ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ވިލިމާލޭގެ ގުދުރަތީ ރީތިކަމާއި ފެހިކަން ހިމާޔަތްކޮށް، އެ ރަށަކީ ކޮންކްރީޓު ޖަންގައްޔަކަށް ނުވާނެހެން ދަމަހައްޓަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ހިޔާލުތަކުގައި ފާހަގަކުރެއްވި ގޮތުގައި، ވިލިމާލޭގެ ތަބީއީ ސިފަތައް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. އަދި އުސް އިމާރާތްތައް އެޅުމަށް އެންމެ އެކަށީގެންވާ ސަރަހައްދުތަކަކީ ގުޅީފަޅާއި ތިލަފުށި ކަމަށް ވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.





ރައީސް ނަޝީދު މިކަންކަން ފާހަގަކުރައްވާފައި މިވަނީ، މާލެ، ވިލިމާލެ އަދި ތިލަފުށި ގުޅުވައިދޭ ތިލަމާލެ ބުރިޖުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މާލެއާއި ވިލިމާލެ ގުޅުވާލާ ބައި މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

ނަމަވެސް، މި ބުރިޖުގެ މަސައްކަތާއެކު ވިލިމާލޭގެ ހިތްފަސޭހަކަން ގެއްލިދާނެތީ ވިލިމާލޭގެ ރައްޔިތުން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. މި ކަންބޮޑުވުންތަކުގެ ސަބަބުން، ވިލިމާލޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފެބްރުއަރީ މަހުގެ ތެރޭގައި ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.

ގިނަ އަދަދެއްގެ ގަސްތަކުން ފެހިވެފައިވާ ވިލިމާލެއަކީ މާލެ ސަރަހައްދުގެ ގިނަ ބަޔަކު ހިތް އުފާކޮށްލަން ޒިޔާރަތްކުރާ ހިތްފަސޭހަ ރަށެކެވެ.

މީގެ އިތުރުން، އެހެން ރަށްތަކާ ހިލާފަށް ވިލިމާލޭގެ މަގުތަކުގައި ވެހިކަލްތައް މަދުވުމަކީ ކުޑަކުދިންނަށް އަމާންކަމާއެކު އުޅެވޭނެ މާހައުލެއް އެ ރަށުގައި އޮތް މައިގަނޑު ސަބަބެވެ.



ކިޔުންތެރިންގެ ހިޔާލު