ކުރީގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ)
ކުރީގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ)
މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ގަވައިދާ ޚިލާފަށް ހަދާފައިވާ ގުދަނެއް ހުސްކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންގި އެންގުމާ ދެކޮޅަށް، ކުރީގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ކުންފުނި، ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.

އެފްއޭއެމުން ބުނާ ގޮތުގައި އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އެ އެސޯސިއޭޝަންގެ އެކްސްކޯއިން ނިންމީ، އެތައް ފަހަރަކު ބިން ހުސްކުރަން އެންގުމުން ވެސް އެކަމަށް ދެކޮޅު ހެދުމުންނެވެ.

މި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެފައިވާއިރު، ފިއުޗާ ހޯމްސްއިން ވަނީ އެ ބިން ހުސްކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށާއި، އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތްކަން ކަނޑައަޅައި ދިނުމަށް އެދިފައެވެ.

އެފްއޭއެމުން ހާމަކުރި ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން 50 އަހަރަށް ފީފާގެ ޕްރޮޖެކްޓްތަކަށް ހާއްސަކޮށްފައިވާ އެ ސަރަހައްދުގައި، އޮއްޕޮގެ ކުންފުނިން 2،700 އަކަފޫޓުގެ ބިމުގައި ގަވައިދާ ޚިލާފަށް ދެ ބުރީގެ ގުދަނެއް އަޅާފައިވެއެވެ. މި އިމާރާތާ ގުޅޭގޮތުން އެފްއޭއެމުން ފާހަގަކުރާ ގޮތުގައި، އެތަން ދޫކޮށްފައި ވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް ބުނި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ރަސްމީ އެއްބަސްވުމެއް އެ އެސޯސިއޭޝަނާއެކު ހަދާފައެއް ނުވެއެވެ.

އަދި މި އިމާރާތަކީ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުގެ އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާ ނުލައި ހަދާފައިވާ ތަނެއްކަން ކަމާބެހޭ އިދާރާތަކުން އެފްއޭއެމަށް އަންގާފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު