އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ނުކުޅެދިފައިވާކަން މިހާރު ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. ވަކިން ޚާއްޞަކޮށް، ޑޮލަރުގެ އަގު ހިފަހައްޓައި، އިޤުތިޞާދީ ދާއިރާއިން ގެންނާނެ ކަމަށް ބުނި އިންގިލާބީ ބަދަލުތަކާއި، ރައްޔިތުންނަށް ދިން އުއްމީދުތައް މިއަދު ވަނީ ގެއްލިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ތެރޭގައި، ޑޮލަރުގެ އަގު 15.42 ރުފިޔާއަށް ވުރެ ދަށަށް ތިރިކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވި ނަމަވެސް، މިއަދު މަޖިލީހުގައި ފެނިގެންދިޔައީ އެ ވަޢުދުތަކާ ކުރިމަތިލެއްވުމުގެ ބަދަލުގައި، އޭގެ ޒިންމާ ކުރީގެ ސަރުކާރުތަކުގެ ބޮލުގައި އަޅުއްވައި ރެކިވަޑައިގަންނަވަން މަސައްކަތް ކުރެއްވި މަންޒަރެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ޑޮލަރުގެ މައްސަލަ ހައްލުކުރާނެ ކަމަށް ވިދާޅުވި ވާހަކަތަކާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި، މައުޟޫޢު އޮޅުވާލައްވައި ދެއްކެވި ބަހަނާތަކަކީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަން ހާމަކޮށްދޭ ހެއްކެކެވެ.

ޤައުމުގެ އިޤުތިޞާދީ ހާލަތާ މެދު ރައްޔިތުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައިވެސް، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަގީގަތް ފޮރުވައި، އިދިކޮޅު ފަރާތްތަކަށް އިނގިލި ދިއްކުރުމަށެވެ. މިއީ މައްސަލަތައް ހައްލުކުރުމަށް އޮތް ހުރަހެކެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އެދެވޭ ހައްލެއް ފެންނާކަށް ނެތެވެ. މިނިސްޓަރުގެ އަމަލުތަކުން ދޭހަވަނީ، އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރައްޔިތުންނަށް ދެއްކެވި "އިޤުތިޞާދީ ހުވަފެންތަކަކީ" އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމެވެ.



ކިޔުންތެރިންގެ ހިޔާލު