ޢަބްދުﷲ އިބްނު ޢައްބާސް (ރ.ޢ.) ގެ މިސްކިތް
ޢަބްދުﷲ އިބްނު ޢައްބާސް (ރ.ޢ.) ގެ މިސްކިތް
ޢަބްދުﷲ އިބްނު ޢައްބާސް (ރ.ޢ.)ގެ ފުރިހަމަ ނަންފުޅަކީ ޢަބްދުﷲ ބިން ޢައްބާސް ބިން ޢަބްދުލްމުއްޠަލިބް ބިން ހާޝިމް ބިން ޢަބްދު މަނާފް އަލްޤުރަޝީ އަލްހާޝިމީއެވެ. އެކަލޭގެފާނަކީ ރަސޫލާ ﷺ ގެ ބޮޑުބޭބެގެ ދަރިކަލުންނެވެ. އަދި ޚާލިދު ބިން ވަލީދު (ރ.ޢ.) ގެ މަންމަ ފަރާތު ބޭބެގެ ދަރިކަލުންނެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިގެ ތިން އަހަރު ކުރިން (މީލާދީން ގާތްގަނޑަކަށް 619 ވަނަ އަހަރު) އެވެ. ރަސޫލާ ﷺ ސުވަރުގެވަޑައިގަތްއިރު، ޢަބްދުﷲ ގެފާނުގެ އުމުރުފުޅަކީ އެންމެ ތޭރަ އަހަރެވެ. އެކަލޭގެފާނަކީ އުއްމުލް މުއުމިނީން މައިމޫނާ ބިންތު އަލްޙާރިޘް (ރ.ޢ.) އަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ "ޢިލްމުގެ ކަނޑު" ގެ ނަމުންނެވެ. އަދި އެކަލޭގެފާނަކީ ކީރިތި ޤުރުއާނުގެ ޢިލްމުވެރިންގެ ތެރެއިން އެންމެ ކުރިއަރާފައިވާ އެއް ބޭފުޅާއެވެ.

ޢަބްދުﷲ އިބްނު ޢައްބާސް (ރ.ޢ.) ރަސޫލާ ﷺ ގެ އަރިހުން 1،666 ޙަދީޘް ދަސްކުރަށްވައި ރިވާކުރަށްވާފައިވެއެވެ. މި ޙަދީޘްތައް ޞަޙީޙުލް ބުޚާރީ އާއި ޞަޙީޙު މުސްލިމް ފަދަ އިތުބާރު ހުރި ފޮތްތަކުގައި ރެކޯޑުކުރެވިފައިވެއެވެ.

ޢަބްދުﷲ ގެފާނު އުފަންވެވަޑައިގަތުމާއެކު، އެކަލޭގެފާނުގެ މަންމާފުޅު އެ ދަރިކަލުން ރަސޫލާ ﷺ ގެ އަރިހަށް ގެންދެވިއެވެ. ރަސޫލާ ﷺ އެކަލޭގެފާނުގެ ކުޅުފޮދު އެ ތުއްތު ދަރިފުޅުގެ ދުލުގައި ޖެއްސެވިއެވެ. މިއީ ރަސޫލާ ﷺ އާއި ޢަބްދުﷲ އިބްނު ޢައްބާސްއާ ދެމެދު އޮތް ގާތް ގުޅުމުގެ ފެށުމެވެ. މި ގުޅުން މުޅި އުމުރަށް ދެމިގެންދިޔައީ ލޯތްބާއި ކިޔަމަންތެރިކަމުގެ މަތިވެރި ނަމޫނާއެއްގެ ގޮތުގައެވެ.

އެކަލޭގެފާނު ތަމްޔީޒުގެ އުމުރަށް (ކަންކަން ވަކިކުރަން އެނގޭ އުމުރަށް) ވަޑައިގަތުމުން، ރަސޫލާ ﷺ އަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވިއެވެ. ރަސޫލާ ﷺ ވުޟޫކުރައްވަން ބޭނުންފުޅުވުމުން ފެން ގެނެސްދެއްވުމަށް ދުވެވަޑައިގަންނަވައެވެ. ނަމާދުގައި ރަސޫލާ ﷺ ގެ ފަހަތްޕުޅުގައި ހުންނަވައެވެ. އަދި ދަތުރުފަތުރުތަކާއި ހަނގުރާމަތަކުގައި ރަސޫލާ ﷺ ގެ އަރިހުގައި ހިޔަންޏެއް ފަދައިން ދަތުރުކުރައްވައެވެ.

ޢަބްދުﷲ އިބްނު ޢައްބާސް (ރ.ޢ.) ރިވާކުރެއްވިއެވެ: "ރަސޫލާ ﷺ ތިމަންކަލޭގެފާނު އޭނާގެ މޭފުޅުގައި ޖައްސަވައި ބައްދާލެއްވުމަށްފަހު ދުޢާކުރެއްވިއެވެ: 'އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯ! މިއަޅާއަށް ޙިކުމަތްތެރިކަމާއި ފޮތުގެ (ކީރިތި ޤުރުއާނުގެ) ތަފްސީރު އުނގަންނަވައިދެއްވާނދޭ!'" (އިބްނު މާޖާ: 166). މި ޙަދީޘްގައިވާ 'ޙިކުމަތް' ގެ މާނައަކީ ޙަދީޘް ޢިލްމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނުގެ ރަސޫލާގެ ދުޢާ އިޖާބަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޤުރުއާން ތަފްސީރު ކުރުމުގެ ދާއިރާއިން އެކަލޭގެފާނަށް މަތިވެރި ދަރަޖައެއް ލިބިވަޑައިގަތެވެ. އެކަލޭގެފާނަކީ "މުފައްސިރުންގެ ސައްޔިދު" (ތަފްސީރު ޢިލްމުވެރިންގެ ވެރިޔާ) އެވެ.

ރަސޫލާ ﷺ ދުނިޔޭގައި ހުންނެވި ދުވަސްވަރު، އެކަލޭގެފާނު ބާއްވަވާ އެއްވެސް މަޖިލީހެއް ޢަބްދުﷲ ގެފާނު ދޫކޮށްނުލައްވައެވެ. އަދި ރަސޫލާ ﷺ ޙަދީޘްކުރައްވާ ކޮންމެ އެއްޗެއް ދަސްކުރަށްވައެވެ. ރަސޫލާ ﷺ ސުވަރުގެވަޑައިގަތުމަށްފަހު، ރަސޫލާ ﷺ ގެ އަރިހުގައި ގިނަ ދުވަހު އުޅުއްވި ޞަޙާބީންގެ އަރިހަށް ގޮސް ޢިލްމު ހޯއްދެވުމަށް ނުހަނު ބޮޑު އަހަންމިއްޔަތުކަމެއް ދެއްވިއެވެ. މީހެއްގެ އަތުގައި ރަސޫލާ ﷺ ގެ ޙަދީޘެއް އޮތްކަމުގެ ޚަބަރު ލިބިވަޑައިގެންފިނަމަ، އަވަހަށް އެބޭފުޅެއްގެ ގާތަށް ވަޑައިގެން އެ ޙަދީޘެއް ލިޔެ ރެކޯޑުކުރައްވައެވެ. އަދި ލިބޭ މަޢުލޫމާތެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި އެތައް ބޭފުޅުންނަކާ ސުވާލުކުރަށްވައެވެ. އެއް ކަމެއް ކަށަވަރުކުރުމަށް ތިރީހަކަށް ޞަޙާބީންގެ އަރިހަށް ވަޑައިގެންފައިވެސް އެބަހުއްޓެވެ.

ޢަބްދުﷲގެފާނު އެކަލޭގެފާނުގެ އަމިއްލަ ތަޖުރިބާއެއް ކިޔައިދެއްވިއެވެ: "އެއްފަހަރަކު ޞަޙާބީއެއްގެ އަރިހުގައި ތިމަންކަލޭގެފާނަށް ނޭނގޭ ޙަދީޘެއް އޮތްކަން އެނގިގެން، މެންދުރުފަހު އަރާމުކުރާ ވަގުތު އެކަލޭގެފާނުގެ ދޮރުމައްޗަށް ދިޔައީމެވެ. ތިމަންކަލޭގެފާނުގެ ފޭރާން ދޮރުމަތީގައި ފަތުރާލައިގެން އިށީނދެގެން އިނީމެވެ. ވައިގެ ސަބަބުން ތިމަންކަލޭގެފާނުގެ ގައިމައްޗަށް ހިރަފުސް ބުރަމުންދިޔައެވެ. ބޭނުންނަމަ ހުއްދަ ހޯދައިގެން އެތެރެއަށް ވަދެވިދާނެއެވެ. ނަމަވެސް އެކަލޭގެފާނު އަރާމުކުރައްވައި ނިމެންދެން މަޑުކުރުމަށް އިސްކަންދިނީމެވެ. އެކަލޭގެފާނު ބޭރަށް ނިކުމެވަޑައިގެން ތިމަންކަލޭގެފާނު އެ ހާލުގައި އިންނަވަނިކޮށް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ: 'އޭ ރަސޫލާގެ ބޮޑުބޭބެގެ ދަރިކަލުންނޭވެ! ކޮން ކަމެއްތޯއެވެ؟ ޚަބަރެއް ފޮނުވިނަމަ ތިމަންކަލޭގެފާނު ތިޔަ ބޭފުޅާގެ އަރިހަށް ދިޔައީމުހެވެ.' ތިމަންކަލޭގެފާނު ދެންނެވީމެވެ: 'ނޫނެކެވެ، ތިޔަ ބޭފުޅާގެ އަރިހަށް އަންނަންޖެހޭނީ ތިމަންކަލޭގެފާނެވެ. އެހެނީ ޢިލްމަކީ ހޯދަންދާ އެއްޗެކެވެ، އެއީ އަމިއްލައަށް އަންނަ އެއްޗެއް ނޫނެވެ.' ދެން އެކަލޭގެފާނުގެ އަރިހުން އެ ޙަދީޘާ ބެހޭގޮތުން ސުވާލުކޮށް އުނގެނުނީމެވެ."

މިފަދަ ގޮތަކަށް ނުހަނު ހިތްވަރާއެކު އެކަލޭގެފާނު ޢިލްމު ހޯއްދެވުމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނަކީ ހަމައެކަނި ޙަދީޘް ޢިލްމަށް ޚާއްޞަ ބޭފުޅެއް ނޫނެވެ. އެކަލޭގެފާނު އެކި ދާއިރާތަކުން ޢިލްމު އުނގެނުމަށް މަސައްކަތްކުރެއްވިއެވެ. ވަޙީ ލިޔުއްވި ޒައިދު ބިން ޘާބިތު (ރ.ޢ.) ފަދަ ބޭފުޅުންނަށް އެކަލޭގެފާނު ނުހަނު އިޙްތިރާމް ކުރަށްވައެވެ. ޒައިދުގެފާނު ދަތުރަކު ވަޑައިގަންނަވަން އުޅުއްވުމުން، ޢަބްދުﷲ ގެފާނު ވަރަށް ނިކަމެތިކަމާއެކު އެކަލޭގެފާނުގެ ސަވާރީގެ ލަގަން ހިއްޕަވައިގެން ޚާދިމެއް ފަދައިން މަޑުކުރައްވައެވެ. ޒައިދު ގެފާނު "އޭ ރަސޫލާގެ ބޮޑުބޭބެގެ ދަރިކަލުންނޭވެ، ތިހެން ނުހައްދަވާށެވެ" ވިދާޅުވުމުން، ޢަބްދުﷲ ގެފާނު ޖަވާބު ދެއްވައެވެ: "އަހަރެމެންގެ ތެރޭގައިވާ ޢިލްމުވެރިންނަށް އިޙްތިރާމްކުރުމަށް އަހަރެމެންނަށް އަމުރުވެވިގެންވަނީ މިފަދައިންނެވެ." ދެން ޒައިދު ގެފާނު ވިދާޅުވެއެވެ: "ކަލޭގެފާނުގެ އަތްޕުޅު ދައްކަވާށެވެ." ޢަބްދުﷲ ގެފާނު އަތްޕުޅު ދިއްކުރެއްވުމުން، ޒައިދު ގެފާނު އެ އަތްޕުޅުގައި ބޮސްދެއްވުމަށްފަހު ވިދާޅުވެއެވެ: "ރަސޫލާ ﷺ ގެ އަހުލުބައިތުންނަށް އިޙްތިރާމްކުރުމަށް އަހަރެމެންނަށް އަމުރުވެވިގެންވަނީ މިފަދައިންނެވެ."

ޢަބްދުﷲ ގެފާނުގެ ޢިލްމު އިތުރުވަމުން ދިޔަވަރަކަށް، އެކަލޭގެފާނުގެ ޝަޚްޞިއްޔަތުވެސް ވަރުގަދަވަމުން ދިޔައެވެ. މަސްރޫޤް ބިން އަލްއަޖްދަޢު އެކަލޭގެފާނާ ބެހޭގޮތުން ވިދާޅުވިއެވެ: "އިބްނު ޢައްބާސް ފެންނަ ކޮންމެ ފަހަރަކު، އެއީ އެންމެ ރީތި ބޭފުޅާއޭ ތިމަންގެ ހިތަށް އަރައެވެ. އެކަލޭގެފާނު ވާހަކަފުޅު ދައްކަވާލެއްވުމުން، އެއީ އެންމެ ފަޞާޙަތްތެރި ބޭފުޅާއޭ ހިތަށް އަރައެވެ. އަދި އެކަލޭގެފާނު ޢިލްމީ ބަހުސެއް ކުރަށްވާ އަޑު އިވުމުން، އެއީ އެންމެ ޢިލްމުވެރި ބޭފުޅާއޭ ތިމަންގެ ހިތަށް އަރައެވެ." އަމީރުލް މުއުމިނީން ޢުމަރު ބިން އަލްޚައްޠާބު (ރ.ޢ.) ދައުލަތުގެ މުހިންމު ކަންކަމުގައި އެކަލޭގެފާނުގެ ލަފާފުޅު ހޯއްދަވައެވެ. އަދި އެކަލޭގެފާނަކީ "ފިކުރު ހަރުދަނާ ޒުވާނެއް" ކަމުގައި ސިފަކުރެއްވިއެވެ.

ސަޢުދު ބިން އަބީ ފަޤާޞް (ރ.ޢ.) އެކަލޭގެފާނާ ބެހޭގޮތުން ވިދާޅުވިއެވެ: "ވިސްނުން ތޫނުކަމާއި، ޢިލްމުވެރިކަމާއި، ޙިކުމަތްތެރިކަމުގައި އިބްނު ޢައްބާސްއަށްވުރެ ކުރިއަރާފައިވާ ބޭފުޅަކު ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ. ބަދުރުގެ ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި މުހާޖިރިންނާއި އަންޞާރީންގެ ތެރޭގައި ތިއްބެވި ބޮޑެތި ޞަޙާބީންގެ މަޖިލީސްތަކަށް، އުނދަގޫ މައްސަލަތަކުގައި މަޝްވަރާކުރެއްވުމަށް ޢުމަރުގެފާނު އެކަލޭގެފާނު ގެންނަވައެވެ. އިބްނު ޢައްބާސް ވާހަކަފުޅު ދެއްކެވުމުން ޢުމަރުގެފާނު އެކަލޭގެފާނުގެ ބަސްފުޅަށް ނުހަނު ބޮޑަށް އިޙްތިރާމްކުރައްވައެވެ." މި މަތިވެރި ސިފަތަކުގެ ސަބަބުން ޢަބްދުﷲ އިބްނު ޢައްބާސް (ރ.ޢ.) އަށް "މި އުންމަތުގެ ޢިލްމުވެރިޔާ" ގެ ލަޤަބު ދެވުނެވެ.

ޢަބްދުﷲ އިބްނު ޢައްބާސް (ރ.ޢ.) އަކީ ހަމައެކަނި ޢިލްމު އެއްކުރެއްވި ބޭފުޅެއް ނޫނެވެ. ޢިލްމު ހޯދަން ބޭނުންވާ މީހުންނާއި އާންމު މުސްލިމުންނަށް އުނގަންނައިދިނުމަކީ އުންމަތަށްޓަކައި އަދާކުރަންޖެހޭ ވާޖިބެއްކަމުގައި އެކަލޭގެފާނު ދެކެވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނު އުނގަންނައިދެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. އެކަލޭގެފާނުގެ ގެކޮޅަކީ ޢިލްމު އުނގަންނައިދޭ މަރުކަޒަކަށް ވެގެންދިޔައެވެ.

އެކަލޭގެފާނުގެ ދަރުސްތަކަށް މީހުންގެ ބޮޑު ތަރުޙީބެއް ލިބުނެވެ. އެކަލޭގެފާނުގެ އެކުވެރިއަކު އެ މަންޒަރު ސިފަކުރަމުން ބުންޏެވެ: "އެކަލޭގެފާނުގެ ގެކޮޅާ ދިމާލަށް އޮތް މަގުތަކުން މީހުން އަންނަމުން ގޮސް، ގޭގެ ކުރިމަތީގައި ހިނގާބިނގާވެ އުޅޭނެ ޖާގައެއްވެސް ނެތެވެ. ތިމަން އެތެރެއަށް ގޮސް މީހުން އެއްވެފައި އޮތްވަރު ދެންނެވުމުން، އެކަލޭގެފާނު ވުޟޫކުރެއްވުމަށް ފެން ގެނައުމަށް އެދިވަޑައިގަތެވެ. ވުޟޫކުރަށްވައިގެން އިށީނދެވަޑައިގަތުމަށްފަހު ވިދާޅުވިއެވެ: 'ބޭރަށް ގޮސް ބުނާށެވެ، ޤުރުއާނާއި އޭގެ އަކުރުތަކާ (ކިޔަވާ ގޮތާ) ބެހޭގޮތުން ސުވާލުކުރަން ބޭނުންވާ މީހުން އެތެރެއަށް ވަންނާށެވެ.' ތިމަން އެފަދައިން ބުނުމުން ގެ ފުރެންދެން މީހުން ވަނެވެ. ކުރެވުނު ކޮންމެ ސުވާލަކަށް އެކަލޭގެފާނު ފުރިހަމަ ޖަވާބު ދެއްވައި އިތުރު މަޢުލޫމާތުވެސް ދެއްވިއެވެ. ދެން އެބޭފުޅުންނަށް ނިކުންނަން ބުނުމަށްފަހު، ޤުރުއާނުގެ ތަފްސީރާ ބެހޭގޮތުން ސުވާލުކުރަން ބޭނުންވާ މީހުންނަށް ވަނުމަށް ބުންޏެވެ."

މިފަދައިން ފިޤުހު ޢިލްމާއި، ޙަލާލާއި ޙަރާމް، ތަރިކައިގެ ޤާނޫނުތައް، ޢަރަބި ބަހުގެ ޢިލްމު، ޅެންވެރިކަން އަދި ބަހުގެ އަޞްލުތަކާ ބެހޭގޮތުން ސުވާލުކުރަން ބޭނުންވާ އެކި ޖަމާޢަތްތަކަށް ވަކިވަކިން ފުރުޞަތު ދެއްވައިގެން އެކަލޭގެފާނު އުނގަންނައިދެއްވިއެވެ.

މީހުން ގިނަވެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ކޮންމެ ދުވަހަކު ވަކި ޢިލްމެއް އުނގަންނައިދިނުމަށް އެކަލޭގެފާނު ނިންމެވިއެވެ. އެގޮތުން އެއް ދުވަހު ހަމައެކަނި ޤުރުއާން ތަފްސީރު، އަނެއް ދުވަހު ފިޤުހު ޢިލްމު، އަދި ރަސޫލާ ﷺ ގެ ޣަޒަވާތްތަކާއި، ޅެންވެރިކަމާއި، އިސްލާމްދީނުގެ ކުރީގެ ޢަރަބިންގެ ތާރީޚު ފަދަ ކޮންމެ ދާއިރާއަކަށް ވަކި ދުވަހެއް ކަނޑައެޅުއްވިއެވެ.

ޢަބްދުﷲ އިބްނު ޢައްބާސް (ރ.ޢ.) އުނގަންނައިދެއްވުމުގައި ބޭނުންކުރެއްވީ ވަރުގަދަ ހަނދާނަކާއި ތޫނުފިލި ބުއްދިއެކެވެ. އެކަލޭގެފާނުގެ ޝަރަޙަތަކަކީ ސީދާ، ސާފު އަދި ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ޝަރަޙަތަކެކެވެ. އެކަލޭގެފާނު ދައްކަވާ ވާހަކަފުޅުތަކަކީ ދީނީ ނައްޞުތަކާއި ތާރީޚީ ޙަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ދަލީލުތަކެކެވެ.

ޢުޘްމާން ބިން ޢައްފާން (ރ.ޢ.) ގެ ޚިލާފަތުގައި ޢަބްދުﷲ ގެފާނަށް އިޖުތިމާޢީ އަދި ސިޔާސީ ގޮތުން މަތިވެރި މަޤާމެއް ލިބިވަޑައިގަތެވެ. ހިޖުރައިން 35 ވަނަ އަހަރުގެ ޙައްޖުގެ އަމީރަކަށް އެކަލޭގެފާނު އިސްކުރެއްވިއެވެ. ޢުޘްމާންގެފާނު ޝަހީދުކޮށްލެވުނު ވަގުތު އެކަލޭގެފާނު މަދީނާގައި ވަޑައިގެން ނެތީ އެ ސަބަބަށްޓަކައެވެ. އޭގެ ފަހުން ޢަލީ ބިން އަބީ ޠާލިބް (ރ.ޢ.) ގެ ވެރިކަމުގައި، އެކަލޭގެފާނު ސަފީރެއްގެ ގޮތުން ބޭނުންކުރެއްވިއެވެ. އަދި ބަޞަރާގެ ގަވަރުނަރުކަންވެސް އެކަލޭގެފާނަށް ދެއްވިއެވެ. އުމުރުން ދުވަސްވީ ފަހުން އެކަލޭގެފާނުގެ ލޮލުގެ ފެނުން ގެއްލިވަޑައިގަތެވެ. އެކަލޭގެފާނު ދިރިއުޅުއްވުން ޠާއިފަށް ބަދަލުކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 68 ވަނަ އަހަރު، އުމުރުފުޅުން 71 އަހަރުގައެވެ.

ޢަބްދުﷲ އިބްނު ޢައްބާސް (ރ.ޢ.) އަކީ އަޅުވެރިކަމުގައި ދެމިހުންނެވި ބޭފުޅެކެވެ. ސުންނަތް ރޯދަ ހިއްޕަވައި، ރޭގަނޑުގެ ބޮޑުބައި އަޅުކަމުގައި ހޭދަކުރެއްވިއެވެ. ނަމާދުގައްޔާއި ޤުރުއާން ކިޔަވާއިރު އެކަލޭގެފާނު ނުހަނު ގިނައިން ކީރިތިކުރައްވައެވެ. ވަކިން ޚާއްޞަކޮށް މަރާއި، ޤިޔާމަތާއި، އާޚިރަތާ ބެހޭ އާޔަތްތައް ކިޔަވާއިރު، އެކަލޭގެފާނު ބާރަށް ގިސްލައި ކީރިތިކުރައްވާ އަޑު އިވެއެވެ.



ކިޔުންތެރިންގެ ހިޔާލު