އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
ހދ. ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށްޓަކައި އިމާރާތް ކުރުމަށް ނިންމާފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތަށް އަދިވެސް ނުފެށޭ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރު މުއްތަލިބް ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބި، ގިނަ ދަތިތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. ހަމައެއާއެކު ވަޒީރު ވިދާޅުވީ، ހަނިމާދޫގައި ކުރިން ފަށާފައިވާ މަޝްރޫއު ހުއްޓިފައި އޮތީ އޭރު ކޯޓަށް މައްސަލައެއް ހުށަހެޅުމާއި، އެޑްވާންސް ފައިސާ ނެގުމަށްފަހު މަސައްކަތް ކުރިއަށް ނުގެންދާތީ ކަމަށެވެ.

ނަމަވެސް، ހިރިމަރަދޫ ރައްޔިތުންނަށް އަޅާ ގެތަކާއި ހަނިމާދޫ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅުވާނުލުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ. އަދި ދެ މަޝްރޫއުވެސް ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު މިއަދު ދެއްވިއެވެ.

"ހިރިމަރަދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔާވަހިކަމާ ހަނިމާދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔާވަހިކަމާ ގުޅުވާނުލާށޭ. އަޅުގަނޑުމެން ދެ މަޝްރޫއު ވެސް ކުރިއަށް ގެންގޮސްދޭނަމޭ. ހިރިމަރަދޫ ރައްޔިތުން ބަދަލު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އަވަހަށް އެ މަސައްކަތް ފެށިގެން ދިއުމަކީ ވަރަށް މުހިއްމުކަމެއް." ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ، ހިރިމަރަދޫ ރައްޔިތުން އާބާދުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބައިކަން ސާފުނުވާ ކަމަށާއި، މަޝްރޫއު ކުރިއަށްދަނީ ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށެވެ. ހާއްސަކޮށް، ސަރުކާރުން ބުނާ 184 ގެއަކީ ކޮން ތަނަކުން ލިބޭނެ ގެތަކެއް ކަމެއް ނުވަތަ އެތަންތަނުގެ ރަޖިސްޓްރީއެއް އޮތްކަމެއްވެސް ރައްޔިތުންނަށް ނޭނގޭ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 24 އޮގަސްޓް 2025 ގައި ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުންނަށް ހާއްސަކޮށްގެން އަޅާ ގެތަކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް، މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައި ނުވާއިރު، މަޝްރޫއުގެ ކަންކަން ހުރީ ވަރަށް ބޮޑަށް އޮޅުންބޮޅުން ބޮޑުކޮށް ކަމަށް ދެރަށުގެ ރައްޔިތުން ބުނެއެވެ.

ސަރުކާރުން ހަނިމާދޫ ރައްޔިތުންނަށް 500 ހައުސިންގ ޔުނިޓު އެޅުމަށާއި، އަލަށް ދޫކުރި 200 ގެވަޅު ހިމެނޭ ސަރަޙައްދަށް ފެނާއި ނަރުދަމާ ފޯރުކޮށްދޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ކުރިން ފަށާފައި ހުރި މުހިއްމު މަޝްރޫއުތައްވެސް މިހާރުވަނީ ހުއްޓިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް