މާލެ ސިޓީ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް
މާލެއާއި ހުޅުމާލެއަކީ ވަކިވަކިން ތަރައްގީ ކުރެވޭނެ ދެ ތަން ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ނިޔާޒު ފާހަގަކުރެއްވި ކަންތައްތަކަކަށް ރައްދު ދެއްވަމުންނެވެ. ނިޔާޒު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގެ މާސްޓާ ޕްލޭން ތަންފީޒު ކުރަމުންދާއިރު، އެ ސަރަހައްދުގެ މައްޗަށް މާލެ ސިޓީ ކައުންސިލްގެ އެއްވެސް ބާރެއް ނެތުމަކީ މުޅި ދައުލަތް ފެއިލްވެފައިވާ ކަމުގެ ހެއްކެކެވެ. އަދި ހުޅުމާލޭގެ ތަރައްގީގެ ޕްލޭން މާލޭގެ މާސްޓާ ޕްލޭނާ ގުޅިފައިވާ މިންވަރާ ބެހޭގޮތުން އޭނާ ސުވާލު އުފެއްދެވިއެވެ.

މިކަމާ ގުޅޭގޮތުން މޭޔަރު އާޒިމް ވިދާޅުވީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ތަރައްގީގެ މަޝްރޫއުތައް ބައްޓަން ކުރުމުގައި މާލެ ސިޓީ ކައުންސިލް ބާކީ ނުކުރެވޭނެ ކަމަށެވެ. މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައާއި ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް ހުޅުމާލެއަކީ ކޮންމެހެން މުހިންމު ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލުން ތައްޔާރަށް އޮތް ކަމަށާއި، މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް ސިޓީ ފޮނުއްވާފައިވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު