ޞާދިރު ޢަލީދީދީ   24 އޮކްޓޯބަރު 2020 - 17:20
ދެމަފިން: ބާއްޖަވެރި ޒަވާޖީ ހަޔާތަކަށް އެދޭ ނަމަ، ދެމަފިރިންވެސް އެކަކު އެނެކަށް ވަގުތު ހުސްކުރަންޖެހޭ
ދެމަފިން: ބާއްޖަވެރި ޒަވާޖީ ހަޔާތަކަށް އެދޭ ނަމަ، ދެމަފިރިންވެސް އެކަކު އެނެކަށް ވަގުތު ހުސްކުރަންޖެހޭ
ކޮންމެ ފިރިހެނަކާއި އަންހެނަކު ކާއިވެނީގެ ގުޅުމަކުން ގުޅެނީ ދެމީހުން އެކުގައި ބާއްޖަވެރި ދިރިއުޅުމެއް ވޭއަތުކުރުމަށް އެތައް އަޙްދަކާއި ވަޢުދެއް ވުމަށްފަހު، އެކަމަށް އަޒުމް ކަނޑައަޅައި ނުހަނު ހެޔޮ ނިޔަތަކާއި ފޮނި އުއްމީދަކާއެކުގައެވެ. އެހެންނަމަވެސް ޒަވާޖީ ހަޔާތް އުފާވެރިކަމާއެކު ވެއެތުކުރަމުންދާ ދެމަފިރިން އަޅުގަނޑުމެންގެ ތެރޭގައި ނިސްބަތުން މަދެވެ. ގިނައިން ފެންނަމުންދަނީ ދެމަފިރިންގެ ދެމެދުގައި ދިމާވާ ކުދިކުދި މައްސަލަތައް ހައްލު ނުކުރެވި ގިނަދުވަސްވެ އެފަދަ މައްސަލަތައް އެންމެފަހުން ބޮޑުވެގެންދާތަނެވެ. އަދި އޭގެ ނަތިޖާއަކަށް ވެގެންދަނީ އެދެމަފިރިންގެ މެދުގައި ދެބަސްވުން އުފެދި ކައިވެނި ރޫޅިގެން ދިއުމެވެ.



ދެމަފިރިއެއްގެ ހަޔާތް ބާއްޖަވެރި ވެގެން ނުދަނީ އެކަމަށް ދެމަފިރިން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާތީ އެވެ. ދިރިއުޅުން ބާއްޖަވެރި ކުރުމަށް ހަމައެކަނި މަސައްކަތް ކުރަންވީ އަނބިމީހާއެއް ނޫނެވެ. އަދި ފިރިމިހާ އެކަންޏެއްވެސް ނޫނެވެ. ބާއްޖަވެރި ދިރިއުޅުމެއް ދެމެހެއްޓޭނީ ދެމީހުންވެސް އެއްމިސްރާބަކަށް ދަތުރުކޮށް، އެކަކު އަނެކަކަށް ވާގިދީ އެކުގައި މަސައްކަތް ކޮށްގެންނެވެ. ސަމާލުކަން ދޭންޖެހޭ ކަންތައްތަކަށް ސަމާލުކަން ދެވިގެންނެވެ. ބާއްޖަވެރި ހަޔާތެއް ވެއަތުކުރުމަށް އެދޭ ދެމަފިރިޔަކު ކޮންމެހެން ސަމާލުކަން ދޭންޖެހޭ މުހިއްމު ކަންތައްތަކަށް ބަލާއިރު މުހިއްމު 12 ކަމެއް ފާހަގަކޮށްލާނަމެވެ.

1. ޒަވާޖީ ހަޔާތް ބާއްޖަވެރިވުމަށް އެދި ދުޢާކުރުން

އުފާވެރި ޒަވާޖީ ހަޔާތެއް ލިބުމަށް އެދި ހިތުގެ އެންމެ ފުންމިނުން އަބަދުވެސް މާތް ﷲ އަށް ދުޢާ ދަންނަވާށެވެ. އަދި ދިރިއުޅުމުގައި ބައިވެރިޔަކު ލިބުނު ކަމަށްޓަކައި ދެމަފިރިންވެސް އެކަލާނގެއަށް ހަމްދުކޮށް ޝުކުރުވެރިވާށެވެ. މިހިނދުން ފެށިގެން ބައިވެރިޔާއާއި ދޭތެރޭ ލޯތްބާއި ހިތްހެޔޮކަމާއެކު އޭނާ އުފާވާފަދަ ކަންތައްތައް ކޮށްދޭން ފަށާށެވެ. އަދި ދެމީހުން އެކުގައި މުޅި އުމުރު ހޭދަކުރަން ހިތާއިފުރާނައިން ނިންމާށެވެ. ބައިވެރިޔާއާއި ރުހޭކަން ބަހާއި އަމަލުން ދައްކާށެވެ.



2. ފުރަތަމަ ބައްދަލުވުން ހަނދާން އާކޮށް ދިރުވުން.

ކައިވެނީގެ ކުރިން، ދެމީހުން އެންމެ ފުރަތަމަ ބައްދަލުވިއިރު ބައިވެރިޔާގެ ފަރާތުން ފާހަގަވި ނުބަތަ ފެނިގެންދިޔަ އެންމެ ކަމުދިޔަ ސިފަތަކާއި ގޮތްތައް ހަނދާނަށް ގެންނާށެވެ. އެދުވަސްވަރު ބައިވެރިޔާ ދޭތެރޭ ކަންތައް ކުރި ގޮތަށް ކަންތައްތައް ކުރަންފަށާށެވެ. އަދި އެދުވަސްވަރު އުޅެފައިހުރި އުފާވެރި ގޮތްތަކުގެ ލިސްޓެއް ހިޔާލަށް ގެނެސް އޭގެތެރެއިން ދިރިއުޅުމަށް އުފާވެރިކަން އައިސްފައިވާ ކަންތައްތައް ތަކުރާރު ވާނޭގޮތަށް ކަންތައް ކުރާށެވެ.

3. ބައިވެރިޔާގެ ލޯތްބާއި އަޅާލުން ބޭނުންވުން

ބައިވެރިޔާގެ ލޯތްބާއި އަޅާލުން ބޭނުންކަން އޭނައަށް އިޙްސާސްކޮށް ދޭށެވެ. އޭނާގެ ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރުވެރިވެ، އެކަމާ ރުހޭކަން އޭނައަށް އަންގައިދޭށެވެ. އޭގެ ސަބަބަން އޭނާގެ ހިތުގެ ޝުޢޫރުތައް ހާމަކުރުމުގައި ޖެހިލުމެއް ނުވާނެއެވެ.



4. ދިރިއުޅުމުގައި ބައިވެރިޔާގެ އެއްބާރުލުން ހޯދުން.

ދިރިއުޅުމަކީ ދެމަފިރިންގެ އެއްބާރުލުން ލިބިގެން، އެކުއެކީގައި އެއް މަންޒިލަކަށް ދިއުމަށް ކުރާ ދަތުރެއް ކަމުގައި ދެކޭށެވެ. ދިރިއުޅުމުގެ ކަންތައްތައް އަމިއްލަ އަމިއްލައަށް ނިންމުމުގެ ބަދަލުގައި ދެމީހުންގެ ހިޔާލާއެކު ނިންމާށެވެ. ދެމީހުން އެއްޓީމެއްގެ ބައެއް ކަމަށްބަލައި ކުދިކަންކަމުންފެށިގެން އެންމެ ބޮޑެތި ކަންތައްތަކުގައިވެސް ދެމަފަރިން އެކުގައި އެކަކު އަނެކަކަށް އެއްބާރުލުންދީގެން ކުރިއަށް ދާށެވެ.



5. ކަންކަމުގައި ބައިވެރިޔާގެ ހިޔާލު ހޯދުން.

ކަންކަމުގައި ބައިވެރިޔާދޭ ހިޔާލަށް މަރުހަބާކިޔާށެވެ. ކޮންމެ ކަމެއްގައިވެސް ބައިވެރިޔާގެ ހިޔާލުތަކަށް ފުރުޞަތުދޭށެވެ. އަދި ތިމާބޭނުން ނޫންގޮތަކަށްވެސް ކަންކަން ނިންމަން ޖެހިދާނެ ކަމަށް ގަބޫލުކުރާށެވެ. ކަންކަމުގައި އެކަކު އަނެކަކަށް ދޫދިނުމަކީ ސުލްހަވެރިކަން ދެމިގެންދާނެ ކަމެއްކަން ކަށަވަރެވެ. ދެމަފިރިންގެ ދެމެދުގައި ސުލްހަވެރިކަން ނެތިއްޖެނަމަ އެ ދިރިއުމެއް ބާއްޖަވެރިނުވާނެކަން އަބަދުވެސް ހަނދާން ބަހައްޓާށެވެ.



6. ބައިވެރިޔާގެ ޝުޢޫރުތައް އަޑުއެހުން.

ބައިވެރިޔާގެ ވާހަކަތަކަށް ސަމާލުކަން ދޭށެވެ. އަދި ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައާއި އުފާވެރި ވަގުތުތަކުގައި އޭނާގެ ޝޫޢޫރުތަކާއި އިޙްސާސްތަކުގައި ބައިވެރިވާށެވެ. ބައިވެރިޔާ ކަންބޮޑުވެފައިވާ ވަގުތެއްގައި ތިމާއަށް ދިމާވެފައިވާ ހާސްކަންތައްތައް ބަންޑުންކޮށް ނުލާށެވެ. އެފަދަ ވަގުތުތަކުގައި ގޭގައި ނުވެ ހުންނަ ކަންތައްތަކުގެ ވާހަކަ ނުވަތަ ގޭގައި ޖެހޭ މައްސަލަތަކުގެ ވާހަކަ ދެެއްކުމުގެ ބަދަލުގައި އޭނާގެ ހާލުއަހާލައި ހަމަޖެހިލަން ވަގުތުކޮޅެއް ދޭށެވެ. ދެމީހުން އެއްކޮށް ހޭދަކުރާ ވަގުތު ތަކުގައި ދައްކާހިތްވާ ވާހަކައެއް ދެއްކުމަށް އެކަކު އަނެކަކަށް ފުރުޞަތު ދިނުމާއެކު ވާހަކައިގާ ބައިވެރިވާށެވެ. ދެމީހުން އެކުގައި ހޭދަކުރާ ވަގުތުތަކުގައި އަބަދުވެސް އެއްވާހަކައެއް ދެއްކޭތޯ ބަލާށެވެ.

7. ހަށިގަނޑު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށާއި ހަށިގަނޑު ޗާލުކޮށް ބެހެއްޓުމަށް މަސައްކަތް ކޮށް ބައިވެރިޔާ ހިތް ހަމަޖެހޭ ގޮތަށް ތިމާގެ ހަށިގަނޑު ބައްޓަން ކުރެވޭތޯ ކޮންމެ ދެމެފިރިޔަކުވެސް މައްސަކަތް ކުރަންވާނެއެވެ. ހަށިގަނޑުގެ ސާފުތާހިރު ކަމަކީ ބައިވެރިޔާ ވަރަށް ގަޔާވާނެ ސިފައަކަށް ވެފައި އަދި އެއީ ހަށިގަނޑު ދޮޅަހެޔޮކަމަށްވެސް އެންމެ މުހިއްމު އެއްކަންތަކެވެ. އެހެންކަމުން ހަށިގަނޑުގެ ރޫފަޔާއި ބުރުސޫރަ ރީތިކޮށް ބެހެއްޓުމަށް ސާފްތާހިރުވާން ވަގުތު ހޯދަންވާނެއެވެ.



8. ކޮންމެ މީހަކީ ތަފާތު މީހެއްކަން ގަބޫލުކުރުން

ކޮންމެ އިންސާނަކީވެސް ތަފާތު މީހެކެވެ. އެހެންކަމުން ތިމާގެ ބައިވެރިޔާއަކީވެސް ތަފާތު މީހެއްކަން ދަނެ، ބައިވެރިޔާއަށް ކަމުދާ ކަންތަކާއި ކަމުނުދާ ކަންތައްތައް ތިމާއަށް ކަމުދާ ކަންތައްތަކާއި ކަމުނުދާ ކަންތައްތަކުގައި ތަފާތުތަކެއް ހުންނާނެ ކަމަށް ގަބޫލުކުރަންވާނެއެވެ. ދިރިއުޅުމުގައި ބައިވެރިޔާގެ ފަރާތުން ދަސްވާ ބައެއް ކަންތައްތަކަކީ ތިމާއަށް މުޅިން އާކަންތައްތަކަށް ވެދާނެއެވެ. މިއީ ކައިވެނީގެ ގުޅުން ފުރިހަމަވެ މުއްސަނދިވާން ދިމާވާކަމެއް ކަމަށް ނޫނީ ނުވާނެއެވެ. ވީމާ ބައިވެރިޔާގެ ފަރާތުން ފެންނަ ތަފާތުތައް އުފަލާއެކު ގަބޫލުކޮށް ބަލައިގަންނާށެވެ. މީގެ އިތުރުން ބައިވެރިޔާ ކުރާ ކަންކަމުގައި އެކަންކަމަކީ ތިމާއާއި ނުގުޅޭ ކަމެއް ކަމުގައިވިޔަސް ނޫނީ ތިމާ ކުރާހިތްވާ ކަމެއްކަމުގައި ނުވިނަމަވެސް ޝަކުވާ ކުރުމެއް ނެތި އެކަމެއްގައި ބައިވެރިވާށެވެ. އަދި ކަމެއް ކުރަން ގަސްތުކޮށްފިނަމަ އެކަން ބައިވެރިޔާއާއި ހިއްސާކޮށް ބައިވެރިޔާގެ ހިޔާލު ހޯދާށެވެ. އަދި އެކަމުގައި ކުރިއަށްދާނެ ގޮތާއިމެދު ބައިވެރިޔާއާއެކު މަޝްވަރާ ކުރުމަކީވެސް އޭނާގެ ބޭނުންތެރިކަން ހުދު އޭނާއަށްވެސް ތަސައްވަރު ކުރެވި، އިތުބާރާއި ޔަގީންކަން އިތުރުވެގެން ދާނެއެވެ.



9. ކުށެއް ކުރެވިދާނެކަން ގަބޫލުކުރުން

ބައެއްފަހަރު ދެމަފިރިންގެ ޙިޔާލުތަފާތުވެ އެކަކު އަނެކަކު ކުށްތައް ފާހަގަކުރެވޭނެ އެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ ކަމަށް ގަބޫލުކުރާށެވެ. ކުށް ކުރުމަކީ އިންސާނުންގެ ތަބީޢަތުގައިވާ ކަމެކެވެ. އެހެންކަމުން ބާއްޖަވެރި ދިރިއުމެއް ވޭއަތުކުރުމަށް އެދޭ ކޮންމެ ދެމަފިރިޔަކުވެސް ބަލަންވާނީ ބައިވެރިޔާ ކުށްވެރިކޮށް ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަމާއެކު ވާހަކަ ދައްކައިގެން އެދެވޭ ހައްލެއް ހޯދޭތޯއެވެ. އަދި މިދެންނެވުނު ހާލަތުގައި ހަމަޖެހިގެން ވާހަކަ ނުދެއްކުނު ނަމަވެސް ރުޅިއިސްކޮށް ބައިވެރިޔާ ހިތުގައިޖެހޭފަދަ އެއްޗެތި ނުކިޔާށެވެ. ހިތުގައިޖެހޭ ފަދަ އެއްޗެއް ބުނެވިއްޖެނަމަ ބައިވެރިޔާގެ ހިތުން ދުވަހަކުވެސް އެކަމެއް ނުފިލާނެއެވެ. އަދި މިފަދަ ކަންކަމަކީ ދެމަފިރިންގެ ދޭތެރޭ އޮންނަ ލޯތްބާއި ގަދަރު އުނިވެގެންދާނެ ކަންކަމެވެ.

10. ޖިންސީ އުފާތަކަށް ސަމާލުވުން

ޖިންސީގުޅުން ދެމެހެއްޓުމަކީ ކައިވެނީގެ ވަރަށް މުހިއްމު ބައެކެވެ. ޖިންސީ އުފާ ހޯދުމުގައި އެކަކު އަނެކަކު ހިތްހަމަޖައްސައިދެވޭނެ ގޮތްގޮތަށް ވިސްނައި ބައިވެރިޔާ އުފާވަ ގޮތަށް ކަންތައްތައް ކުރާށެވެ. އެގޮތުން ކުރިއަށް ރޭވިގެން ޖިންސީ ގުޅުން ކުރިއަށް ގެންދިއުމުން ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުވެގެން ދާނެއެވެ...



11. ކުށްހީތަކުން ދުރުހެލިވުން

ބައިވެރިޔާއިދޭތެރޭ ހީވާހީވުމަކަށް ކަންތައްތައް ނުނިއްމާށެވެ. ކަމަކާއިދޭތެރޭ ގޮތެއް ނިއްމުމުގެ ކުރިން އެކަމުގެ ހަގީގަތް ހޯދައި ބަލާށެވެ. ހަމަ އެހެންމެ ތިމާގެ ހިތުގައިވާ އެއްޗެއް ބައިވެރިޔާއަށް އެނގޭނޭ ކަމަށް ހީކޮށްގެން ހާމަނުކޮށް ނުހުންނާށެވެ. ސާފުކޮށް ސަރީހަކޮށް އޮޅުންފިލުވައި ދޭށެވެ. ތިމާގެ ހިތުގައި އޮންނަ އެއްޗެއް ސާފުކޮށް ދިނުމުގައި މަލާމާތްކުރުމާއި ދިމާކުރުމުގެ އުޞޫލު ނުގެންގުޅޭށެވެ. އެހެން މީހުން އެކަމާ ދޭތެރޭ ދެކޭނެގޮތާ މެދު ވާހަކަ ނުދައްކައި އެކަމުގައި ތިމާ ދެކޭގޮތް ކިޔައިދޭނީއެވެ. ހަމައެހެންމެ މިގޮތަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ބައިވެރިޔާއަށްވެސް ދޭށެވެ. އަދި ބައިވެރިޔާ ތިމާ ނުހިމަނައި ކޮށްލަން ބޭނުން ކަންތައްތައް ހުރެދާނެއެވެ. އެހެނެއް ކަމަކު ހިތްހަމަނުޖެހިގެން ޝަކުވާ ނުކުރާށެވެ. މިކަމުގައި މުހިއްމީ ދާތަނެއް އެނގުމާއި އެނބުރި އަންނާނެ ވަގުތެއް އެނގިފައި އޮތުމެވެ.



12. ދިރިއުޅުމުގައި މައްސަލަތަކެއް ކުރިމަތި ވާނެކަމަށް ގަބޫލުކުރުން.

ކޮންމެ ދިރިއުޅުމެއްގައިވެސް މައްސަލަތަކެއް ކުރިމަތި ވާނެކަން ދަންނާށެވެ. ދިރިއުޅުމަކީ އަޅުގަނޑުމެން ކުރާ އިމްތިހާނެކެވެ. އެގޮތުން ކޮންމެ ކަމެއްވެސް މާތް ﷲ މެދުވެރި ކުރައްވަނީ އަޅުގަނޑުމެން އިމްތިޙާނު ކުރެއްވުމުގެ ގޮތުންނެވެ. އެހެންކަމުން ދެމަފިރިންގެ ދެމެދުގައި ހިޔާލުތަފާތުވުން ހުރި ނަމަވެސް އެކަކު އަނެކަކަށް ޝަކުވާއާއި ފާޑުކިޔައި އަނެކާ އަގުވެއްޓޭ ގޮތަށް އެހެން މީހުން ކުުރިމަތީ ނުވަތަ އެހެން މީހުންނަށްއިވޭވަރަށް އަޑުލައި ނަހަދާށެވެ ދިމާވާ މައްސަލަތައްހައްލުކުރަން ކަމުގެތެރެއަށް އިތުރު ކަންތައްތައް ނުވައްދައި އަދި އިތުރު ކަންތައްތައް ނުވައްދައި ދެމީވެސް އަދަބު އިޚްތިރާމާއެކު ވާހަކަ ދައްކާށެވެ. ﷲ ގެ ވާގިފުޅާއި މިންވަރުފުޅުން އެފަދަ މައްސަލަތައް ހައްލުކުރެވި ދެމަފަރިންގެ މެދުގައި ލޯބިއިތުރުވެ ދިރިއުޅުމެއް ބާއްޖަވެރިވާނެއެވެ.

* މިލިޔުމަކީ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) އިން އާއްމުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ނެރެމުން އަންނަ "ކުލުނު"ގެ 178 ވަނަ އަދަދު އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން