ޑޮކްޓަރ އާމިނަތު ފަޒްނާ
ޑޮކްޓަރ އާމިނަތު ފަޒްނާ
ކުޑަކުދިންގެ ހެދިބޮޑުވުމުގެ އުނިކަންތައްތަކަށް ފަރުވާދިނުމަށް ޚާއްޞަވި ދިވެހި ފުރަތަމަ ޑޮކްޓަރ އާމިނަތު ފަޒްނާ އަވަހާރަވެއްޖެއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުން 47 އަހަރުގައި ޑރ. ފަޒްނާ އަވަހާރަވީ މިއަދު މާލޭގައެވެ. ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލް ކުރެއްވުމަށްފަހު، ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓަލް ޕީޑިއަޓްރިކް ސަބް-ސްޕެޝަލިސްޓެއްގެ ގޮތުގައި ޑރ. ފަޒްނާ އައި.ޖީ.އެމް.އެޗްގައި ބަލިމީހުން ބައްލަވަން ފެއްޓެވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އެކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު އާމިނަތު ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީއެމް.އެޗް.ގެ ހުރިހާ މުވައްޒަފުންނަށާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރަށްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

އަދި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ހަލީމް ޑރ. ފަޒްނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވަމުން ވިދާޅުވީ، ޑރ. ފަޒްނާ އަކީ ކުޑަކުދިންގެ ހެދިބޮޑުވުމުގެ އުނިކަންތައްތަކަށް ފަރުވާ ދިނުމުގެ ދާއިރާ ރާއްޖޭގައި ފަށްޓަވައި، އެ ދާއިރާ ކުރިއެރުވުމަށް ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ޤާބިލް ޑޮކްޓަރެއް ކަމަށެވެ. އަދި ޑޮކްޓަރުގެ މަސައްކަތްޕުޅަކީ ކުރިމަގުގެ ސިއްހީ ޖީލުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ހަލީމް ސިފަކުރެއްވިއެވެ.

އޭގެއިތުރުން ހަލީމް ވިދާޅުވީ، ޑރ. ފަޒްނާގެ ހިތްވަރާއި، އޯގާތެރިކަމާއި، މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުން، ގިނަ އަދަދެއްގެ ކުދިންނާއި އާއިލާތަކަށް އުންމީދާއި ހިތްހަމަޖެހުން ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި ޑޮކްޓަރ ދެއްކެވި ހިދުމަތުގެ ފުރިހަމަ ނަމޫނާއަކީ ސިއްހީ ދާއިރާގައި އަބަދުވެސް ފާހަގަކުރެވޭނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ. ފަޒްނާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.



ކިޔުންތެރިންގެ ހިޔާލު