަށުގައި އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަރިކިލުގެ އައިސްޕްލާންޓުގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި އަމަލީ މަސައްކަތް ފަށައި، ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު