ވިއްސާރަ މޫސުމުގެ ފިނިކަމާއި، ބޯކޮށް ވާރޭވެހޭ ވަގުތުތަކަކީ ހޫނު ބުއިމަކަށް ހިތް އެދޭ ވަގުތުތަކެކެވެ. މިގޮތުން ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ދެ ބުއިމަކީ ސައި ނުވަތަ ކޮފީއެވެ. މި ދެ ބުއިމަކީވެސް އޭގެ ޒާތުގައި ތަފާތު ފައިދާތަކެއް އެކުލެވިގެންވާ ދެ ބުއިމެވެ. ނަމަވެސް، ސިއްހީ ގޮތުންނާއި ހަށިގަނޑަށް ލިބޭ އަރާމަށް ބަލާއިރު މި މޫސުމަށް އެންމެ އެކަށީގެންވަނީ ކޮން ބުއިމެއްތޯ ބަލައިލުން މުހިންމެވެ.

ސަޔަކީ ވިއްސާރަ މޫސުމުގައި ޖެހޭ ރޯގާތަކާއި ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްތަކުން މުއްސަނދި ބުއިމެކެވެ. ހާއްސަކޮށް "ކެޓެޗިން" ފަދަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ. މީގެ އިތުރުން، އިނގުރު، ފޮނިތޮށި ނުވަތަ ކަަރަންފޫ އަޅައިގެން ތައްޔާރުކުރާ މަސާލާ ސަޔަކީ ކަރުގައި ރިއްސުމާއި، އަރިދަފުސް ރޯގާގެ އުނދަގޫތަކަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. ސަޔަކީ ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދީ، ނަފްސާނީ ގޮތުން ހަމަޖެހުން ގެނެސްދޭ ބުއިމެކެވެ.

ކޮފީއަކީ އޭގައި ހިމެނޭ ކެފެއިންގެ ސަބަބުން ވަގުތުން ވަގުތަށް ހަށިގަނޑަށް ހަކަތަ ގެނެސްދޭ ބުއިމެކެވެ. ވިއްސާރަ ދުވަސްވަރު އިހުސާސްކުރެވޭ ކަންނެތްކަމާއި ފޫހިކަން ފިލުވައިލުމަށް ކޮފީއަކީ ފާހަގަކޮށްލެވޭ ބުއިމެކެވެ. ކޮފީގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދެއެވެ. ކަޅު ކޮފީއަކީ ހަކުރު ބައްޔާއި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށްވެސް އެހީތެރިވެދޭ ބުއިމެކެވެ.

ވިއްސާރަ މޫސުމަކީ ޖަރާސީމުގެ ސަބަބުން ޖެހޭ ބަލިތައް ގިނަ ދުވަސްވަރަކަށް ވުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ސައި އިސްކަންދެއެވެ. ސަޔަކީ ހަޖަމުކުރުމުގެ ނިޒާމަށް ލުއި ބުއިމަކަށް ވާއިރު، މާގިނައިން ކޮފީ ބުއިމަކީ ބައެއް މީހުންނަށް ބަނޑުގައި އެސިޑް އުފެދުމާއި ހަޖަމުކުރަން އުނދަގޫވާ ކަމެކެވެ. އެހެންކަމުން، ބަނޑުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ވިއްސާރަ ދުވަސްވަރު އެންމެ ރަނގަޅީ ސައެވެ.

ސަޔާއި ކޮފީ، މި ދެ ބުއިމަކީވެސް އޭގެ ޒާތުގައި ފައިދާހުރި އެއްޗެހި ނަމަވެސް، ވިއްސާރަ މޫސުމުގެ ފިނިކަމާ އެންމެ ގުޅެނީ "ހާބަލް" ސައި ނުވަތަ މަސާލާ ސައެވެ. އޭގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހޫނުކަމާއި ބަލިތަކުން ދިފާއުވުމުގެ ބާރު ލިބެއެވެ. ނަމަވެސް، ހަކަތަ ބޭނުންވާ ވަގުތުތަކުގައި ކޮފީއަކީވެސް ރަނގަޅު ބުއިމެކެވެ. އެންމެ މުހިންމު ކަމަކީ މާގިނައިން ހަކުރު ނާޅައި، މިންގަނޑެއްގެ ތެރޭގައި މި ބުއިންތައް ބޭނުންކުރުމެވެ. ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތަކީ ތިމާގެ ސިއްހީ ހާލަތަށް ބަލައި، އެ ވަގުތަކު ހަށިގަނޑަށް އެންމެ ބޭނުންވާ ބުއިމެއް އިހުތިޔާރު ކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު