މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމެމުންދާ މަންޒަރު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް ވަޙީދު (ވައްޑެ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މުޢިއްޒު ބައްލަވާލެއްވުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ސިފަކުރަމުންދާ ދަނޑިވަޅެއްގައި، ވައްޑެ ވިދާޅުވީ މުޅި ދައުރެއް ނިމިގެން މިދަނީ މާލޭ ބޭރުމަގުން ކުޑަ ތަންކޮޅެއް ނިމޭ މަންޒަރު ބަލަން ތިއްބާ ކަމަށެވެ. ބޭރުމަގުގައި ހަދަމުންދާ ކުޑަ ތަންކޮޅެއް ބައްލަވާލައްވަމުން ގެންދެވުމުގައި ދައުރެއް ނިންމާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެއްކޮށް ނިންމައި، މި ހިނގާ މަހުގެ 26 ވަނަ ދުވަހުގެ ކުރިން އާންމުންނަށް ހުޅުވާލާނެއެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ ޓްރެފިކްގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ދަނޑިވަޅެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީ ވަނީ ހިމަބިހި އާދަޔާ ޚިލާފަށް ނުފެތުރޭ ކަމަށާއި، ކޮންޓްރޯލް ނުކުރެވޭ ހާލަތަކަށް ނުދާ ކަމަށް ވިދާޅުވެފައެވެ.

އެކަމާގުޅިގެން، ސަރުކާރުގެ އިޚުލާޞްތެރިކަމާ މެދު ސުވާލު އުފައްދަވަމުން ވައްޑެ ވިދާޅުވީ، ވެރިން ދޮގުހެދުން އާންމުވުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. "މި މީހުން ތެދެއް ބުންޏަސް މިހާރު ގަބޫލުކުރަން ރައްޔިތުންނަށް އުނދަގޫވާނެ. ވެރިން ދޮގުހެދުން އާއްމުވުމަކީ ނުރައްކާ ކަމަކަށް ވަނީ އެހެންވެގެން،" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ސަރުކާރުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފައްދަވާފައިވާއިރު، މާލޭގެ މަގު ހެދުމުގެ މަސައްކަތް އަވަސްކޮށް ނިންމުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިސަރުކާރާއެކު ތަރައްޤީގެ ދުވެލި ވަނީ މަޑުޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު